ޑިމޮކްރޭޓްސް އެންމެ ބޮޑު ޕާޓީއަށް ވާނެތީ އެމްޓީޑީގެ ކުލަ ދޭން އެދުމުން ފާޑުކިޔަނީ!

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އަޑީގައި ހުންނަވައިގެން އުފައްދާ ޕާޓީ، ދަ ޑިމޮކްރޭޓްސްއިން އިހްތިޔާރު ކޮށްފައިވާ ކުލައާއި ގުޅޭގޮތުން އިއްޔެ އިލެކްޝަންސް ކޮމިޝަނުގައި ދެއްކި ވާހަކައަ...

25 May 2023 | 04:46

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އަޑީގައި ހުންނަވައިގެން އުފައްދާ ޕާޓީ، ދަ ޑިމޮކްރޭޓްސްއިން އިހްތިޔާރު ކޮށްފައިވާ ކުލައާއި ގުޅޭގޮތުން އިއްޔެ އިލެކްޝަންސް ކޮމިޝަނުގައި ދެއްކި ވާހަކައަށް ފާޑުކިޔުން އަމާޒުވަމުން އެބަދެ އެވެ.

އެ ޕާޓީ އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން އިއްޔެ ވަނީ ދީފައި އެވެ. ޕާޓީން ބޭނުން ކުރަން ނިންމާފައިވަނީ މަޑު ނޫކުލައެކެވެ.

އެ ކުލައަކީ މޯލްޑީވްސް ތާޑްވޭ ޑިމޮކްރޭޓު (އެމްޓީޑީ) ގެ ކުލަ އާއި ވަރަށް އެއްގޮތް ކުލަ އެވެ.

އިއްޔެ ޕާޓީ އުފެއްދުމުގެ ހުއްދަ ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ޑިމޮކްރޭޓްސް އުފެއްދުމުގައި އިސްކޮށް އުޅުއްވާ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ އެ ޕާޓީން ހިޔާރު ކުރި ކުލައަކީ ސީދާ އެކުލައަށް ނުވަންޏާ އެ ފުރުސަތު ދަ ޑިމޮކްރޭޓްސްއަށް ދިނުން އެދިވަޑައިގެންނަވާ ކަމަށެވެ.

އީވާ ވިދާޅުވީ އެ ޕާޓީ ވެގެންދާނީ ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީއަށްކަން އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުންނަށްވެސް އެނގިވަޑައިގެންނަވާނެ ކަމަށެވެ. އެހެން ކުދި ކުދި ސިޔާސީ ޕާޓީތައް ފަނޑުވަމުން ދާނެ ކަމަށް ވިދާޅުވި އެވެ.

އީވާގެ މި ވާހަކައާއި ގުޅިގެން ސޯޝަލް މީޑިއާގައި ފާޑުކިޔަމުންދާ މީހުން ބުނީ ކުދި ޕާޓީތަކަށް ނިސްބަތްކޮށް އީވާގެ ބަސްމަގު ހުރީ ރަނގަޅަށް ނޫން ކަމަށެވެ. އަދި އެހާބޮޑު ތަފާތު ކުރުން ގެންގުޅެގެން ނުވާނެ ކަމަށް ބުނެފައިވެ އެވެ.

މި މައްސަލައިގަ އެމްޓީޑީންވެސް ދަނީ ހިތްހަމަ ނުޖެހުން ފާޅު ކުރަމުންނެވެ. އަދި އެ ކުލަ ޑިމޮކްރޭޓްސްއަށް ދީގެން ނުވާނެ ކަމަށް ދަނީ ގޮވާލަމުންނެވެ.

އެމްޑީޓީއަކީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޕާޓީ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް