ވާގްނާ ހަނގުރާމަވެރި ޖަމާއަތުން ރަޝިޔާގެ ސަރުކާރާއިއެކު ސުލްހަވެ އެޖަމާއަތުގެ ބާރުގެ ދަށަށް ގެނައި ރަޝިޔާގެ ސަރަހައްދުތައް ދޫކޮށް ގޮސްފިއެވެ.
ވާގްނާ ޖަމާއަތުގެ ވެރިޔާ ޔޭވްގެނީ ޕްރިގޯޒިން ބުނެފައިވަނީ ލޭ އޮހޮރުވުމަކަށް ދިޔަ ނުދިނުމަށްޓަކައި ވާގްނާ ޖަމާއަތުގެ އަސްކަރީ މަރުކަޒުތަކަށް އެނބުރި ދިއުމަށް އޭނަގެ ސިފައިންނަށް އަންގާފައިވާނެކަމަށެވެ. އޭނާގެ ޕްރެސް ސާވިސް އިން އާންމުކުރި އޯޑިއޯ މެސެޖެއްގައި ޕްރިގޯޒިން ބުނެފައިވަނީ އެމީހުން (ރަޝިޔާގެ ސަރުކާރުން) ބޭނުންވީ ވެގްނަރ އަސްކަރީ ކުންފުނި އުވާލަންކަމަށާއި، ޖޫން މަހުގެ 23 ވަނަ ދުވަހު އެމީހުން ނިކުތީ އިންސާފުގެ ހަރަކާތަކަށްކަމަށެވެ. އަދި 24 ގަޑިއިރުގެ ތެރޭގައި މޮސްކޯއާއި 200 ކިލޯމީޓަރު ގާތަށް އެމީހުންނަށް އާދެވުނުކަމަށާއި، މިހާ ހިސާބަށް އެމީހުންގެ ހަނގުރާމަވެރިންގެ ލޭގެ އެންމެ ތިއްކެއްވެސް އޮހޮރުވާފައެއް ނުވާނެކަމަށެވެ. އެކަމަކު ދެން އޮތީ ލޭ އޮހޮރިދާނެ ވަގުތެއް ކަމަށާއި، ކޮންމެވެސް އެއްފަރާތަކުން ރަޝިޔާގެ ލޭ އޮހޮރުވިދާނެކަމަށް އަނބުރާލާފައި، ރޭވިފައިވާ ގޮތަށް އަނބުރާ ފީލްޑް ކޭމްޕުތަކަށް ދަނީކަމަށެވެ.
ޕްރިގޯޒިންގެ މި ނިންމުން އައިސްފައިވަނީ ބެލާރުސް އިސްވެ އޮވެ ވާގްނާއާއި އެކު ކުރެވުނު ސުލްހައިގެ މަޝްވަރާތަކަށް ފަހުގައެވެ.
ރަޝިޔާގެ ސްޕޯކްސް ޕާސަން ޑިމިޓްރީ ޕެސްކޯވް ހާމަކޮށްފައިވާ ގޮތުގައި ޔޭވްގެނީ ޕްރިގޯޒިންއާއި، ރަޝިޔާގެ އަޝްކަރިއްޔާއާއި ދެކޮޅަށް ތެދުވި ވާގްނާ ޖަމާއަތުގެ ސިފައިންނަށް ދެން ދައުވާ ނުކުރާނެކަމަށާއި، އަދި ރަޝިޔާގެ އަޝްކަރިއްޔާއާއި ދެކޮޅަށް ތެދުވަން ދެކޮޅުވި ވާގްނާ ޖަމާއަތުގެ ސިފައިންނަށް ސަރުކާރުގެ ޑިފެންސް މިނިސްޓްރީން ކޮންޓްރެކްޓް ދޭނެކަމަށެވެ. ރިޕޯޓުތައް ބުނާގޮތުގައި ބެލާރުސް އިން ވަނީ ޕްރިގޯޒިންއަށް ރައްކާތެރިކަން ފޯރުކޮށްދޭން ނިންމާފައެވެ.
ވާގްނާ ޖަމާއަތުން މިހާރު ވަނީ އެޖަމާއަތުން ހިފި ރޮސްޓޯވް-އޮން-ޑޮންގެ އަސްކަރީ މަރުކަޒުތައް ދޫކޮށް ގޮސްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް