ކޯވިޑް ކޮންޓްރޯލް ކުރުމުގައި ސަރުކާރު ފެއިލްވެފަވާކަން ގަބޫލެއް ނުކުރަން: ރައީސް ސޯލިހު

ރާއްޖޭގައި ކޯވިޑް-19 ކޮންޓްރޯލް ކުރުމުގައި ސަރުކާރު ފެއިލްވެފައި ނުވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ. ނޫސްވެރިންނާ ބައްދަލު ކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ...

25 May 2021 | 18:42

ރާއްޖޭގައި ކޯވިޑް-19 ކޮންޓްރޯލް ކުރުމުގައި ސަރުކާރު ފެއިލްވެފައި ނުވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންނާ ބައްދަލު ކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ރާއްޖޭގައި ކޯވިޑްގެ ކޭސްތައް އިތުރުވެ ގިނަ ބަޔަކު މަރުވަމުން ދަނީ ސަރުކާރަށް މެނޭޖް ނުކުރެވިގެންނެވޭ ވިދާޅުވެވެން ނެތް ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖެ މި ހާލަތަށް ދިޔައިރު ހަމަ އެކަނި މަދުވަނީ ނުވަތަ ދަތިކަމެއް އުޅެނީ އިންސާނީ ވަސީލަތްތަކުގައި އެކަނި ކަމަށެވެ.

ހުޅުމާލޭ ފެސިލިޓީގައި ކޮންމެ 10 ބަލިމީހަކަށް މިވަގުތު ފަރުވާދެމުންދަނީ ނަރުހަކާއި، އެހީތެރިއެއް ކަމަށާ، މިއީ މަދު ޢަދަދެއްކަމަށް ގަބޫލުފުޅުކުރައްވާކަމަށް ވިދާޅުވި އެވެ. ނަމަވެސް ކުރިއަށް އޮތް ތަނުގައި އިތުރު މީހުން ލިބުމުން މިކަން ހައްލު ވެގެންދާނެކަމަށް އުންމީދުކުރައްވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އެންމެ ފުރަތަމަ ރާއްޖެއިން ކޯވިޑް ފެނުނު ދުވަހުން ފެށިގެން މިހާތަނަށް ކުރެވެނު މަސައްކަތްތަކުން ގިނަ އެނދުތަކެއް ތައްޔާރު ކުރެވި ވަސީލަތް ގާއިމްކުރެވިފައިވާކަން ރައީސް ވިދާޅުވި އެވެ. ރައީސް ސޯލިހު ވިދާޅުވީ ރާއްޖޭގައި މިހާރުވެސް ވެންޓިލޭޓަރާއި، އޮކްސިޖަންވެސް ބޭނުންވާ ވަރަށް އެބަހުރިކަމަށާ، އެކަމުގައިވެސް އެއްވެސް ދައްޗެއް ނެތްކަމަށް ރައީސް ވިދާޅުވިއެވެ.

އިންސާނީ ވަސީލަތްތައް އިތުރު ކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ރައީސް ވިދާޅުވީ އަވަށްޓެރި ގައުމުތަކުގެ އެހީ ރާއްޖެއަށް ހޯއްދެވުމަށް އެދިވަޑައިގެންފައިވާނެކަމަށެވެ. މިހާތަނަށް އެއެހީތެރިކަން ލިބުމުގައި ދަތިވެފައިވަނީ އެހެން ގައުމުތަކުގެ ހާލަތުވެސް ގޯސްވެފައިވުމުގެ ސަބަބުންކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖެއަށް ބޭނުންވާ އިންސާނީ ވަސީލަތް ހޯދުމުގެ އެހީތެރިކަން ހޯދުމަށް އެދިފައިވަނީ ބަންގްލަދޭޝާއި އިންޑިއާގެ ކިބައިންނެވެ. ރައީސް ވިދާޅުވީ އަންނަ މަހުގެތެރޭގައި އެ ގައުމުތަކުގެ 40 ޑޮކްޓަރުންނާއި 100 ނަރުހުން ރާއްޖޭގެ ސިއްޙީ ޚިދުމަތާ ގުޅޭނެކަމަށެވެ.

އެހެން ކަމުން ސަރުކާރަށް ކޯވިޑް މެނޭޖް ނުކުރެވޭ ބުނެވެން ނެތް ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް