ނޫސްވެރިކަމުގެ މިނިވަންކަމަށް ޖެންޑާ މިނިސްޓްރީން އެޅި ހުރަސް ނައްތާލުމަށް ރައީސަށް "ވަގުތު" އިން ގޮވާލައިފި

ނޫސްވެރިކަމުގެ މިނިވަންކަމަށް ޖެންޑާ މިނިސްޓްރީން އެޅި ހުރަސް ނައްތާލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް "ވަގުތު" އިިން ގޮވާލައިފިއެވެ. ޖެންޑާ މިނިސްޓްރީން "ވަގުތު" އާއި އަދި އެހ...

24 Jun 2021 | 19:29

ނޫސްވެރިކަމުގެ މިނިވަންކަމަށް ޖެންޑާ މިނިސްޓްރީން އެޅި ހުރަސް ނައްތާލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް "ވަގުތު" އިިން ގޮވާލައިފިއެވެ.

ޖެންޑާ މިނިސްޓްރީން "ވަގުތު" އާއި އަދި އެހެން ބައެއް ނޫސްތަކައް ޖޫރިމަނާ ކޮށް ނަސޭހަތްދިން  މައްސަލައިގައި ނެރުނު ނޫސްބަޔާނުގައި "ވަގުތު" އިން ބުނެފައި ވަނީ، މިއީ ނޫސްވެރިކަމުގެ މިނިވަންކަމުގައި ފާއިތުވި 15 އަހަރު ރާއްޖެ އިން ހޯދި ކުރިއެރުން ގެއްލި، ނޫސްވެރިކަމުގެ މިނިވަންކަން ފަހަތަށް ސޮއްސާލުން ކަމަށެވެ.

"ވަގުތު" އިން މިހެން ބުނީ 13 އަހަރުގެ ފިރިހެން ކުއްޖަކު މަރާލާފައިވާކަމުގެ ޚަބަރު "ވަގުތު" އިން ހާމަކުރިއިރު ކުޑަކުދިންގެ ޙައްޤުތަކަށް އުނިކަންއަންނާނޭ ފަދަ މަޢުލޫމާތު ހާމަކޮށްފައިވާ ކަމަށް ބުނެ ކަނޑައެޅިގެން ދޮގު ތުހުމަތުތަކެއްކޮށް ޖެންޑާ މިނިސްޓްރީން އިންޒާރުދީ، ބިރުދައްކައިފައި ވާތީ އެކަން އެންމެ ހަރުކަށި އިބާރާތުން ކުރާ ކަމަށެވެ.

"ވަގުތު" އިން ބުނީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރި ކުރުމުގެ ޤާނޫނުން ކުޑަކުދިންނަށް ކަށަވަރުކޮށްދީފައިވާ ހައްގުތަކާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމުގެ ޒިންމާ ނުއުފުލި، އެކަމާއި ގުޅިގެން ޖަވާބުދާރީ ވުމުގެ ބަދަލުގައި މީޑިއާއަށް ބިރުދެއްކުމަކީ ޑިމޮކްރަޓިކް މުޖުތަމައަކުން ފެނިގެން ނުވާނެ ހުދުމުހުތާރު އަމަލެއް ކަމަށް ޤަބޫލުކުރާ ކަމަށެވެ.

" މަރާލާފައި އޮއްވާ ފެނުނު ކުއްޖާގެ އެއްވެސް ޒާތީ މައުލޫމާތެއް ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނާ ޚިލާފަށް 'ވަގުތު' އިން ގެނެސްދީފައެއް ނުވާނެއެވެ. 'ވަގުތު'ގައި ގެނެސްދިން ރިޕޯޓްގައި ކުއްޖާގެ ފޮޓޯއެއް ބޭނުންކޮށްފައި ވާނީ ވެސް ކުއްޖާގެ ބައްޕަގެ އާއިލާއިން އެ ފޮޓޯ ފޯރުކޮށްދިނުމުން، އެ އާއިލާގެ ހުއްދައާއ ިއެއްކޮށެވެ. ނަމަވެސް ކުއްޖާގެ މައިންބަފައިން ވަކިވެފައިވާ ކަމުގެ މައުލޫމާތު ފަހުން ލިބުމުން، އިތުރު ނުތަނަވަސްކަމެއް ލިބުމުގެ ޖާގަ ނުދިނުމުގެ ގޮތުން އިސްވެ ދެންނެވި ފޮޓޯވެސް ވާނީ މަދު ވަގުތުކޮޅެއްގެ ތެރޭގައި 'ވަގުތު' ވެބްސައިޓުން ނެގިފައެވެ" ވަގުތުގެ ނޫސްބަޔާނުގައި ވެއެވެ.

ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރި ކުރުމުގެ ޤާނޫނު ހުއްޖަތެއްގެ ގޮތުގައި ދައްކައިގެން ޖެންޑާ މިނިސްޓްރީން "ވަގުތު" އަށް އިންޒާރުދީ، ބިރުދެއްކިއިރު ޖެންޑާ މިނިސްޓްރީން ބެލި މައްސަލައަކީ ކޮބައިކަމެއް ވެސް، އަދި އެމައްސަލައިގައި ޖަވާބުދާރީ ވުމުގެ ފުރުސަތެއް ވެސް "ވަގުތު" އަށް ދީފައި ނުވާކަމަށް އެ ނޫހުން ބުނެއެވެ.

އެހެންކަމުން މިއީ ގާނޫނު އަސާސީ އިން ކަށަވަރު ކޮށްދީފައިވާ ދިފާއުގައި ވާހަކަދެއްކުމުގެ ހައްގު ނިގުޅައިގަނެ، އަސާސީ ހައްގުތަކާއި ހިލާފަށް ޖެންޑާ މިނިސްޓްރީން ނިންމި ނިންމުމެއް ކަމަށް ގަބޫލުކުރާކަމުގައި ބަޔާނުގައި ބުނެފައި ވެއެވެ.

"ވަގުތު" ނޫހުން ބުނެފައި ވަނީ، ޖެންޑަ މިނިސްޓްރީން ފޮނުވި އިންޒާރާއި، ބިރުދެއްކުމުގެ ސިޓީ އާއި ގުޅިގެން ޖެންޑާ މިނިސްޓްރީގެ އޮފިޝަލުންނާއި "ވަގުތު" އިން ކުރި އެއްވެސް ސުވާލަކަށް މިހާތަނަށް އެއްވެސް ޖަވާބެއް ދީފައި ނުވާކަމަށާއި އެހެންކަމުން މީޑިއާ އިން ކުރާ ސުވާލުތަކަށް ޖަވާބު ދިނުމާއި ހަމައަށް ޖެންޑާ މިނިސްޓްރީގެ އެއްވެސް ޚަބަރެއް "ވަގުތު" އިން ކަވަރު ނުކުރާނެ ކަމަށެވެ.

މީޑިއާއަކުން ގާނޫނާއި ހިލާފަށް ޚަބަރެއް ނުވަތަ މައުލޫމާތެއް ހާމަކޮށްފިނަމަ އެމައްސަލައެއް ބަލައި ފިޔަވަޅު އެޅުމުގެ ގާނޫނީ ޒިންމާ ހަވާލުކޮށްފައި އޮތީ މޯލްޑިވްސް މީޑިއާ ކައުންސިލަށް ކަމަށް ވެސް "ވަގުތު" އިން ބުންޏެވެ.

"އަވަސް" ނޫސް 2،000ރ. އިން ޖޫރިމަނާކޮށް "ވަގުތު" އާއި "ވަން އޮންލައިން" އާއި "އަދަދު" ނޫހަށް އިންޒާރުދީ، ބިރުދެއްކުމަށް ޖެންޑާ މިނިސްޓްރީން ފޮނުވި ސިޓީތައް އަނބުރައި ގެންދިއުމަށް "ވަގުތު" އިން ވަނީ ގޮވާލާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް