އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމު ކުރުމަށް އެ ގައުމުގެ ސަރުކާރުން ނިންމާފައިވާއިރު އެ ކަމުގައި ދިވެހި ސަރުކާރުން އަދި ވަކި ގޮތެއް ނުނިންމާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހް މިހެން ވިދާޅުވީ މިރޭ ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ރައީސް ވިދާޅުވެފައިވަނި އަދި އޮތީ އިންޑިއާ ސަރުކާރުގެ ނިންމުމެއް ކަމަށާއި ދެ ގައުމުގެ ދެމެދުގައި މިކަމުގައި ދެކެވެންޖެހޭ ވާހަކަތައް ދެކެވޭނެ ކަމަށެވެ. އަދި ވަކި ގޮތެއް ނިންމާފައިނުވާކަމަށެވެ.
"އިންޑިއާއާ ރާއްޖެއާ ވަރަށް ގާތް ގުޅުމެއް އެބައޮތް، ދިއްލީގައި ރާއްޖޭގައި ހައި ކޮމިޝަނެއް ހުންނައިރު ޓްރިވެންޑްރަމްގަ ދިވެހި ކޮންސިއުލޭޓެއް ހުރޭ" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ އިންޑީއާގެ މި ނިންމުމަކީ މިކަމާ ދޭތެރޭގައި ވިސްނަން ޖެހޭ ކަމެއް ކަމަށެވެ.
އައްޑޫ ސިޓީގައި ކޮންސިއުލޭޓެއް ގާއިމްކުރަން އިންޑިއާ ސަރުކާރުން ފާސްކުރީ މިއަދު ބޭއްވި އެ ގައުމުގެ ކެބިނެޓް ބައްދަލުވުމެއްގައެވެ. ބޮޑުވަޒީރު މޯދީވެސް ބައިވެރިވެވަޑައިގެންނެވި އެ ބައްދަލުވުމުގައި މިހެން ނިންމާފައިވީނަމަވެސް އެ ގައުމުގެ ސަރުކާރުން ފަހުން ބުނެފައިވަނީ އެ ނިންމުމަށް އަމަލުކުރަން ފަށާނީ އެކަމުގެ ހުއްދަ ދިވެހި ސަރުކާރުން ދިނުމުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް