އިލެކްޝަންސް ކޮމިޝަން އެހެން މަޑުން އޮތަކަ ނުދޭނަން: ޝިޔާމް

ރިޔާސީ އިންތިހާބު މިހާ ގާތްވެފައިވާއިރު އިލެކްޝަންސް ކޮމިޝަން މަޑުން އޮތަ ނުދެއްވާނެ ކަމުގައި ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ޝިޔާމް މިހެން ވ...

25 Jun 2023 | 14:45

ރިޔާސީ އިންތިހާބު މިހާ ގާތްވެފައިވާއިރު އިލެކްޝަންސް ކޮމިޝަން މަޑުން އޮތަ ނުދެއްވާނެ ކަމުގައި ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިހެން ވިދާޅުވީ އިދިކޮޅު ޕާޓީތައް ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ މަސައްކަތްތަކާއިމެދު ކަންބޮޑުވުން ފާޅުކޮށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ އެ ބައްދަލުކުރެއްވުމުގައި ޕީޕީއެމް/ޕީއެންސީ ކޯލީޝަންގެ އިތުރުން ޖޭޕީ، އެމްއެންޕީ، ދަ ޑިމޮކްރެޓްސް އަދި އެމްއާރްއެމްއިން ބައިވެރިވެފައިވެއެވެ.

ޝިޔާމް ވިދާޅުވީ ރިޔާސީ އިންތިހާބަށް ދެ މަހާއި 14 ދުވަހަށް ގާތްވެފައިވާއިރު އެ ކޮމިޝަންގެ ފަރާތުން ފެންނަމުން އަންނަނީ މާޔޫސްވާކަހަލަ ކަންތައްތަކެއް ކަމަށެވެ.

"ހިންގަމުން އެދަނީ ސަރުކާރުގެ ނުފޫޒު އިންތިހާއަށް އޮވެގެންކަން އެބަ ދަލީލުކޮށްދޭ" ޝިޔާމް ވިދާޅުވިއެވެ.

ދަ ޑިމޮކްރެޓްސް ރަޖިސްޓްރީ ކުރުމުގެ ހުއްދަ ދިނުން ލަސްވާ ލަސްވުމާއިމެދުވެސް ޝިޔާމް ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އެގޮތުން އެ ހުއްދަ ދޭން ނިންމަންވާނީ އިލެކްޝަންސް ކޮމިޝަންގެ ދޮށަށް އެއްވީމާ ނޫންކަމުގައި ޝިޔާމް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ސަރުކާރުން އިންތިހާބާ ދިމާކޮށް ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކޮށް، އެހެން ޕާޓީތަކުގެ ސިޔާސީ ހަރަކާތްތަކަށް ހުރަސް އެޅުމުގައި ސިފައިންނާއި ފުލުހުން ބޭނުންކޮށްގެން ހިންގާ އަމަލުތައް އިލެކްޝަންސް އަށް ނުފެންނަ ކަމަށެވެ.

"ސަޕޯޓަރުންނަށާ ރައްޔިތުންނަށް އަރުވާ ޔަގީންކަމަކީ މާ މަޑުން އޮންނަން ފުރުސަތު ދޭކަށް ނެތީމު" ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް އިތުރަށް ވިދާޅުވީ ރައްޔިތުންގެ މަޖިލިސް މިވަގުތު ރިސެސްގައި އޮތްނަމަވެސް ސިޔާސީ މަސައްކަތް ގުޅިގެން ކޮށް ޖަވާބުދާރީ ކުރުމުގައި ޕީޕީއެމް/ޕީއެންސީ ދެމިއޮންނާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް