ޗައިނާގެ ސީޒަން އޮޓޮނޮމަސް ރީޖަންގެ ފަރާތުން ރާއްޖެއަށް ހަދިޔާކުރި1500 ޓަނުގެ ބޯފެން ފޯރުކޮށްދިނުމުގައި ބޮޑަށް އިސްކަން ދޭނީ ސާފުބޯފެން ލިބުމަށް ދަތިވާ ރަށްތަކަށް ކަމަށް ފޮރިން މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
މިކަމާއި ގުޅިގެން ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ ވިދާޅުވީ، ދިވެހި ރައްޔިތުންނަށް ރައްކާތެރި ބޯފެން ފޯރުކޮށްދިނުމަކީ މިި ސަރުކާރުން ހާއްސަ އިސްކަމެެއް ދޭ ކަމެއް ކަމަށެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރ ޒަމީރު ވާހަކަދައްކަވަމުން ފާހަގަކުރެއްވީ، ރާއްޖޭގައި ސާފު ބޯފެން ރައްކާތެރިކަމާއި އެކު ބެހެއްޓޭނެ ތަންތަން ވަރަށް މަދު ކަމަށެވެ. އަދި ރާއްޖެއިން ބޮޑަށް ބަރޯސާ ވެފައިވަނީ ލޮނު ފެން މީރު ފެނަށް ބަދަލުކުރުމަށްޓަކައި ކަމަށެވެ. އެހެން ކަމުން ޗައިނާއިން ހަދިޔާކުރި ފެން ފޯރުކޮށްދިނުމުގައި އިސްކަން ދެއްވާނީ ސާފު ބޯފެން ލިބުމަށް ދަތިތަކާއި ކުރިމަތިލާން ޖެހޭ ރަށްތަކަށް ކަމަށެވެ.
މިދިޔަ އަހަރުު ތެރޭގައި ޗައިނާގެ ޝީޒަން އޮޓޮނޮމަސް ރީޖަންގެ ޗެއާމަން ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި1500 ޓަނުގެ ބޯފެން ރާއްޖެއަށް ހަދިޔާކުރުމަށް ވަނީ ނިންމަވާފައެވެ.
މިފެނުގެ ޝިޕްމެންޓް ރާއްޖެއަށް ލިބިފައިވަނީ މި އަހަރުގެ މާޗް މަހުގެ26 ވަނަ ދުވަހުއެވެ.
ފެން ހަދިޔާ ކުރުމަށް ބޭއްވެވި ހާއްސަ ރަސްމިއްޔާތުގައި، ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަން ލިޝިން ވިދާޅުުވީ އޮޓޮނޮމަސް ރީޖަންގެ ފަރާތުން ރާއްޖެއަށް ހަދިޔާކުރި1500 ޓަނުގެ ޝިޕްމްންޓްގެ އަގަކީ10 މިލިއަން ޔުއާން ނުވަތަ21.3 މިލިއަން ދިވެހި ރުފިޔާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް