ނަޝީދުގެ އޮޅަނބޮށީގެ ހަރަކަތާއި ތިން އިނގިއްޔެއްގެ ހަރަކާތް ވަނީ ވަރަށް ދަށްވެފައި

ނިރުބަވެރި ހަމަލާގައި ލިބުނު ޒަހަމުތަކުގެ ސަބަބުން ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އޮޅަނބޮށީގެ ހަރަކަތާއި 3 އިނގިއްޔެއްގެ ހަރަކާތް ވަނީ ވަރަށް ދަށްވެފައިވާ ކަމަށ...

25 Jun 2021 | 05:47

ނިރުބަވެރި ހަމަލާގައި ލިބުނު ޒަހަމުތަކުގެ ސަބަބުން ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އޮޅަނބޮށީގެ ހަރަކަތާއި 3 އިނގިއްޔެއްގެ ހަރަކާތް ވަނީ ވަރަށް ދަށްވެފައިވާ ކަމަށް އެމްޑީޕީގެ "މެއި ހައެއް ކޮމެޓީ" ގެ މުގައްރިރު ހަސަން އަފީފް ވިދާޅުވެއްޖެ އެވެ.

އަފީފް މިހެން ވިދާޅުވީ، ނަޝީދަށް ދިން ހަމަލާގެ ތަހުގީގު ކުރިއަށްދާ ގޮތް ބެލުމަށް އުފައްދާފައިވާ "މެއި ހައެއް ކޮމެޓީ"ގެ މަސައްކަތްތަކާއި ގުޅޭ މައުލޫމާތު އެމްޑީޕީގެ ގައުމީ މަޖިލީހަށް ދިނުމުގެ ގޮތުން ރޭ ގައުމީ މަޖިލިސް ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އަފީފް ވިދާޅުވި ގޮތުގައި، ރައީސް ނަޝީދުގެ ވައަތުގެ އޮޅަނބޮށީގެ ހަރަކާތުގެ 50 އިންސައްތަ ހުއްޓިފައިވާ ކަމަށާއި އަދި ކަނާއަތުގެ 3 އިނގިއްޔެއްގެ ހަރަކާތް ވަރަށް ކުޑަ ކަމަށެވެ. ވިދާޅުވީ ރައީސް ނަޝީދާއި ހަވާލާ ދެއްވައެވެ.

"ރައީސް ވިދާޅުވީ ވާއަތު އުޅަނބޮށީގެ ހަރަކާތް މިވަގުތު ގާތްގަނޑަކަށް 50 ޕަސެންޓްގަ އޭ ކުރަނީ. ދެން ކަނާއަތުގެ 3އިނގިލި ވަރަށް ބޮޑަށް އައްސިވެފައިވާ ކަމަށް. އެތިން އިނގިލީގެ ހަރަކާތް ހުރީ ގާތްގަނޑަކަށް 10 ޕަސެންޓްގަ ކަމަށް ވިދާޅުވި. ހަށިގަނޑުގެ ބޭރުފުށުން ލިބުނު އަނިޔާތަކުގެ ތެރެއިން ފައިގަ ހުރި ފާރުގަނޑެއް އަދި ނުހިކި ހުރި ކަމަށް ވިދާޅުވި." އަފީފް ވިދާޅުވިއެވެ.

ނަޝީދުގެ ބޭބޭފުޅު ޑރ. އަހުމަދު ނަޝީދު މީގެ ކުރިން ވިދާޅުވީ ނަޝީދަށް ލިބިވަޑައިގެންނެވި ޒަހަމް ތަކުގެ ތެރެއިން މިހާރު ފަސޭހަ ނުވަނީ ފައި އެކަނި ކަމަށެވެ. އެއާއި އެކު އެ ހަމަލާގައި ނަޝީދަށް ސީރިއަސް އަނިޔާތަކެއް ލިބުނު ކަމަށް ބުނެ ދައްކަމުން ދަނީ ދޮގު ވާހަކަތަކެއް ކަމަށް ބުނެ އަނެއްކާވެސް ވާހަކަ ދައްކަން ފެށި އެވެ.

https://twitter.com/HassanLatheef/status/1407975887245479936

މި ވާހަކަތަކާއި ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ކުރެއްވި ޓުވީޓެއްގައި ވަނީ ނަޝީދަށް ލިބިފައިވާ އަނިޔާތަކުގެ ފާރު ހިކި ފަސޭހަވެފައި ހުންނަ ފޮޓޯއެއް އާންމު ކުރައްވާފަ އެވެ. އެ ފޮޓޯގައި ނަޝީދުގެ ހަށިގަނޑުގެ އެކި ތަންތަނަށް އަނިޔާވެފައި ހުރިކަން އެނގެ އެވެ.

ފޮޓޯ އާއި އެކު ހަސަން ވިދާޅުވެފައިވަނީ އަނިޔާވެރިންގެ ރޭވުން ނާކާމިޔާބުވުމާއި ނަޝިދުގެ ހިތްވަރުފުޅާއި އަޒުމް ބަލިނުވުމާއި ޒަހަމްތައް ލަކުނަށް ވުމަކީ ހަމަލާގެ ނުރައްކާތެރިކަން ކުޑަކަމުގެ ދެކެވޭނެ ސަބަބެއް ނޫން ކަމަށެވެ.

އޭނާ ވިދާޅުވީ ރައީސް ނަޝީދު ދިވެހިންގެ އުންމީދުތައް ނަގައެއް ނުލައްވާނެ ކަމަށެވެ. އަދި މަސައްކަތައިގެން ކުރިޔަށް ވަޑައިގެންނަވާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް