ޖެންޑާ މިނިސްޓްރީން މީޑިއާތަކަށް ފިޔަވަޅު އަޅައި އިންޒާރުކޮށް ހެދުން ކުށްވެރިކުރަން: އެމްޖޭއޭ

މާލޭގައި އުމުރުން 13 އަހަރުގެ ކުއްޖަކު ރަހީނުކޮށް މަރާލި މައްސަލައާ ގުޅިގެން ބައެއް މީޑިއާތަކުން ޚަބަރު ގެނެސްދީފައިވާ ގޮތާއި ގުޅިގެން ޖެންޑާ މިނިސްޓްރީން މީޑިއާތަކަށް ފިޔަވަޅު އަޅައި އިންޒާރުދިނުން، ...

25 Jun 2021 | 05:54

މާލޭގައި އުމުރުން 13 އަހަރުގެ ކުއްޖަކު ރަހީނުކޮށް މަރާލި މައްސަލައާ ގުޅިގެން ބައެއް މީޑިއާތަކުން ޚަބަރު ގެނެސްދީފައިވާ ގޮތާއި ގުޅިގެން ޖެންޑާ މިނިސްޓްރީން މީޑިއާތަކަށް ފިޔަވަޅު އަޅައި އިންޒާރުދިނުން، ދިވެހި ނޫސްވެރިންގެ ޖަމިއްޔާ (އެމްޖޭއޭ) އިން ކުށްވެރިކޮށްފިއެވެ.

ނޫސްތަކަށް އިންޒާރުދީފައި ވަނީ ޖެންޑާ މިނިސްޓްރީގެ ދަށުން ހިންގާ ފެމިލީ ޕްރޮޓެކްޝަން ސާވިސް އިންނެވެ. އެގޮތުން އެ މިނިސްޓްރީން ވަނީ "އަވަސް އޮންލައިން" 2،000 ރުފިޔާއިން ޖޫރިމަނާކޮށް، މައާފަށް އެދެން އެންގާފައެވެ. އަދި "ވަގުތު"، "ވަން އޮންލައިން" އަދި "އަދަދު" ނޫހަށް މިނިސްޓްރީން އިންޒާރުކޮށް ނޯޓިސް ވަނީ ފޮނުވާފައެވެ.

އެމްޖޭއޭ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުން ބާރު ލިބިގެން ކަމަށް ބުނެ ސީދާ ސަރުކާރުގެ ވުޒާރާއަކުން މީޑިއާތަކުން ރިޕޯޓްކުރާ ކޮންޓެންޓް ރެގިއުލޭޓްކޮށް، މީޑިއާތަކަށް ފިޔަވަޅު އަޅާ އިންޒާރުކޮށް ހެދުމަކީ އެ ޖަމިއްޔާއިން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމެއް ކަމަށެވެ. އަދި ރާއްޖޭގައި މީޑިއާ ރެގިއުލޭޓްކު ގޮތާއި، އެކަން ކުރާ މުއައްސަސާތައް ސާފުކޮށް ގާނޫނުގައި ބަޔާންކޮށްފައި ވަނިކޮށް، އެފަދަ އެއްވެސް މުއައްއަސަސާއެއްގެ ބައިވެރިވުމެއް އަދި މަޝްވަރާ އެއް ވެސް ނެތި، ސަރުކާރުގެ ފަރާތުން މީޑިއާތަކަށް އިންޒާރު ދީ، ޖޫރިމަނާކުރުމަކީ މިނިވަން ނޫސްވެރިކަމަށް އެޅޭ ހުރަހެއް ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

މީގެ އިތުރުން، ޖެންޑާ މިނިސްޓްރީއިން ފިޔަވަޅު އެޅި މީޑިއާތަކުން އެ ޖަމިއްޔާއަށް މައުލޫމާތު ދީފައިވާ ގޮތުގައި ފިޔަވަޅު އެޅީ، ކުރިން ޖަވާބުދާރީވުމުގެ އެއްވެސް ފުރުސަތެއް އަދި އެއްވެސް ޒާތެއްގެ މުއާމަލާތެއް ކުރުމެއް ނެތި ކަމަށް ނޫސްވެރިންގެ ޖަމިއްޔާއިން ބުނެފައި ވެއެވެ.

މި މައްސަލައިގައި ދިވެހިރާއްޖޭގެ މީޑިއާ ކައުންސިލާއި ނޫސްވެރިން ވެސް ދަީނީ ކަންބޮޑުވުންފާޅުކުރަމުންނެވެ.

އެ ފަރާތްތަކުން ބުނާ ގޮތުގައި، މިއީ ޕްރެސް ފްރީޑަމް އިންޑެކްސްގައި ހޯދިފައިވާ ކުރިއެރުމުން ބޮޑުތަނުން ފަހަތަށް ދިވެހިރާއްޖެ ވެއްޓިދާނެ ކަންބޮޑުވާ މައްސަލައެކެވެ، އަދި އެހެން ބައެއް ނޫސްތަކަށް އިންޒާރުދީ، ބިރުދައްކައި ޖޫރިމަނާ ކުރުމަކީ ނޫސްވެރިކަމުގެ މިނިވަންކަމުގައި ފާއިތުވި 15 އަހަރު ރާއްޖެ އިން ހޯދި ކުރިއެރުން ގެއްލި، ނޫސްވެރިކަމުގެ މިނިވަންކަން ފަހަތަށް ސޮއްސާލުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް