ރާއްޖެ އާއި އިންޑިއާގެ ގުޅުން އިތުރަށް ބަދަހިކުރަން މަޝްވަރާކޮށްފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ސުބްރަމާނިއަމް ޖަޔަޝަންކަރު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ބާއ...

25 Jun 2022 | 11:38

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ސުބްރަމާނިއަމް ޖަޔަޝަންކަރު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ ރުވާންޑާގެ ކިގާލީ މެރިއޮޓް ހޮޓެލްގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއާއި އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ވަނީ ރާއްޖެއާއި އިންޑިއާގެ ދޭދޭ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަފުޅުދައްކަވާފައެވެ. މިގޮތުން ދެ ޤައުމަށް ވެސް ފައިދާވާ ގޮތަށް ދެ ޤައުމުން ވެސް ޝައުޤުވެރިވާ ކަންކަމުގައި އިތުރަށް ގުޅުން ބަދަހިކުރެއްވުމާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖެއާއި އިންޑިއާއާ ދެޤައުމުގެ ގުޅުން ބިނާވެފައިވަނީ ތާރީޚާއި ސަޤާފަތާއި ދެޤައުމުގެ ވެސް ޤަބޫލުކުރުންތަކުގެ މައްޗަށްކަމުގައި ވިދާޅުވެފައެވެ. އަދި، އެމަނިކުފާނު ވަނީ ބޭރު ޤައުމުތަކާއެކު ރާއްޖެއިން ބާއްވާ ގުޅުން ހަރުދަނާކޮށް ވަރުގަދަކުރުމަކީ މި ސަރުކާރުން ނުހަނު ބޮޑު އިސްކަމެއްދޭ ކަމެއްކަމުގައި ހާމަކުރައްވާފައެވެ.

މީގެ އިތުރުން ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ ތަރައްޤީގައި އިންޑިއާއިން ވެދެއްވާފައިވާ އެހީތެރިކަން ފާހަގަކުރައްވާފައެވެ. އަދި ދެބޭފުޅުން ވަނީ ދެ ޤައުމުގެ ގުޅުން ކުރިޔަށް އޮތް ދުވަސްތަކުގައި އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރައްވަން ބޭނުންފުޅުވާކަން ހާމަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ރަސްމީ ދަތުރުފުޅެއްގައި ރުވާންޑާއަށް ވަޑައިގަތީ ކޮމަންވެލްތް ޤައުމުތަކުގެ އިސްވެރިންގެ 26 ވަނަ ބައްދަލުވުން 2022 ގައި ބައިވެރިވެވަޑައިގެންނެވުމަށެވެ. މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުންނާއި އަދި، ދިވެހި ސަރުކާރުގެ މަތީ ފަންތީގެ ވަފްދެއް ބައިވެރިވެވަޑައިގަންނަވައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް