މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އުވާލަން ނިންމައި އެކަން އިއުލާނުކުރުމުން އެ ޕާޓީން ރިޔާސީ އިންތިހާބަށް ވަމުންދިޔަ ތައްޔާރީތަކަށް ހުރަސްއެޅިފައިވާކަމުގައި އެ ޕާޓީން ބުނެފިއެވެ.
އެ ޕާޓީން މިހެން ބުނެފައިވަނީ މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމް.އާރް.އެމް) އިން ސިޔާސީ ހަރަކާތް ހިންގުމުގައި މިވަގުތު އެއްވެސް ހުރަހެއްނެތްކަން ހާމަކޮށް އިއްޔެ ނެރުނު ނޫސްބަޔާނެއްގައެވެ.
އެ ނޫސްބަޔާނުގައި ބުނެފައިވަނީ ޤާނޫނު އަސާސީއާއި ސިޔާސީ ޕާޓީތަކުގެ ޤާނޫނުގެ ރޫޙާއި ޚިލާފަށް އިލެކްޝަންސް ކޮމިޝަނުން ހިންގާ މިފަދަ އަމަލުތަކުގެ ސަބަބުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބު އިންސާފުވެރިވާނެ ކަމުގެ އުންމީދު ކުޑަވެ ރައްޔިތުންގެ އިތުބާރު އެ ކޮމިޝަނާއިމެދު މިހާރު ގެއްލިފައިވާކަމަށެވެ.
"އެމް.އާރް.އެމް އުވާލުމަށް ނިންމި ކަމަށްބުނެ އިލެކްޝަންސް ކޮމިޝަން އިން އިޢުލާންކުރި ކުރުމަކީ ސިޔާސީ މަންފާއެއް ޙާސިލްކުރުމަށް ކުރިކަމެއްކަމަށް ޝައްކުކުރެވޭ ފަދަގޮތަކަށް ހިންގި ޤާނޫނާއި ޙިލާފު ކަމެއްކަމުގައި މި ޕާޓީއިން ދެކެމު" އެމްއާރްއެމްއިން ބުނެފައިވެއެވެ.
މި މޭރުމުން އެމްއާރްއެމްއިން ބުނެފައިވަނީ އެކަމުގެ ސަބަބުން ޕާޓީއަށްދަނީ ނުހަނު ގެއްލުން ވަމުންކަމަށެވެ. އެގޮތުން އެމް.އާރް.އެމް އަކީ މިހާރު ވުޖޫދުގައި ނެތް ޕާޓީއެއްކަމަށް ދެކެވި، ޕާޓީގެ މެންބަރުން އެހެން ޕާޓީތަކަށް ސޮއި ކުރުމާއި މި ޕާޓީއިން 2023 ގެ ރިޔާސީ އިންތިޚާބަށް ވަމުންއައި ތައްޔާރީތަކަށްވެސް ވަނީ ހުރަސްއެޅިފައިވާކަމަށެވެ.
"މިފަދަ އެންމެހާ ގޮންޖެހުންތަކާއެކުވެސް، ޒިންމާދާރު ފުރިހަމަ ސިޔާސީ ޕާޓީއެއްގެ ގޮތުގައި އިސްލާޙަށް މަސައްކަތް ކުރުމުގައި ފަސްޖެހުމެއް ނެތި އެމް.އާރް.އެމް ދެމިއޮންނާނެކަމުގެ ޔަޤީންކަން ޕާޓީގެ ލޮބުވެތި މެންބަރުންނާއި ދިވެހި ރައްޔިތުންނަށް އަރުވަމު" އެމްއާރްއެމްއިން ބުނެފައިވެއެވެ.
އެ ޕާޓީން ބުނެފައިވަނީ އީސީ ގެ މަސައްކަތަށް ސިޔާސީ ނުފޫޒު ފޯރާފައިވާ ކަމަށް ގިނަބަޔަކު ޤަބޫލު ކުރުމުގެ ޖާގަ އެބައޮތް ކަމަށާއި އަދި ޕާޓީތަކުގެ ކަންކަން ބެލެހެއްޓުމުގައި ޤާނޫނާ ގަވައިދާ، އަމިއްލައަށް ހަދާފައިވާ އުސޫލުތަކާ އެއްގޮތަށް މަސައްކަތްކުރަން ނުކުޅެދިފައިވާތަން ވެސް ފެންނަކަމަށެވެ. ވޯޓު ލާމީހުންގެ ލިސްޓު ތައްޔާރު ކުރުންފަދަ މުހިންމު ކަންކަމުގައިވެސް، އީސީގެ ޤާބިލްކަމާ މެދު ސުވާލު އުފެދޭވަރުގެ ބޮޑެތި މައްސަލަތައް ހުރިކަން ފާހަގަ ކުރެވޭ ކަމަށެވެ. އަދި ރައްޔިތުންގެ އިތުބާރު ހޯދުމަށްޓަކާ އެ ކޮމިޝަނުން ވަރަށް ބޮޑަށް މަސައްކަތް ކުރަން ޖެހޭކަމަށް އެ ޕާޓީން ދެކޭ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަންގެ މަސައްކަތް އިންސާފުވެރިކަމާ އެކީ ހިންގުމަށް ދިމާވެފައިވާ މައްސަލަތަކަކީ ކޮބައިކަން ދިވެހި ރައްޔިތުންނަށް ހާމަކޮށްދިނުމަށް އެ ކޮމިޝަންގެ ރައީސްއަށް އެމްއާރްއެމްއިން ގޮވާލާފައިވެއެވެ. އަދި އެ މައްސަލަތައް ހައްލުކުރުމުގައި މި ޕާޓީގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން ވެސް އަރުވާފައިވެއެވެ.
މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމް.އާރް.އެމް)ގެ މެންބަރުން ހަމަނުވާކަމަށްބުނެ އިލެކްޝަންސް ކޮމިޝަނުން 24 މެއި 2023 ގައި ޕާޓީ އުވާލަން ނިންމާފައިވާކަން އެންގުމާއި ގުޅިގެން އެމް.އާރް.އެމްގެ ފަރާތުން އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް ސިވިލް ކޯޓަށް ދަޢުވާއެއް ހުށަހަޅަން ގަސްތުކޮށް ކޯޓުން ފައިޞަލާ ކުރަނިވި ނިންމުމެއް ނިންމުމާ ހަމައަށް އިލެކްޝަންސް ކޮމިޝަންގެ ނިންމުން ތަންފީޛުކުރުމުގެ ގޮތުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ވަގުތީ އަމުރަކަށް އެދި އެމް.އާރު.އެމް އިން 25 މެއި 2023 ގައި ސިވިލް ކޯޓަށް މައްސަލައެއް ހުށަހެޅިއެވެ. އަދި އެ ޕާޓީއިން އެދުނު ގޮތަށް 28 މެއި 2023 ގައި ސިވިލް ކޯޓުން ވަނީ ވަގުތީ އަމުރު ނެރެދެއްވާފައެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ މި ވަގުތީ އަމުރު މުރާޖަޢާކުރުމަށް 8 ޖޫން 2023 ގައި ސިވިލް ކޯޓަށް ހުށަހެޅިއެވެ. އަދި އަމުރު މުރާޖަޢާ ކުރުމާއި ގުޅޭގޮތުން ޝަރީއަތުގެ އަޑުއެހުމެއް 18 ޖޫން 2023 ގައި ބޭއްވިއެވެ. އަދި 22 ޖޫން 2023 ގައި ސިވިލް ކޯޓުން އިލެކްޝަންސް ކޮމިޝަނުން އެދިފައިވާ ގޮތަށް ވަގުތީ އަމުރު މުރާޖަޢާކޮށްދެވެން ނެއްކަމަށް ނިންމަވާ، ވަގުތީ އަމުރުގައިވާ ގޮތުގެ މަތިން އެމް.އާރް.އެމް އުވާލުމަށް އިލެކްޝަންސް ކޮމިޝަނުން ކުރަމުންދާ އެންމެހާ ކަންކަން މަޑުޖައްސާލުމަށް އެންގިއެވެ.
ޤާނޫނު އަސާސީއާއި ޚިލާފަށް އެމް.އާރް.އެމް އުވާލުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ މައްސަލައާއި ގުޅިގެން އެމް.އާރް.އެމް އިން ވަނީ 22 ޖޫން 2023 ގައި ޖުޑީޝަލް ރިވިއު މައްސަލައެއް ކޯޓަށް ހުށަހަޅާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް