އިސްލާމިކް މިނިސްޓްރީން ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ "ދައުރާ ޕްރޮގްރާމް" ފަށައިފި

ސަޢުދީ ޢަރަބިއްޔާއިން މިސަރަޙައްދުގައި ޤާއިމްވެފައިވާ ސަޢުދީ އިސްލާމިކް އެފެއާޒްގެ ދީނީ ކަންކަމާ ބެހޭ މުއައްސަސާއާއި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ގުޅިގެން ކުރިއަށްގެންދާ ދައުރާ ޕްރޮގްރާމް ފަށަ...

25 Jun 2022 | 07:49

ސަޢުދީ ޢަރަބިއްޔާއިން މިސަރަޙައްދުގައި ޤާއިމްވެފައިވާ ސަޢުދީ އިސްލާމިކް އެފެއާޒްގެ ދީނީ ކަންކަމާ ބެހޭ މުއައްސަސާއާއި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ގުޅިގެން ކުރިއަށްގެންދާ ދައުރާ ޕްރޮގްރާމް ފަށައިފިއެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 24 ޖޫންވާ ހުކުރު ދުވަހާއި 25 ޖޫންވާ ހޮނިހިރު ދުވަހުގެ ނިޔަލަށެވެ.

މިރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރް ޢަލީއެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި އިސްލާމްދީން ފެށިގެން އައިސްފައިވަނީ ޖަހާލަތުގެ އަނދިރިކަމުގެ ތެރޭގައި އޮއްވާކަން ފާހަގަކުރައްވާ ރަސޫލާ صلى ﷲ عليه وسلم ވަޑައިގެން އިސްލާމްކަމުގެ ނޫރުން އުންމަތް އަލިކޮށްދެއްވިކަމަށް ވިދާޅުވިއެވެ. އަދި އިސްލާމްދީން އައުމުން މުޅި ދުނިޔެއަށް ލިބުނު އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ އަމަން އަމާންކަންކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން މުޖުތަމަޢު އަމާންކޮށް ބޭއްވުމުގައި ޢިލްމުވެރިންގެ ދައުރު ބޮޑުކަން ފާހަގަކުރައްވާ ޢިލްމުވެރިންނަކީ މުޖުތަމަޢުގެ ޤަދަރުވެރި ބައެއްކަމާއި ރިވެތި ނަމޫނާ ދައްކަވަން ޖެހޭނެކަމަށް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ސަޢުދީ ޢަރަބިއްޔާއިން މިސަރަޙައްދުގައި ދީނީ ކަންކަން ރާވާ ހިންގުމުގައި އުޅުއްވާ ފަޟީލަތުއް ޝައިޚް ބަދްރު ބިން ނާޞިރް އަލްޢިންޒީއާއި ދިވެހިރާއްޖެއަށް ސަޢުދީ ޢަރަބިއްޔާއިން ކަނޑައަޅުއްވާފައިވާ ސަފީރު އަލްއުސްތާޒް މެތްރިކް ބިން ޢަބްދުﷲ އައްދައުސަރީ ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ޕްރޮގްރާމްގެ މައިގަނޑު ޞުރުޙީއަކީ “އިންސާނީ މުޖުތަމަޢުގައި ސިލްމާ، ސަލާމަތާއި އަމާންކަން ޤާއިމުކުރުމުގައި ކީރިތި ރަސޫލާ صلى ﷲ عليه وسلم ގެންގުޅުއްވި ގޮތް” އެވެ. މި ދައުރާ ޕްރޮގްރާމްގައި ބައިވެރިވަނީ ދިވެހިރާއްޖާގެ ޢިލްމުވެރިންނާއި، ޚަޠީބުންނާއި އިމާމުން އަދި ދާއީންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް