ބަންގްލަދޭޝްއަށް މިހާރު ކުރަމުންދާ ވިއްސާރައިގަ 3.5 މިލިއަން ކުޑަކުދިން ސާފު ބޯފެނަށް ޖެހިފައިވާ ކަމަށް އެ ގައުމުގައި ހުންނަ އދ. ގެ ކުޑަކުދިންގެ ހައްގުތަކާއި ބެހޭ އިދާރާ ޔުނިސެފުގެ އޮފީހުން ހާމަކޮށްފި އެވެ.
އެގައުމަށް ވިއްސާރަ ކުރަމުންދަނީ އިންޑިއާ އާއި ވީ ފަޅިއަށެވެ. އިންޑިއާގައި، ބަންގްލަދޭޝް އާއި ފަޅީގައި ހިމެނޭ އަސާމް ފަދަ ސްޓޭޓްތަކަށް ބޯކޮށް ވާރޭވެހި އެތައް މިލިއަން ބަޔަކު ވަނީ ހާލުގައި ޖެހިފަ އެވެ.
ޔުނިސެފުން ބުނީ ބަންގްލަދޭޝްގައި ގިނަ އަވަށްތަކެއް ވިއްސާރައިގަ ފެނުގެ އަޑިއަށް ގޮސްފައިވާ ކަމަށެވެ. އަދި އެ ސަރަހައްދުތަކުގެ ފެން ތަގައްޔަރުވެ ބަލި މަޑު ކަމެއް ފެތުރެން ފެށުމުގެ ބިރު ބޮޑުވެފައިވާ ކަމަށެވެ.
މިދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި 2،700 އަށްވުރެ ގިނަ ކުދިންނަށް ޑައިރިއާ ޖެހިފައިވާ ކަމަށް ޔުނިސެފުން ބުނެ އެވެ. އެތައް ސަތޭކަ ކުދިންނަށް އެއްވެސް ވަރަކަށް ކާއެއްޗެއް ނުލިބިގެން ހާލަތު ދަނީ ގޯސްވަމުންނެވެ.
ކުޑަކުދިންގެ ހާލަތު ބަޔާންކޮށް ޔުނިފެސުން ބަޔާނެއް ނެރުނު އިރު ރައްކާތެރި ބޯފެނާއި ކާބޯތަކެތި އެ ސަރަހައްދުތަކަށް ފޯރުކޮށް ދިނުމުގައި ބަންގްލަދޭޝް ސަރުކާރާއި ޔުނިސެފް ހިމެނޭހެން އދ. ގެ އެކި އިދާރާތަކަށް ދަނީ ގޮންޖެހުންތައް ކުރިމަތިވަމުންނެވެ. ފެން ބޮޑުވެ ބޯކޮށް ވާރޭވެހެމުންދާތީ އެތަކެތި ހާލުގައި ޖެހިފައި ތިބި މީހުން ބައިތިއްބާފައި ތިބި ސަރަހައްދުތަކަކަށް ބޭނުންވާ އަވަސްމިނުގައި ނުގެންދެވެ އެވެ.
ވިއްސާރައިގަ އެ ސަރަހައްދުތަކުގެ ސްކޫލްތަކާއި ސިއްހީ ފަރުވާދޭ ތަންތަން ވަނީ ބަންދު ކުރަން ޖެހިފަ އެވެ. އަދި އެތަންތަނަށް ވަނީ ބޮޑެތި ގެއްލުންތައް ލިބިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް