ހައްޖުގެ މަތިވެރި އަޅުކަމުގައި ހައްޖުވެރިންނަށް އެހީތެރިވުމުގައި މި އަހަރު ހަރަކާތްތެރިވާ އެންމެ ހަގު އަންހެން ވޮލަންޓިއަރަކީ މަރިއަމް މަހްދާރެވެ.
މި އަންހެން ކުއްޖާގެ ވީޑިއޯއެއް ސައޫދީ ހައްޖު މިނިސްޓްރީން ގެނެސްދީފައިވާއިރު މި އަންހެން ކުއްޖާ ބުނެފައިވަނީ ހައްޖުވެރިންނަށް އެހީތެރިވުމަށް ފުރުސަތު ލިބުމަކީ ވަރަށް ފަހުރުވެރިވާ ކަމެއް ކަމަށެވެ. އަދި މި ހަރަކާތަށް ނިކުތުމަށް އެންމެ ބޮޑަށް ބާރު އަޅަނީ އޭނާގެ ބައްޕަ ކަމަށެވެ.
"ހައްޖުވެރިންނަށް އެހީތެރިވާން އުޅޭ ޑަކުޓަރެއް ފަދައިން، ސެކިއުރިޓީ އޮފިޝަރެއް ފަދައިން، ހަމަ އެ ފަހުރު އިހްސާސް ކުރެވޭ" މަރިއަމް ބުނެފައިވެއެވެ.
މިދިޔަ އަހަރުވެސް އޭނާގެ ބައްޕައާއެކު ހައްޖުވެރިންނަށް އެހީތެރިވުމުގައި ހަރަކާތްތެރިވެފައިވާ މަރިއަމް ބުނެފައިވަނީ ހައްޖުގެ އަޅުކަން ނިމި ހައްޖުވެރިން އަނބުރާ ގައުމުތަކަށް ދިއުމުން ދެރަވާކަމަށާއި އަނެއްކާވެސް އަހަރެއް ދުވަހު މަޑުކުރަން ޖެހޭތީ ހުންނަނީ ކެތްމަދުވެފައި ކަމަށެވެ.
ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް މިހާތަނަށް 1.6 މިލިޔަން މީހުން ސައޫދީ އަރަބިއްޔާއަށް ގޮސްފައިވާކަމަށް އިއްޔެ އެ ގައުމުން ބުނެފައިވެއެވެ. އަދި މި އަހަރުގެ ހައްޖުގެ އަޅުކަމުގައި ދެ މިލިޔަނަށްވުރެ ގިނަ ހައްޖުވެރިންނަށް ފުރުސަތުދޭނޭ ކަމުގައިވެސް ސައޫދީން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް