ރަޝިއާގެ ސްޕުޓްނިކް-ވީގެ ދެ ލައްކަ ޑޯޒު ގަންނަނީ، ސޮއި ކުރާތާ ހަތަރު ހަފްތާ ތެރޭގައި ލިބޭނެ

ރަޝިއާގެ ސްޕުޓްނިކް-ވީ ވެކްސިންގެ ދެ ލައްކަ ޑޯޒު ގަންނަން ނިންމާފައިވާ ކަމަށް ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ. މި ވެކްސިން އަކީ ރާއްޖޭގައި ކޯވިޑް-19 އަށް ޖެހުމަށް ހުއްދަދިން ހަތަރު...

25 May 2021 | 18:18

ރަޝިއާގެ ސްޕުޓްނިކް-ވީ ވެކްސިންގެ ދެ ލައްކަ ޑޯޒު ގަންނަން ނިންމާފައިވާ ކަމަށް ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

މި ވެކްސިން އަކީ ރާއްޖޭގައި ކޯވިޑް-19 އަށް ޖެހުމަށް ހުއްދަދިން ހަތަރު ވަނަ ވެކްސިނެވެ. މި ވެކްސިނަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓިން ހުއްދަ ދީފައިވަނީ މިމަހުގެ 12 ވަނަ ދުވަހު އެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ނަސީމް ވިދާޅުވީ ރަޝިއާގެ ވެކްސިންގެ އެއްބަސްވުމުގައި ވަަރަށް އަވަހަށް ސޮއިކުރާނެ ކަަމަށެވެ. އެގްރީމެންޓްގައި ސޮއިކުރާތާ ހަތަރު ހަފުތާ ތެރޭގައި ވެކްސިން ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިހާރު އިންތިޒާރު ކުރަމުން ދަނީ އެޓާނީ ޖެނެރަލްގެ ލަފާފުޅަކަށް ކަމަށާއި އެ ވެކްސިން ގަތުމަށް ބޭނުންވަނީ އޭޖީގެ ލަފާއަށް މިހާރު އެދިފައިވާ ކަމަށެވެ.

އެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ރާއްޖެއަށް ކޯވިޑް ވެކްސިން ލިބޭނެ ހުރިހާ ގައުމަކާއި ހެން ސަރުކާރުން މަޝްވަރާ ކުރި ކަމަށެވެ. އެކަމަކު ޔޫރަޕްގެ ގައުމުތަަކުން ބޭނުންވަނީ ވެކްސިން ގަނެވިއްކުމުގެ މުއާމަލާތް މިވަގުތު ކުރިޔަށް ގެންދިއުމުގެ ބަދަލުގައި ޑަބްލިއުއެޗްއޯ މެދުވެރިކޮށް ގައުމުތަކަށް ފޯރުކޮށްދެވެން އޮތްވަރަށް ފޯރުކޮށްދިނުމަށް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖެެއިން ބޭނުންވެގެން ބެލި ވެކްސިން ތަކުގެ ތެރެއިން ވިއްކަން އެއްބަސްވީ ރަޝިއާ ސަރުކާރުން އެކަނި ކަމަށެވެ.

ރާއްޖޭގައި އެންމެ ގިނަ މީހުން ޖަހާފައިވަނީ ކޮވިޝީލްޑް ވެކްސިނެވެ. އެކަމަކު އެ ވެކްސިންގެ ދެވަނަ ޑޯޒު ފުރަތަމަ ޑޯޒު ޖެހި އެންމެންނަށް ޖެހޭ ވަރަށް ނެތިގެން އާންމުކޮށް ކޮވިޝީލްޑް ވެކްސިން ޖަހައިދިނުން ވަނީ ހުއްޓާލާފައި އެވެ.

އެޗްއީއޯސީން ބުނީ ކޮވިޝީލްޑުގެ ފުރަތަމަ ޑޯޒު ޖަހައި ދެ ވަނަ ޑޯޒު ޖަހަން ވެފައި ތިބި ޖުމްލަ 92،000 މީހުން އެބަ ތިބި ކަމަށެވެ. އެއީ މާލެއިން 55،000 މީހުންނާއި ރަށްރަށުން 37،000 މީހުންނެވެ.

މިހާރު އާންމުކޮށް ހުޅުވާލައިގެން ޖަހައިދެމުން ދަނީ ސިނޮފާމް ވެކްސިން އެވެ. ފައިޒާ ވެކްސިންވެސް ޖަހައިދެމުން ދަނީ އެޕޮއިންޓްމެންޓު އުސޫލުން ވަކި ބަޔަކަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް