ދިވެހި ރައްޔިތުންގެ ޕާޓީ (އެމްޑީޕީ)ގެ އަހަރީ ދުވަހާއި ގުޅުވައިގެން ތަފާތު ގިނަ ހަރަކާތްތަކެއް މުޅި ރާއްޖޭގައި މަހެއްހާއި ދުވަހަށް ހިންގުމަށް އެޕާޓީގެ ޤައުމީ މަޖިލީހުން ނިންމައިފިއެވެ.
އެމްޑިޕީގެ އަހަރީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް ޖޫން މަހުގެ 26 ވަނަ ދުވަހެވެ. އެމްޑީޕީއަކީ މަލްޓީ ޕާޓީ ސިސްޓަމް ދިވެހިރާއްޖެއަށް ތާއާރަފުކުރެވުނު އިރު، އެންމެ ފުރަތަމަ ރަޖިސްޓްރީ ކުރި ސިޔާސީ ޕާޓީއެވެ. އެ ޕާޓީ އުފެދުނީ، 2005 ވަނަ އަހަރުގެ ޖޫންމަހުގެ 26 ވަނަ ދުވަހުއެވެ.
ޕާޓީގެ ޗެއަރޕާސަން ރައްޔިތުން މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވީ އަހަރީ ދުވަސް ފާހަގަކުރުމަށް ބާއްވާ ހާއްސަ ހަރަކާތެއް ހޮނިހިރު ދުވަހުގެ ރޭ އޮންނާނެ ކަމަށެވެ. އަދި އަހަރީ ދުވަހާއި ގުޅުވައިގެން ހިންގާ ހަރަކާތްތައް ޖުލައި މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށް ގެންދިޔުމަށް ރާވާފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެމްޑީޕީގެ މިއަހަރުގެ އަހަރީދުވަސް ފާހަގަކުރުން ފަށާނީ ހޮނިހިރު ދުވަހުގެ ހެނދުނު އެމްޑީޕީ ހަރުގޭގައި އޮންނަ ދިދަ ނެގުމުގެ ރަސްމިއްޔާތަކުންކަމަށާއި އެއަށްފަހު ޤައުމީ މަޖިލީޙުގެ ހާއްސަ ޖަލްސާއަކާއި މީސްމީޑިޔާ އެޕްލިކޭޝަން ކްލަބް ހައުސްގައި "ކްލަބް ހައުސް އެމްޑީޕީ ހަރުގެ" ލޯންޗްކުރުން އޮންނާނެކަމަށް ވެސް ހަސަން ލަތީފް ވިދާޅުވިއެވެ.
މީގެއިތުރުން "ގްރާސް ރޫޓް އަޑު" ގެ ނަމުގައި ފޯން ކޯލްގެ ޒަރިއްޔާއިން ރާއްޖޭގެ ހުރިހާ ރަށެއްގައި ތިބި އެމްޑީޕީގެ އާންމު މެންބަރުންގެ އަޑާއި އެ މެންބަރުން އެކި ކަންކަމުގައި ދެކޭ ގޮތުގެ ޝުޢޫރު ފާޅު ކުރުމުގެ ހަރަކާތެއް 3 ދުވަހަށް ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާކަންވެސް ޗެއަރޕާސަން ހަސަން ލަތީފު ވަނީ ވިދާޅުވެފައެވެ.
ޖުލައި މަހު ފަހުކޮޅު ބާއްވާ ހަރަކާތްތަކުގައި ޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދުވެސް ބައިވެރިވަޑައިގަންނަވާނެ ކަމުގެ އުފާވެރި ޚަބަރު އެމްޑިޕީގެ އާންމު މެމްބަރުންނަށް ހަސަން ލަތީފު ދެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް