ނަފުރަތުގެ އަމަލު ބަޔާންކޮށް ގާނޫނުލް އުގޫބާތު އިސްލާހު ކުރަން ހުށަހަޅާފައިވާ ބިލަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް (އެޗްއާރުސީއެމް) އަށް ފެންނަ އިސްލާހުތައް ހުށަހަޅައިފި އެވެ.
އެ މައްސަލަ ދިރާސާ ކުރާ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ނިންމީ އެޗްއާރުސީއެމްގެ ލަފާ ލިޔުމުން ހޯދާށެވެ. މި ބިލް މަޖިލީހަށް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން އެވެ.
އެޗްއާރުސީއެމުން ބުނީ އެ ކޮމިޝަނުން މައިގަނޑު ހުށަހަޅާފައިވާނީ ދެ އިސްލާހެއް ކަމަށެވެ. އެއީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްނޭޅޭގޮތަށް ހުރިކަންކަން އިސްލާޙު ކުރުމަށް ކަމަށެވެ.
އެ ކޮމިޝަނުން ބުނީ ލަފާގައި ގާނޫނުއަސާސީ އާއި ގާނޫނުތަކާއި ގަވާއިދުތަކުގެ އިތުރުން، ރާއްޖެ ސޮއިކޮށް ތަސްދީގުކޮށްފައިވާ މުއާހަދާތަކާއި އަދި އެ މުއާހަދާތަކަ ގުޅިގެން ހަދާފައިވާ އ.ދ.ގެ މިންގަނޑުތަކާއި ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ މިންގަނޑުތަކަށް ރިއާޔަތްކޮށްފައިވާނެ ކަމަށެވެ.
އެގޮތުން، ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމާއި މައުލޫމާތު ލިބުމާއި ފެތުރުމުގެ މިނިވަންކަމާއި އަދި އދގެ މަދަނީ އަދި ސިޔާސީ ހައްގުތަކާ ގުޅޭ ބައިނަލްއަގުވާމީ މުއާހަދާގައި ބަޔާންކޮށްފައިވާ ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހަވާލާދީފައިވާނެ ކަމަށެވެ.
އެޗްއާރްސީއެމުން ބުނީ މަދަނީ އަދި ސިޔާސީ ހައްގުތަކާ ގުޅޭ މުއާހަދާގައި، ވަކި ގައުމެއްގެ ނުވަތަ ވަކި ނަސްލެއްގެ ނުވަތަ ވަކި ދީނެއްގެ ބަޔަކާ ދެކޮޅަށް ނަފުރަތާއި ފަސާދަ އުފެއްދުމާއި، ނަފުރަތާއި ފަސާދައަށް ބާރުއެޅުމުގެ ސަބަބުން އެ ބަޔަކަށް ކުރިމަތިވާ އަނިޔާވެރިކަމާއި ތަފާތުކުރުންތައް ގާނޫނުން މަނާކުރެވިދާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.
އިސްލާމިކް މިނިސްޓްރީން ފޮނުވާފައިވަނީ މައިގަނޑު ތިން ލަފާއެކެވެ. އެކަންކަމަކީ ދީނީ އިލްމުވެރިންނާއި ގާނޫނީ ވަކީލުންނާ މަޝްވަރާ ކުރުމަށް ފަހު ހުށަހަޅާފައިވާ ކަންކަން ކަމަށް ބުނެފައިވެ އެވެ.
އޭގެ ތެރޭގައި ހިމެނެނީ އިސްލާމް ދީނުގެ ނަމުގައި މީހުންގެ އަބުރާއި މުދަލާއި ފުރާނައަށް ގެއްލުން ލިބުމަށް މަގުފަހިވާ ފަދަ ކުށްތައް މަނާކުރުމެވެ. ދެން ހިމެނެނީ އިސްލާމް ދީނުގެ ދައުވަތު ފެތުރުމާއި ހެޔޮ ކަންކަމަށް ގޮވާލުމާއި ނުބައި ކަންކަން ނަހީކުރުމުގެ ވާޖިބަށް ހުރަސް އެޅިދާފަދަ މާއްދާތައް އިސްލާހުކުރުމާއި އިސްލާމްދީނާ ދެކޮޅަށް ހިންގޭ ނަފުރަތުގެ އަމަލުތައް ބިލުގައި ހިމެނުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް