ޗައިނާގެ ޗޮންޗިންގ އެއާލައިންސް އިން ރާއްޖެއަށް ދަތުރުތައް ފަށައިފިއެވެ.
ޗައިނާގެ ޗޮންޗިންގ ސިޓީއިން ސްރީލަންކާގައި ޓްރާންސިޓްކުރުމަށްފަހު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖެއްސި ފުރަތަމަ ފްލައިޓަށް މަރުހަބާކިޔުމަށްވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.
82 ފަސިންޖަރުންނާއެކު ޗޮންޗިންގ އެއާލައިންސްގެ ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްށް ޖައްސާފައިވަނީ އިއްޔެ ހަވީރު 05:40 ގައެވެ.
އެއަރލައިނަށް މަރުހަބާ ކިޔުމަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ކުރިއަށް ދިޔަ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޓޫރިޒަމް އިބްރާހީމް ފައިސަލް، ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، ވާންގް ލީޝިންގ، އެމް.އޭ.ސީ.އެލްގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދު، ޗޮންޗިންގ އެއާލައިންގެ ވައިސް ޕްރެސިޑެންޓް ޝިޔެ ޖިންގޕިންގ، އެމް.އެމް.ޕީ.އާރ.ސީ އަދި މަޓާޓޯގެ އިސްވެރިންގެ އިތުރުން އެމް.އޭ.ސީ.އެލްގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންފައި ވެއެވެ.
މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމް.އޭ.ސީ.އެލްގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ، އިބްރާހީމް ޝަރީފް މުޙައްމަދު ވިދާޅުވީ، އެމް.އޭ.ސީ.އެލްއިން އަބަދުވެސް މަސައްކަތްކުރަނީ ފަތުރުވެރިކަމުގެ ސިނާއަތާއި ދުނިޔެއާއި ގުޅުވާލަދޭ ފާލަމެއްގެ ގޮތުގައި ކަމަށާއި، ފަތުރުވެރިކަމުގެ ސިނާއަތާއި ގުޅިގެން ރާއްޖެއަށް ގިނަ އެއަރލައިންތައް ގެނައުމަށް އަބަދުވެސް މަސައްކަތްކުރައްވާނެ ކަމަށެވެ.
ޗައިނާއާއި ރާއްޖެއާއި ދެމެދުގައި އޮތް އެކުވެރިކަމުގެ ގުޅުމަށް އިޝާރަތްކުރައްވާ ސީ.އީ.އޯ ވިދާޅުވީ، ޗައިނާގެ މުހިންމު ސިޓީތަކުން ރާއްޖެއަށް ދަތުރުކުރަން ފެށުމަކީ އިޤްތިސާދީ އެކި ދާއިރާތަކުން ރާއްޖެއަށް ކުރިއެރުން އަންނާނެ ކަމެއްކަމަށެވެ. ރާއްޖެއަށް ޒިޔާރަތްކުރާ ޗައިނާ ފަތުރުވެރިންގެ އަދަދު އިތުރުވެގެން ދާކަން ފާހަގަކޮށް ފަތުރުވެރިކަމުގެ ސިނާއަތުގެ އެކި ފަރާތްތަކުން ގުޅިގެން ކުރާ މަސައްކަތްތަކަށް ސީ.އީ.އޯ ވަނީ ޝުކުރު އަދާކުރައްވާފައެވެ.
މި ރަސްމިއްޔާތުގައި އެއަރލައިންގެ ވައިސް ޕްރެޒިޑެންޓް، ޝިޔެ ޖިންގޕިންގ ވަނީ މި ދެ މަންޒިލް ގުޅުވާލުމުން އުފެދިގެންދާނެ އިޤްތިސާދީ ފުރުސަތުތައް ފާހަގަކުރައްވާފައެވެ. އެގޮތުން ޗޮންގޗިންގ ސިޓީއަކީ ޗައިނާގެ އިޤްތިސާދީ އެކިދާއިރާތަކުން ފާހަގަކޮށްލެވޭ ސިޓީއެއްކަމަށާއި ރާއްޖޭގެ ވިޔަފާރިވެރިންނަށް މި އުފެދުނު އައު ގުޅުމުގެ ސަބަބުން ހެޔޮ އަސަރުތަކެއް ކުރާނެކަމަށް އުންމީދު ކުރައްވާކަމަށް ވަނީ ވިދާޅުވިއެވެ.
ޗޮންޗިންގ އެއަރލައިންގ އިން ރާއްޖެއަށް ހަފުތާއަކު ތިން ދަތުރުކުރާނެއެވެ. މި ދަތުރުތަކުގައި ބޭނުންކުރާނީ އެއަރބަސް އޭ320 މަރުކާގެ 165 ސީޓުގެ ފްލައިޓެވެ. ޗައިނާގެ ތިން އެއާލައިނަކުން މިހާރު ވެސް ރާއްޖެއަށް ދަތުރުތައް ކުރެއެވެ. އެއީ ބެއިޖިން ކެޕިޓަލް، ސިޗުއާން އެއަރލައިންސް އަދި ޗައިނާ އީސްޓަރންއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް