ތ. ވޭމަންޑޫ އާއި ކިނބިދޫ ކޯސްވޭއަކުން ގުޅާލުމުގެ މަޝްރޫއު މިދައުރު ނިމުމުގެ ކުރިން ނުނިންމޭނެ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެކަމާ ގުޅޭގޮތުން ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ސުވާލު ކުރެއްވުމުންނެވެ.
މިނިސްޓަރު ވިދާޅުވީ އެ މަޝްރޫއު މި ދައުރުގައި ނުނިންމޭ އިރު ފެށޭނެ ތާރީހެއްވެސް ވިދާޅުނުވެވޭނެ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ތާރީހެއް ވިދާޅުވެވެން ނެތީ އެކަމަށް ބަޖެޓު ހަމަޖެހިފައި ނުވާތީ ކަމަށެވެ.
މިނިސްޓަރު އަސްލަމް ވިދާޅުވީ ވޭމަންޑޫ އާއި ކިނބިދޫ ކޯޒްވޭގެ އަމަލީ މަސައްކަތް ފެށުމުގެ ކުރިން ހަދަންޖެހޭ ޕްރެލިމިނަރީ އެސެސްމަންޓް ހަދައި އެ މަޝްރޫއަށް ހޭދަވާނެ ވަރެއް ބަލާފައިވާނެ ކަމަށެވެ. އެގޮތުން އެ ކޯޒްވޭ އަކީ ގާތްގަނޑަކަށް ތިން ކިލޯމީޓަރުގެ ކޯޒްވޭއެއް ކަމަށާއި މުޅި މަޝްރޫއަށް 522 މިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށެވެ. އެއީ މީޓަރަކަށް ނަމަ 174،000 ރުފިޔާ ކަމަށްވެސް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މަޝްރޫއު ޕްލޭން ކުރަމުން ދިޔަ ދިމާވި އެންމެ ބޮޑު މައްސަލަ އަކީ ވޭމަންޑޫ އާއި ކިނބިދޫއާ ދެމެދު އޮތް "އެލާ" ކިޔާ ފަޅު ރަށެއް ރިސޯޓް ހެދުމަށް ބަޔަކަށް ދީފައި އޮތުން ކަމަށެވެ. އެކަމަކު އެލާ ދޫކޮށްފައި އޮތް ކުންފުންޏާއި ސަރުކާރާ ވާހަކަ ދައްކައިގެން އެލާގައި ރިސޯޓް ނުހެދުމަށް ނިންމާ އެ މައްސަލަ ހައްލުކޮށްފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް