މެންޗެސްޓަރ ޔުނައިޓެޑުގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ އޭނާހެ މިހާރުގެ ކުލަބު ދޫކޮށް އެހެން ކުލަބަކަށް ބަދަލުވާން އުޅޭ ކަމަށް ބުނެ މީޑިއާގައި ދަނީ އަޑުފެތުރެމުންނެވެ. އެގޮތުން ރޮނާލްޑޯ ޔުނައިޓެޑް ދޫކޮށް ޖަރުމަބުގެ ބަޔާން މިޔުނިކް އަށް ބަދަލުވާން އުޅޭ ކަމަށް ގިނަ މީޑިއާ ރިޕޯޓުތަކުގައި ދަނީ ބުނަމުންނެވެ.
ނަމަވެސް ރޮނާލްޑޯ ބަޔާން އަށް ބަދަލުވާން އުޅޭކަމަށް މީޑިއާގައި ދެކެވޭ ވާހަކަތަކަށް ބަޔާންގެ ސްޕޯޓިން ޑިރެކްޓަރ ހުސެއިން ސަލިހަމިޖިޗް ވަނީ ރައްދު ދީފައެވެ.
ސްކައި ސްޕޯޓްސް އަށް ދިން ބަސްދީގަތުމެއް ގައި ވާހަކަ ދައްކަމުން ބަޔާންގެ ސްޕޯޓިން ޑިރެކްޓަރ ހުސެއިން ސަލިހަމިޖިޗް ބުނީ ލެެވެންޑޯސްކީ ކުލަބު ދޫކޮށްލަން އުޅޭ ކަމުގެ އަޑުތަކަކީ ހަޤީޤަތެއް ކަމަށާއި ނަމަވެސް ކްރިސްޓިއާނޯ ރޮނާލްޑޯ ބަޔާންއަށް ބަދަލުވާން އުޅޭކަމަށް ދެކެވޭ ވާހަކަތަކުގެ އެއްވެސް ހަޤީޤަތެއް ނެތްކަމަށެވެ.
ހުސެއިން ސަލިހަމިޖިޗް ބުނީ ރޮނާލްޑޯ ބަޔާންއަށް ބަދަލުވާން އުޅޭ ކަމުގެ އަޑުތައް މީޑިއާގައިި ވަރަށް ގަދަ ކަމަށާއި ނަމަވެސް އެކަމުގައި އެއްވެސް ހަޤީޤަތެއް ނެތް ކަމަށެވެ. ރޮނާލްޑޯ އާއި ބަޔާން މިޔުނިކް އާއި ދެމެދު އެފަދަ އެއްވެސް ވާހަކައެއް މިހާތަނަށް ދެކެވިފައި ނުވާ ކަމަށް ވެސް އޭނާ ބުންޏެވެ.
ސަލިހަމިޖިޗް ބުނީ ރޮނާލްޑޯ އަކީ މޮޅު ހުނަރުވެރި ކުޅުންތެރިއެއް ކަމަށާއި ކޮންމެ ކުލަބަކުން ވެސް ރޮނާލްޑޯ ބޭނުން ވާނެކަމަށެވެ. ނަމަވެސް ބަޔާންއިން އަދި އެފަދަ ކަމަކާއި ނުވިސްނާ ކަމަށް އޭނާ ބުންޏެވެ.
" އަހެރެމެންނަށް އެނގޭ ރޮނާލްޑޯގެ ފެންވަރު. އެއީ މޮޅު ކުޅުންތެރިއެއް. ގޯލާއި ރައްޓެހި ކުޅުންތެރިއެއް. އެހެން ނަމަވެސް ރޮނާލްޑޯ ބަޔާންއަށް ގެނަމުގެ ވިސްނުމެއް އަދި ކުލަބުގަ ނުގެންގުޅޭ. މީޑިއާތަކުގައި ދެކެވޭ ވާހަކަތަކުގެ އެއްވެސް ހަޤީޤަތެއް ނެތް." ސްކައި ސްޕޯޓްސް އާއި ވާހަކަ ދައްކަމުން ހުސެއިން ސަލިހަމިޖިޗް ބުންޏެވެ.
ކްރިސްޓިއާނޯ ރޮނާލްޑޯ މިދިޔަ ސީޒަނުގައި މެންޗެސްޓާގައި ރަނގަޅު ފޯމެއްގައި ހުރި ނަމަވެސް އެ ކްލަބަށް ވަނީ ނާކާމިޔާބީއާއި ކުރިމަތިލާން ޖެހިފަ އެވެ. ރޮނާލްޑޯ ދެކެމުން އައި ހުވަފެން ހަޤީޤަތަކަށް ދަބަލުކޮށް ނުލެވުނުއިރު، ޔުނައިޓަށް ލީގު ނިންމާލަން ޖެހުނީ ހަވަނާގައި އޮވެއެވެ. އެހެން ކަމުން އެ ކުލަބަށް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ވަނީ ފުރުސަތު ގެއްލިފައެވެ. ރިޕޯޓުތައް ބުނާގޮތުން ރޮނާލްޑޯ ޔުނައިޓެޑް ދޫކޮށްލަން ވިސްނާ އެންމެ ބޮޑު އެއް ސަބަބަކީ އެ ކުލަބަށް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ފުރުސަތު ނުލިބުމެވެ.
މީޑިއާ ރިޕޯޓުތައް ބުނާގޮތުން ރޮނާލްޑޯ ގެންދިއުމަށް އޭނާގެ ކުރީގެ ބައެއް ކުލަބުތަކުން ދަނީ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި ރެއާލް މެޑްރިޑާއި އިޓަލީގެ ޔުވެންޓަސް ހިމެނެއެވެ. ނަމަވެސް ރޮނާލްޑޯ ވަނީ މިއީ ހަޤީޤަތެއް ނޫން ކަމަށް ބުނެފައެވެ.
މިހާތަނަށް ރޮނާލްޑޯއަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ހަމަ އެކަނި ކުލަބަކީ އިޓަލީގެ ރޯމާ ކަމަށް ރިޕޯޓުތައް ބުނާއިރު، ރޯމާ އަކީ ވެސް އަންނަ ސީޒަނުގައި ޗެމްޕިއަންސް ލީގު ކުޅެވޭ ކުލަބެއް ނޫނެވެ. އެހެން ކަމުން ރޮނާލްޑޯ ރޯމާއަށް ބަދަލުވުމަކީ ވެސް ވުމައްވުރެ ނުވުން ގާތް ކަމެކެވެ.
ނިމިގެން ދިޔަ ސީޒަނުގައި ރޮނާލްޑޯ ވަނީ ޔުނައިޓެޑަށް ކުޅެދިން 38 މެޗުގައި 24 ގޯލު ކާމިޔާބު ކޮށްދީފައެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް