ބަންގްލާދޭޝްގެ ލޭބަރުން ރާއްޖެ ގެނައުން މަނާކޮށްފައި އޮންނަތާ ހަތަރު އަހަރު ފަހުން މިދިޔަ ޑިސެމްބަރު މަހުގެ މެދެއްހާތާނގައި އަލުން އެ ހުއްދަ ދޭން ނިންމި ނިންމުން ނިމުމަކަށް ގެނެސްފިއެވެ.
ރާއްޖޭގައި ހުންނަ ބަންގްލަދޭޝް ހައިކޮމިޝަނުން މިދިޔަ ބުދަ ދުވަހު ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ ޤާނޫނުގައި ބުނާ ހަމައިން ބަލާނަމަ ރާއްޖޭގައި ވަޒީފާ އަދާކުރެވޭނެ ކޯޓާ ކޮންމެ ޤައުމަކަށްވެސް ހަމަވާ އަދަދަކީ އެއް ލައްކަ ކަމުގައިވާއިރު އެ އިތުރަށް ބަންގްލަދޭޝް ލޭބަރުން ގެންނަން ހުއްދަ ނުދޭނެކަން ސަރުކާރުން އަންގާފައިވާކަމަށެވެ.
އެހެންނަމަވެސް ބަންގްލަދޭޝް ކޯޓާ އިތުރު ކުރުމަށް ސަރުކާރާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށްވެސް ބަންގްލަދޭޝް އެމްބަސީން ބުނެފައިވެއެވެ.
17 ޑިސެމްބަރުގައި މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ 2023 ޑިސެމްބަރު 17 ވަނަ ދުވަހުން ފެށިގެން ބަންގްލަދޭޝްއިން ދިވެހިރާއްޖެއަށް އަންސްކިލްޑް ލޭބަރުން ގެނެވޭގޮތަށް ސަރުކާރުންވަނީ ހަމަޖައްސަވާފައިކަމަށާއި ހަމައެޔާއެކު އެހެން ޤައުމުތަކުން ރާއްޖެއަށް އަންސްކިލްޑް ލޭބަރުން މިވަގުތު ގެނައުން މަޑުޖައްސާލެވިފައިވާކަމަށެވެ.
އެ އިޢުލާނުކުރުމާއެކު އެއީ މި ސަރުކާރުން ޤާނޫނާ ޚިލާފަށް ދިން ހުއްދައެއް ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެފައިވެއެވެ.
އޭނާ އޭރު ވިދާޅުވީ ހަމައެކަނި ބަންގްލަދޭޝް މަސައްކަތްތެރިން ގެންނަން ސަރުކާރުން ނިންމީ ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށސް ކަމަށެވެ.
އެ ގާނޫނުގެ 65 ވަނަ މާއްދާގެ (ހ)ގައި ބުނާގޮތުން ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމަށްޓަކައި އެއް ޤައުމަކުން އެންމެ ގިނައިން ރާއްޖެއަށް ގެނެވޭނެ އަދަދަކީ އެއްލައްކަ މީހުންނެވެ.
އެ ހުއްދަ ދިނުމުގެ ކުރިން ޤާނޫނު އަސާސީ އިސްލާހު ކުރަންޖެހޭނެކަމަށް ފައްޔާޒް އޭރު ވިދާޅުވެފައިވެއެވެ.
މި ސަރުކާރުން ދިން ހުއްދަ ނިމުމަކަށް ގެނައިންކަން މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީން ކޮށްފައިވާ އިޢުލާނުކޮށްފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް