ސީމަނުން ކަނޑުމަތީގައި ކުރާ މަސައްކަތަކީ، އެކަން ތަޖުރިބާކުރި މީހަކަށް މެނުވީ އިޙްސާސް ކުރެވޭވަރަށް ވުރެ ބޮޑު ގުރުބާނީއެއް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން ޢާއިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރަމުންދާ "އިންޓަނޭޝަނަލް ސީ ފެއަރަރސް ޑޭ"ގެ މުނާސަބަތުގައި ޚިޠާބެއް ދެއްވަމުން މިނިސްޓަރ ނަހުލާ ވިދާޅުވީ، ދޭދޭ ޤައުމުތަކުގެ މެދުގައި ކުރެވޭ ވިޔަފާރިއާއި، އިޤްތިޞާދީ މުޢާމަލާތްތައް ބަރޯސާ ވެފައިވަނީ، ކަނޑު ދަތުރުފަތުރުގެ މައްޗަށްކަމަށާއި އަދި އެއްރަށުން އަނެއް ރަށަށް، އެއް ޤައުމުން އަނެއް ޤައުމަށް މުދާ އުފުލުމުގެ ހަރަކާތްތައް ނުހުއްޓި ދެމިއޮތުމަކީ އިންސާނީ ތަރައްޤީގައި ޒަރޫރީ ކަމެއް ކަމަށެވެ.
މި މުހިއްމު މަސައްކަތުގައި ޢަމަލީ ގޮތުން ހަރަކާތްތެރިވާ ހިތްވަރުގަދަ ފަހުލަވާނުންނަކީ ކަނޑު އުޅަނދުފަހަރުގެ ފަޅުވެރިންކަން ފާހަގަކުރައްވާ، ސީމަނުން އެވާ ގުރުބާނީއާއި އެމީހުންގެ މަސައްކަތުގެ ބުރަކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.
"ކަނޑުގެ ބިޔަ ރާޅުތަކާއި، މޫސުމުގެ ހަލަބޮލި ކަމުގެ ތެރޭގައި އަދި ހަނގުރާމަ ހިނގާ ސަރަޙައްދުތައް ހުރަސްކޮށް، ކަނޑުފޭރޭ މީހުންގެ ބިރުވެރިކަމުގައިވެސް ސީމަނުން އެމީހުންގެ ވާޖިބު އަދާކުރުމުގައި ދެމިތިބިކަމީ ނުހަނު ބޮޑު ޙަޤީޤަތެއް. އަނބިދަރިންނާއި، އާއިލާއާއި ދުރުގައި، ސީމަނުން ކަނޑުމަތީގައި އެތައް ދުވަހެއް، އެތައް މަހެއް އަދި އެތައް އަހަރެއް ހޭދަ ކުރުމުގެ ބުރައާއި ތަކުލީފަކީ، އެކަން ތަޖުރިބާކުރި މީހަކަށް މެނުވީ އިޙްސާސް ކުރެވޭވަރަށް ވުރެ ބޮޑު ގުރުބާނީއެއް" މިނިސްޓަރ ނަޙުލާ ވިދާޅުވިއެވެ.
ރާއްޖެއަކީ ކަނޑުގެ ސަރަޙައްދު ބޮޑު ޤައުމަކަށްވެފައި ދަތުރު ފަތުރުގެ ނިޒާމު މައިގަނޑު ގޮތެއްގައި ބިނާވެފައިވަނީ ކަނޑު މަގުންކަމުން، އެތައްސަތޭކަ އުޅަނދެއްގައި އެތައްސަތޭކަ ސީމަނުން، ރާއްޖޭގެ ކަނޑުތަކުގައި ކޮންމެ ދުވަހަކު ދަތުރުކުރަމުންދާކަން ފާހަގަކުރައްވާ، ސީމަނުންގެ ޙަޔާތަކީ ރާއްޖޭގެ ޠަބީޢަތާއި މާޙައުލާއި ގުޅިލާމެހިފައިވާކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އަދި ރާއްޖޭގައި މި ސިނާޢަތް ކުރިއެރުވުމަށް އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"ދުނިޔޭގެ ޝިޕިންގ ކޮމިއުނިޓީ ޤަބޫލުކުރެވޭ ފެންވަރަށް، ރާއްޖޭގެ މި ސިނާއަތް ބައްޓަން ކުރުމަށްޓަކައި، އިދާރީ ގޮތުން މުހިންމު ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ. އެގޮތުން ނިމިދިޔަ އަހަރު ވަނީ ސީމަނުންގެ ހައްޤުތައް ރައްކާތެރިކުރުމަށްޓަކައި، ސީފެއަރަރސް ރައިޓްސް އިންޓަރނޭޝަނަލް އާއި ދެމެދު މުއާހަދާއެއްގައި ސޮއި ކުރެވި މަސައްކަތްތައް ފެށިފައި. މިކަމުގެ ސަބަބުން، ސީމަނުންގެ ހައްގުތައް ރައްކާތެރިކުރުމަށް ހަދަންޖެހޭ ޤާނޫނާއި، ޤަވާއިދުތައް ހަދާ ތަންފީޒު ކުރުމުގައި ފަންނީ އެހީތެރިކަން ލިބިގެންދާނެ" މިނިސްޓަރ ނަޙުލާ ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް