އަނެއްކާވެސް ޕޯސްޓު މެދުވެރިކޮށް ރާއްޖެ އެތެރެ ކުރި މަސްތުވާތަކެތި އަތުލައިގެންފި

ޕޯސްޓު މެދުވެރިކޮށް ރާއްޖެ ގެނައި ޕާރުސަލެއްގެ ތެރެއިން މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފިއެވެ. މިތަކެތި އަތުލައިގަނެފައިވަނީ ޕާރުސަލްތައް ބަލައިފާސްކުރުމުގެ ތެރޭގައި، ޝައްކުކުރެވޭ ޒާތުގެ ބާ...

25 May 2022 | 18:48

ޕޯސްޓު މެދުވެރިކޮށް ރާއްޖެ ގެނައި ޕާރުސަލެއްގެ ތެރެއިން މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފިއެވެ.

މިތަކެތި އަތުލައިގަނެފައިވަނީ ޕާރުސަލްތައް ބަލައިފާސްކުރުމުގެ ތެރޭގައި، ޝައްކުކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން، އެތަކެތި އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައެވެ.

މިތަކެތި ހޯދިފައިވަނީ މިމަހުގެ 18 ވަނަ ދުވަހު އެވެ. ކަސްޓަމްސްއިން ބުނީ އެތަކެތި ފުރަތަމަ މަރުހަލާގައި ޓެސްޓު ކުރި އިރު ކެނަބިސްއަށް ޕޮސިޓިވްވެފައިވާ ކަމަށެވެ.

މިމައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 0.537 ކިލޯ ހުއްޓެވެ. އަދި އަތުލައިގަނެވުނު މަސްތުވާތަކެތި ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ޙަވާލުކޮށްފައެވެ.

މިއަހަރުގެ މިހާތަނަށް ކަސްޓަމްސް އިން ވަނީ ކުރިއަރ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު ޖުމްލަ  6.374 ކިލޯގެ މަސްތުވާތަކެއްޗާއި، އެއާރކާގޯ ޝިޕްމަންޓެއްގައި ފޮރުވައިގެން ރާއްޖެ އެތެރެކުރަން އުޅުނު ޖުމްލަ 17 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައެވެ.

ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށްޓަކައި ކުރެވެމުންދާ މަސައްކަތްތައް ހަރުދަނާކޮށް އިތުރަށް ފުޅާކުރުމަށްޓަކައި ކަސްޓަމްސްއިން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން، މަސްތުވާތަކެތި ޓްރެފިކްކުރުމުގެ އެންމެފަހުގެ ޓްރެންޑްތައް ދެނެގަނެ މުވައްޒަފުންނާއި ހިއްސާކޮށް، މުވައްޒަފުންގެ ހުނަރުވެރިކަން އިތުރުކުރުމަށްޓަކައި ކަމާ ގުޅުންހުރި ތަމްރީންތައް ދީ، ބަލާފާސްކުރުމުގެ އެންމެ ޒަމާނީ ވަސީލަތްތައް މަސައްކަތު މާހައުލުގައި ބޭނުންކުރަންވަނީ ފަށާފައެވެ. އަދި މީގެ އިތުރުން ވެސް ކަސްޓަމްސްގެ އިންޓެލިޖެންސާއި ރިސްކް މެނޭޖްމަންޓް ހަރުދަނާކުރުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް