ލަންކާމަގުން ރާއްޖެ އެތެރެކުރަން ފައްކާކުރަމުންދިޔަ 5 ކިލޯގެ ކްރިސްޓަލް މެތު އަތުލައިގެންފި – މަގުމަތީ އަގު 10 މިލިޔަނަށް އަރާނެ !

ލަންކާމަގުން ރާއްޖެ އެތެރެކުރުމަށް ފައްކާކުރަމުންދިޔަކަމަށް ބެލެވޭ، ގާތްގަނޑަކަށް ފަސް ކިލޯގެ ކްރިސްޓަލް މެތު ލަންކާގެ ކަސްޓަމްސް އިން އަތުލައިގެންފިއެވެ. އެގޮތުން ލަންކާގެ މީޑިއާތަކުން މިއަދު ރިޕޯޓުކ...

25 Jun 2024 | 11:12

ލަންކާމަގުން ރާއްޖެ އެތެރެކުރުމަށް ފައްކާކުރަމުންދިޔަކަމަށް ބެލެވޭ، ގާތްގަނޑަކަށް ފަސް ކިލޯގެ ކްރިސްޓަލް މެތު ލަންކާގެ ކަސްޓަމްސް އިން އަތުލައިގެންފިއެވެ.

އެގޮތުން ލަންކާގެ މީޑިއާތަކުން މިއަދު ރިޕޯޓުކޮށްފައިވާގޮތުގައި ލަންކާގެ ކަސްޓަމްސް ނާކޮޓިކްސް ކޮންޓްރޯލް ޔުނިޓާއި ޕޮލިސް ނާކޮޓިކްސް ބިއުރޯއިން މި ތަކެތި އަތުލައިގަތީ ޕާކިސްތާނުން ލަންކާއަށް އެތެރެކުރި ފޮށިތަކަކުންނެވެ. އެ ފޮށިތަކުގައި ބާލީހާއި ޑުވެޓް ކަވަރު ހުރިއިރު ރީތިކޮށް އެތަކެތީގެ ތެރޭގައި ނޭނގޭނެހެން ފޮރުވާފައިހުރި 47 ޕެކެޓު މެތަފެޓަމިން (ކްރިސްޓަލް މެތު) ފެނުނު ކަމަށް ރިޕޯޓުކޮށްފައިވެއެވެ.

އަދި އެތަކެތި ފެނުމުން އެ ފޮށިތަކާ ހަވާލުވާން އަންނަނީ ކޮންބައެއްތޯ ބަލަން މަޑުކޮށް އެ ފޮށިތަކާ ހަވާލުވާން ދިޔަ ތިން މީހަކު ހައްޔަރުކޮށް އެ ތަކެއްޗަކީ ޕާކިސްތާނު މީހަކު ރާއްޖޭ މީހަކަށް ފޮނުވި އެއްޗެހިތަކެއްކަން ދެނެގަނެވިފައިވާކަމަށާއި އަދި އެތަކެއްޗާއި ހަވާލުވާންދިޔަ މީހުން ކުޅުނީ މެދުވެރިއެއްގެ ރޯލުކަންވެސް ދެނެގަނެވިފައިވާކަމަށް ލަންކާގެ ކަމާބެހޭ ފަރާތްތަކާ ހަވާލާދީ ރިޕޯޓުކޮށްފައިވެއެވެ.

ރިޕޯޓުކޮށްފައިވާގޮތުގައި މި ތަކެތީގެ މަގުމަތީގެ އަގު ލަންކާ ރުޕީސް އިން ބަލާނަމަ 200 މިލިޔަން ރުޕީސް އަށް އަރާނެއެވެ. ދިވެހި ރުފިޔާއިން ބަލާނަމަ އެއީ ގާތްގަނޑަކަށް 10 މިލިޔަން ރުފިޔާއެވެ.

މި ކަމާއި ގުޅިގެން ދިވެއްސަކު ހައްޔަރުކުރިކަމެއް އަދި ރިޕޯޓުކޮށްފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް