ރ. އުނގޫފާރުގައި ބުރާސްފަތި ދުވަހު ކުޑަ ދެ ކުއްޖަކާއި 18 އަހަރުގެ ޒުވާނަކަށް މަގުމަތިން ކަރަންޓުގައި ޖެހުނު ހާދިސާގައި އެނދުމަތިކުރި 18 އަހަރުގެ ޒުވާނާ އިތުރު ފަރުވާއަށް މާލެ ފޮނުވާލައިފިއެވެ.
މިއަދު އެ ހޮސްޕިޓަލުން މިކަމާއި ގުޅޭގޮތުން އިތުރު ތަފްސީލެއް ލިބިފައެއް ނުވެއެވެ. އެހެންނަމަވެސް އެ ރަށުގެ ބައެއް ރައްޔިތުން ސޯޝަލް މީޑިއާގައި ޝެއާކޮށްފައިވާ ޕޯސްޓްތަކަށް ބަލާއިރު އެ ޒުވާނާ އިތުރު ފަރުވާއަށް މިހާރު ވަނީ މާލެ ފޮނުވާލާފައެވެ.
އިއްޔެ ދުވަހަށް މައުލޫމާތުދެއްވަމުން އެ ހޮސްޕިޓަލުގެ ކަސްޓަމަރ ރިލޭޝަންސް އޮފިސަރ ހަސަން ފަޒީލް މިއަދު ދުވަހަށް ވިދާޅުވީ 18 އަހަރުގެ ކުއްޖާއަށް އަދިވެސް ފަރުވާދެމުން އަންނަނީ އެ ހޮސްޕިޓަލުގެ އިންޓެންސިވް ކެއާ ޔުނިޓު (އައިސީޔޫ) ގައި ކަމަށެވެ. އަނެއް ދެކުދިން ބުރާސްފަތި ދުވަހުގެ ހަވީރުގެ ވަގުތެއްގައި ހޮސްޕިޓަލުން ދޫކޮށްލާފައިވާކަމަށާއި އަދި އެ ދެކުދިންނަށް ބޭރުފުށުން އަނިޔާއެއް ލިބިފައިނުވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އުނގޫފާރުގައި މި ހާދިސާ ހިނގީ އެ ރަށު ކުޑަކުދިންގެ ޕާކު ސަރަހައްދުގެ ކުރިމަތީގައި ހެދިފައި އޮތް ފެންގަނޑެއްގެ އެއް ފަރާތުގައި ހުރި މަގުބައްތި ހޮޅިދަނޑިއަކުން ކަރަންޓު އައިސްގެންނެވެ.
އެ ރަށުން ދުވަށް މައުލޫމާތު ހިއްސާކުރި ފަރާތަކުން ބުނީ އުމުރުން 12 އަހަރުގެ އަންހެން ކުއްޖާއި އަށް އަހަރުގެ އަންހެން ކުއްޖަކު ކުޅެން އުޅުމުގެ ތެރޭގައި 12 އަހަރުގެ ކުއްޖާއަށް އެންމެ ފުރަތަމަ އެ ފެންގަނޑުން ކަރަންޓު އިހްސާސް ކުރެވިގެން ގެއަށްގޮސް އެކަން ބުނެފައި ދެން ދިޔައިރު އަށް އަހަރުގެ ފިރިހެން ކުއްޖާ ކަރަންޓުގައި ޖެހިފައި ހުރީ ކަމަށެވެ. އަދި 18 އަހަރުގެ ޒުވާނާއަކީ އެ ކުއްޖާ ސަލާމަތް ކުރަން މަސައްކަތްކުރި ޒުވާނެއްކަމަށްވެސް ދުވަހަށް މައުލޫމާތު ހިއްސާކުރި ފަރާތުން ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް