ރޭ މާލޭގައި ޒުވާނަކު ނިޔާވި އިރު ކޯވިޑް-19 އަށް ޕޮސިޓިވް ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
ކުޑަފަރީއަށް ނިސްބަތްވާ އުމުރުން 20 އަހަރުގެ އެމީހާ ނިޔާވީ ރޭ 11:54 ހާއިރު އެވެ. އޭނާ ނިޔާވީ އައިޖިއެމްއެޗުގައި އެވެ.
ނިޔާވި ސީދާ ސަބަބެއް ނޭނގެ އެވެ. އެކަމަކު އޭނާ ނިޔާވުމުން ހެދި ކޯވިޑް ޓެސްޓު ޕޮސިޓިވްވެފައިވާ ކަމަށް އެޗްޕީއޭއިން "ދުވަސް"އަށް ކަށަވަރުކޮށްދެ އެވެ.
އަދި އެ އިދާރާއިން ބުނީ ޕޮސިޓިވްވެފައިވާތީ އޭނާ ނިޔާވީ ކޯވިޑް ޖެހިގެންތޯ ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.
އެ ޒުވާނާގެ ކަށުނަމާދުކޮށް ވަޅުލީ ރޭ ފަތިސް ނަމާދަށް ފަހު ހުޅުމާލޭ ސަހަރާގައި އެވެ.
ކޯވިޑް ޖެހިގެން އެންމެ ފަހުން މީހަކު ނިޔާވެފައި ވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. އެ ދުވަހު ނިޔާވެފައި ވަނީ އުމުރުން 56 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ކޯވިޑް ބަލީގައި މިދިޔަ ހަފްތާގައި އެކަނި ވެސް ދެ މީހަކު ވަނީ ނިޔާވެފައެވެ. މިހާތަނަށް ރާއްޖެއިން ބަލީގައި 302 މީހުން ނިޔާވެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް