މިނިސްޓަރ ޝާހިދު ޔޫ.އެސް އެއިޑްގެ އެޑްމިނިސްޓްރޭޓަރާ ބައްދަލުކުރައްވައިފި

މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޢަބްދުﷲ ޝާޙިދު، ޔުނައިޓެޑް ސްޓޭޓްސް އެޖެންސީ ފޮރ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫ.އެސް.އޭ.އައި.ޑީ)ގެ އެޑްމިނިސްޓްރޭޓަރ ސަމަންތާ ޕަވަރއާ ބައްދަލުކުރައްވައިފިއެވެ. މި ބ...

25 Jun 2021 | 07:45

މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޢަބްދުﷲ ޝާޙިދު، ޔުނައިޓެޑް ސްޓޭޓްސް އެޖެންސީ ފޮރ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫ.އެސް.އޭ.އައި.ޑީ)ގެ އެޑްމިނިސްޓްރޭޓަރ ސަމަންތާ ޕަވަރއާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ، އިއްޔެ ހަވީރު ވަރޗުއަލްކޮށެވެ.

މި ބައްދަލުވުމުގައި ދެބޭފުޅުން ވެސް ވަނީ ކޯވިޑް-19 އާއި ބެހޭ ގޮތުންނާއި، ތިމާވެށި ހިމާޔަތްކުރުމާ، ދިވެހިރާއްޖޭގައި ޑިމޮކްރަސީ އިތުރަށް ހަރުދަނާކުރުމާ އަދި މާލީ ހިންގުން އިތުރަށް ހަރުދަނާކުރުމާ ބެހޭ ގޮތުން މަޝްވަރާކުރައްވާފައެވެ. މިނިސްޓަރ ޝާހިދު ވަނީ މެދުކެނޑުމެއް ނެތި އެމެރިކާއިން ދިވެހިރާއްޖެއަށް ފޯރުކޮށްދޭ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައި، އެމެރިކާއިން ކޯވިޑް-19 ވެކްސިން އެންމެ ފުރަތަމަ ފޯރުކޮށްދޭނެ ޤައުމުތަކުގެ ތެރޭގައި ދިވެހިރާއްޖޭ ހިމެނޭކަން ފާހަގަކުރައްވާ އެކަމަށްވެސް ޝުކުރު އަދާކުރައްވާފައެވެ.

މީގެ އިތުރުން، އެމެރިކާއަކީ ދިވެހިރާއްޖެއަށް ބޭނުން ޖެހިއްޖެ ކޮންމެ ހިނދެއްގައި އެހީތެރިކަން ފޯރުކޮށްދޭ، އިތުބާރު ހުރި ރަހުމަތްތެރިއެއްކަން ސާބިތުކޮށްދީފައި ވާ ކަމަށް ވެސް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

ކޯވިޑް-19އާ ދެކޮޅަށް ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތުގައި އެހީތެރިވުމަށް ޔޫ.އެސް.އޭ.އައި.ޑީ މެދުވެރިކޮށް އެމެރިކާއިން ވެންޓިލޭޓަރ އަދި ޕީޕީއީ ހަދިޔާކޮށްފައިވެއެވެ.

ސަމަންތާ ޕަވަރ އަކީ ޔޫ.އެސް.އޭ.އައި.ޑީ ގެ 19 ވަނަ އެޑްމިނިސްޓްރޭޓަރ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް