ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރަމުންދާ ވިނަރެސް ފްލެޓުތަކުން ކޮންމެސް މިންވަރަކަށް ރަށްރަށުގެ ރައްޔިތުންނަށް ފްލެޓު ލިބޭނެ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. މިނިސްޓަރު މިއަދު މަޖިލީހަށް ހާޒިރު ކުރީ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ކުރައްވާ ސުވާލަށް ޖަވާބު ދެއްވުމަށެވެ.
އަސްލަމް ވިދާޅުވީ "ވިނަރެސް" ފްލެޓުތަކުގެ މަސައްކަތް ނިންމައި އަންނަ ޖުލައި މަސް ތެރޭގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ހަވާލުކުރާނެ ކަމަށް ކޮންޓްރެކްޓަރު އަންގާފައިވާ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ފްލެޓުތައް ގަންނަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ހުޅުވާލާކަށް މާ ގިނަ ދުވަހެއް ދެން ނުނަގާނެ ކަމަށެވެ.
އޭނާ ވިދާޅުވީ "ވިނަރެސް" ފްލެޓްތަކުގެ ބައެއް ފްލެޓްތައް، ރަށްރަށުން މާލެ އަށް ހިޖުރަ ކޮށްގެން ދިރިއުޅޭ މީހުންނަށް ލިބޭނެ ކަމަށެވެ. އެކަމަކު ބޮޑުބައި ލިބޭނީ މާލޭގެ މީހުންނަށް ކަމަށް އޭނާ ވިދާޅުވި އެވެ.
އިތުރު ފްލެޓުތައް ދިނުމަށް ހަމަޖެހިފައިވަނީ ހިޔާ ފްލެޓު ދޫކޮސްލި މީހުން، ގުޅީފަޅުން ފްލެޓު ގަތް މީހުންނަށާއި ސީލައިފް ގްލޯބަލްއިން ފްލެޓު ގަނެގެން ލަނޑު ލިބިފައިވާ މީހުންނަށެވެ. އޭގެތެރެއިން ފްލެޓު ދިނުމަށް ހަމަޖެހިފައިވަނީ ބޭނުން މީހުންނަށެވެ.
ވިނަރެސް މަޝްރޫއުގެ ދަށުން1،344 ފްލެޓު ހަދާނެ އެވެ. އެއީ13 ފަންގިލާގެ10 ޓަވަރެވެ،
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް