ރާއްޖޭގެ ރިޒާވް މަދުވެ ލޯނު ނުދެއްކިދާނެ ކަމުގެ ބިރު އެންމެ ބޮޑު ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށް އެމެރިކާގެ އެންމެ ބޮޑު އެއް އިންވެސްޓްމަންޓް ބޭންކް، ޖޭޕީ މޯގަން އިން ބުނެފި އެވެ.
އެ ބޭންކުން މިހެން ބުނީ ރަޝިޔާ އާއި ޔޫކްރެއިންގެ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ އިގްތިސާދަށް އަންނާނެ ބަދަލުތަކާ ގުޅޭ ގޮތުން ޖޭޕީމޯގަން އިން ކޮށްފައިވާ ދިރާސާގައި އެވެ.
އެ ދިރާސާގައި ބުނީ ތަރައްގީވަމުން އަންނަ ގައުމުތަކުގެ އިގްތިސާދަށް ބޮޑު އަސަރެއް ކުރާނެ ކަމަށެވެ. އަދި ލޯނުތަކުގެ އިންޓްރެސްޓް ރޭޓު ބޮޑުވެ، ތަރައްގީވަމުން އަންނަ އިގްތިސާދުތަކުގެ ދަރަނި އަދާކުރަން ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވާނެ ކަމަށް ބުނެފައިވެ އެވެ.
މިކަމުގެ އަސަރު އެންމެ ބޮޑަށް ކުރާނީ މިހާރު ވެސް ދަރަނި ބޮޑު ގައުމުތަކަށް ކަމަށް އެ ބޭންކުން ބުންޏެވެ. ޖޭޕީމޯގަން އިން ބުނެފައިވާ ގޮތުގައި ދަރަނި ނުދެއްކި ސްރީ ލަންކާއޮތްހާލަތަށް ހިނގައިދާނެ ގިނަ ގައުމުތަކެއް އެބަހުއްޓެވެ.
އެ ބޭންކުން ދިރާސާކޮށް ބެލި ގައުމުތަކުގެ ތެރޭގައި 52 ގައުމަކަށް ދަރަނި ނުދެއްކުމުގެ މައްސަލަ ކުރިމަތިވެދާނެ ކަމަށް ބުނެފައިވެ އެވެ. އޭގެ ތެރޭގައި ރާއްޖެ ހިމެނެ އެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާށް ހިސާބު ދައްކާގޮތުން ރާއްޖޭގެ ރިޒާވްގައި މާޗް މަހުގެ ނިޔަލަށް ހުރީ 865 މިލިއަން ޑޮލަރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް