ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން ކޮންމެ ރަމަޟާން މަހަކު މާލޭގެ ފުރުޤާން މިސްކިތުގައި ސިލްސިލާކޮށް ބާއްވަމުންގެންދާ ދީނީ ނަޞޭޙަތް ދިނުމުގެ ޕްރޮގްރާމް މިއަންނަ އަހަރުވެސް އޮންނާނެކަމަށް އެޖަމްޢިއްޔާއިން އިޢުލާނުކޮށްފިއެވެ.
ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން މިއަދު ފުރުޤާން މިސްކިތުގައި ބޭއްވި 'ދަލާއިލް' ގެ އެންމެ ފަހު ޕްރޮގްރާމް ނިންމާލަމުން މިއަންނަ އަހަރުވެސް މިފަދަ ޕްރޮގްރާމެއް އޮންނާނެކަމަށާއި އެޕްރޮގްރާމުގެ ނަމަކީ 'އަޝްރާތު' ކަމަށް ބުނެފައިވެއެވެ.
މިއަންނަ އަހަރުގެ ޕްރޮގްރާމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ޖަމްޢިއްޔަތުއްސަލަފުގެ ޢިލްމުވެރިންގެ މަޖިލީހުގެ މެމްބަރު އަދި ރަމަޟާންމަހު ފުރުޤާން މިސްކިތުގައި ކުރިއަށްގެންދާ ޕްރޮގްރާމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ އައްޝައިޚް މުޖްތަބާ ޙަމީދު ވިދާޅުވީ މިއަންނަ އަހަރު ބާއްވާ 'އަޝްރާތު' ޕްރޮގްރާމަކީ ޤިޔާމަތުގެ ޢަލާމާތްތަކާއި ގުޅޭގޮތުން ގެނެސްދޭ ޕްރޮގްރާމެއްކަމަށާއި އަންނަ އަހަރުގެ ރަމަޟާން މަހުގެ ކޮންމެ ދުވަހެއްގެ ޢަޞުރު ނަމާދަށްފަހު އިންޝާﷲ ފުރުޤާން މިސްކިތުގައި މިޕްރޮގްރާމު ކުރިއަށްގެންދާނެ ކަމަށެވެ.
"މިއަންނަ އަހަރުގެ ރަމަޟާން މަހު އަޅުގަނޑުމެން އިންޝާﷲ މިޕްރޮގްރާމު ބާއްވާނީ 'އަޝްރާތު' ގެ ނަމުގައި. މިޕްރޮގްރާމަކީ ޤިޔާމަތުގެ ޢަލާމާތްތަކާއި ގުޅޭގޮތުން ގެނެސްދޭ ޕްރޮގްރާމެއް. މިއަންނަ އަހަރުގެ ރަމަޟާން މަހުގެ ކޮންމެ ދުވަހެއްގެ ޢަޞުރު ނަމާދަށްފަހު އިންޝާﷲ ފުރުޤާން މިސްކިތުގައި މިޕްރޮގްރާމު ކުރިއަށްގެންދާނަން. ކޮންމެ އަހަރެކޭވެސް އެއްފަދައިން ތަފާތު ގިނަ ޝައިޚުން މިއަންނަ އަހަރުވެސް ފެނިގެންދާނެކަމަށް އުއްމީދު ކުރެވޭ. މިފުރުސަތުގައި އަޅުގަނޑުމެންގެ މި ޕްރޮގްރާމުތަކުގައި ބައިވެރިވެލައްވާ ހުރިހާ ޝައިޚުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން" ޝައިޚް މުޖްތަބާ ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް