1805 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ކުރީކޮޅުގައި އޭރު އެމެރިކާގެ ވެރިކަމުގައި ހުންނެވި ރައީސް ތޯމަސް ޖެފާރސަން ދުނިޔޭގައި ނަން ހިނގާ ނުފޫޒުގަދަ ބައެއް ސިޔާސީ ޝަޙުސިއްޔަތުތަކަށް ވައިޓް ހައުސްއަށް ޚާއްޞަ ފަރިކުޅުވުމަކަށް ދައުވަތު އެރުވި އެވެ.
މިފަދަ ދައުވަތުތަކަކީ ރައީސް ޖެފާރސަން ވެރިކަމުގައި ވަރަށް ޢާންމު ކަންކަމެވެ. އެކި ކަހަލަ ސިޔާސީ މަސައްކަތްތަކުގައި އެކި މީހުނަށް ފަރިއްކުޅުވުމަށް ދައުވަތުދީފައިވެ އެވެ. އާންމުކޮށް އެފަދަ ފަރިއްކުޅުވުންތައް ބާއްވަނީ ސަރުކާރުގެ ރަސްމީ މަސައްކަތު ގަޑި ނިންމުމަށްފަހު މެންދުރުފަހު 3:30 ހާއިރު އެވެ.
ނަމަވެސް އެ އަހަރުގެ ޑިސެންބަރު މަހުގެ ނުވަ ވަނަ ދުވަހު ބޭއްވި ފަރިއްކުޅުވުން ދިޔާއީ ތަފާތުކޮށެވެ. އެ ދުވަހުގެ ފަރިއްކުޅުވުން އޮތީ އިރުއޮއްސޭ ވަގުތައް ފަސްކޮށްފަ އެވެ.
އެގޮތައް އެ ދުވަހުގެ ފަރިއްކުޅުވުމުގެ ދައުވަތުގެ ވަގުތައް ރައީސް ޖެފާރސަން ބަދަލުގެނައީ އެ ދުވަހު ފަރިއްކުޅުވުމަށް ދައުވަތުދެއްވާފައިވާ ޓިއުނީސީއާއިން އެމެރިކާއަށް ފޮނުވި ޚާއްޞަ މަންދޫބު ސީދީ ސޮލިމަން މެލިމެލީ ރޯދަޔަށް ހުންނެވުމުންނެވެ. އެއީ ޓިއުނީސީއާ އޮންނަ ބާބަރީ ކޯސްޓާއި އެމެރިކާއާއި ދެމެދު ކަންބޮޑުވުންތަކެއް އުފެދިގެން އުޅުނު ދުވަސްވަރު އެވެ.
ރާއީސް ޖެފާރސަން ޓިއުނީސީއާގެ ޚާއްޞަ މަންދޫބަށް ފަރިކުޅުވުމަށް ދަޢުވަތު ދެއްވި ވަގުތު ރޯދަވިއްލާ ވަގުތައް ބަދަލުކުރެއްވުމާއި ގުޅިގެން އޭރު ބޮޑެތި ބަހުސްތަކެއް ނުކުރި ނަމަވެސް، 21 ވަނަ ޤަރުނު ފެށުނު ހިސާބުން އޭގެ 200 އަހަރު ފަހުން އެކަމާއި ގުޅޭގޮތުން ދެފަރާތައް ވާގޮތައް އެކި ކަހަލަ ވާހަކަތައް ދެކެވި ބަހުސްކުރެވުނެވެ.
ތާރީޙު ދިރާސާކުރާ ފަރާތްތަކުން ބުނީ އޭއީ ވައިޓް ހައުސްގައި ރޯދަވިއްލުމެއް ކުރިއަށް ގެންދިޔަ ފުރަތަމަ ފަހަރުކަމަށެވެ. އެކަމާއި ގުޅިގެން ރައީސް ޖެފާރސަންއަކީ ދީނީ މިނިވަންކަމަށް މަސައްކަތްކުރެވި މިސާލެއްގެ ގޮތުންގައި ދެކެންޖެހޭކަމަށް އޭގެ ފަހުން ވައިޓް ހައުސްގައި ބޭއްވި ރޯދަމަސް ފާހަގަކުރުމުގެ ޙަފްލާތަކުގައި ވާހަކަދެކެވިފައިވެ އެވެ.
އޭގެފަހުން ކޮންމެ އަހަރަކު ރޯދަމަހާއި ޢީދު ދުވަސް ވައިޓް ހައުސްގައި ފާހަގަކުރަމުންދެ އެވެ. ކުލިންޓަން، ބުޝް އަދި އޮބާމާގެ ވެރިކަމުގައިވެސް އެ ސަޤާފަތް ދަމަހައްޓާފައިވެ އެވެ.
އެހެންނަމަވެސް ގާތްގަނޑަކަށް ދެ ޤަރުނުވީ އެ ސަޤާފަތް އެމެރިކާގައި މިހާރު ވެރިކަންކުރާ ޓްރަމްޕްގެ ސަރުކާރުން މިއަހަރު ވަނީ ހުއްޓާލާފަ އެވެ. އެމެރިކާގެ ސަރުކާރުން އެ ޤައުމުގެ މުސްލިމުންނަށް ރޯދަމަހުގެ ތަހުނިޔާ ފޮނުވުމަށް ނެރުނު ޚާއްޞަ ބަޔާނެއްގައި ބުނެފައިވަނީ ރޯދަމަސް ފާހަގަކުރުމަށް ވައިޓް ހައުސް އިން ކުރިއަށް ގެންދިޔަ ގިނަ އަހަރުވީ ސަޤާފަތް ދެން ކުރިއަށް ނުގެންދާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް