ރައީސާއި ނައިބުރައީސްކަމަށް ކުރިމަތިލެވޭ އުމުރު ކަނޑައެޅުމުގެ ބިލު ރައީސް ތަސްދީގު ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ މަގާމާއި ނައިބުރައީސްގެ މަގާމަށް ކުރިމަތިލެވޭ އުމުރު ބަދަލުކުރުމަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީގު ކުރައްވައިފި އެވެ. ގާނޫނު އަސާސީއަށް ގ...

25 Jun 2015 | 08:08

ރައީސުލްޖުމްހޫރިއްޔާގެ މަގާމާއި ނައިބުރައީސްގެ މަގާމަށް ކުރިމަތިލެވޭ އުމުރު ބަދަލުކުރުމަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީގު ކުރައްވައިފި އެވެ.

ގާނޫނު އަސާސީއަށް ގެނައި ފުރަތަމަ އިސްލާހުގެ ގޮތުގައި މި އިސްލާހު ފާސްވެފައިވަނީ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 77 މެންބަރުންގެ އަގުލަބިއްޔަތުންނެވެ. މި އިސްލާހާއި ދެކޮޅަށް ދެ މެންބަރުން ވޯޓު ދެއްވި އެވެ.

މި އިސްލާހާއި ދެކޮޅަށް ވޯޓު ދެއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފާއި ކެންދޫ ދާއިރާއި މެންބަރު އަލީ ހުސައިން އެވެ.

ރައީސާއި ނައިބު ރައީސް ކަމަށް ކުރިމަތިލެވޭ އުމުރަށް ބަދަލު ގެންނަން ހޯރަފުށީ ދާއިރާގެ އެމްޑީއޭގެ މެމްބަރު މުހައްމަދު އިސްމާއީލް ހުށަހެޅުއްވި އިސްލާހު ފާސްވެފައިމިވަނީ އިދިކޮޅު އެމްޑީޕީ އާއ ޖޭޕީން މި އިސްލާހަށް ތާއީދު ކުރަން ނިންމާ ވޯޓު ދިނުމުންނެވެ.

ގާނޫނުއަސާސީއަށް ހުށަހަޅާ އިސްލާހެއް ފާސްވާނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ހަތަރުބައިކުޅަ ތިންބައިގެ އަޣުލަބިއްޔަތުންނެވެ. އެއީ 64 ވޯޓެވެ. މިހާރު މަޖިލީހުގައި ތިއްބަވަނީ 85 މެމްބަރުން ކަމަށްވާއިރު، ގާނޫނުއަސާސީ އިސްލާހު ކުރުމަށް 64 ވޯޓު ބޭނުންވެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ ސަރުކާރުގެ މެމްބަރުންގެ ވާހަކަތަކަށް ބަލާއިރު، އެ ބޭފުޅުން ބޭނުން ވަނީ ނައިބު ރައީސް މުހައްމަދު ޖަމީލް މަގާމުން ވަކިކުރައްވައި، އެ މަގާމަށް ރައީސް އަބްދުﷲ ޔާމީންގެ އިތުބާރު ވަރަށް ބޮޑަށް ލިބިވަޑައިގެންފައިވާ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ގެންނެވުމަށެވެ.

އަދީބުގެ މިހާރުގެ އުމުރަކީ 34 އަހަރު ކަމަށްވާއިރު، އިސްލާހު ފާސްވެއްޖެ ނަމަ ނައިބު ރައީސް ކަމުގެ ޝަރުތު އަދީބުގެ ހަމަވާނެ އެވެ. އަދި ނައިބް ރައީސް ޑރ ޖަމީލް މަގާމުން ވަކި ކުރާނީ އިތުބާރުނެތްކަމުގެ ވޯޓެއް މަޖިލީހުގައި ނަގައިގެންކަން ދޭހަވާފަދަ ގޮތަކަށް ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވަނީ ވާހަކަ ދައްކަވާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް