ކޯވިޑްގެ ހާލަތު ގޯސްވީ މިދިޔަ އޭޕްރިލް މަހު ދެވުނު ލުއިތަކުން: ރައީސް

ރާއްޖޭގެ ކޯވިޑް-19ގެ ހާލަތު މިހާ ގޯސްވެގެން ގޮސްފައި މިވަނީ މިދިޔަ އޭޕްރިލް މަހު ދެވުނު ލުއިތަކުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރައީސް އޮފ...

25 May 2021 | 17:53

ރާއްޖޭގެ ކޯވިޑް-19ގެ ހާލަތު މިހާ ގޯސްވެގެން ގޮސްފައި މިވަނީ މިދިޔަ އޭޕްރިލް މަހު ދެވުނު ލުއިތަކުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ރައީސް ސޯލިހު ވިދާޅުވީ އެޕްރީލްގެ ކުރީކޮޅު ދެވުނު ލުއިތަކަކީ ރަނގަޅަށް ކުރެވުނު ކަމެއް ނޫން ކަމަށާއި އެއީ ގޯސްކޮށް ހިނގިކަމެއް ކަމަށެވެ. އެހެން ނަމަވެސް މިވަގުތަކީ އެކަމުގައި އިހުމާލުވަނީ ކޮން ބައެއްތޯ ބަލައި އެއް ބަޔަކު އަނެއް ބަޔަކު އިނގިލި ދިއްކުރަންވީ ވަގުތު ނޫން ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އޭރު ދިން ލުއިތަކާއެކު ރާއްޖެއަށް ފަސޭހަކަމާއެކު ދަތުރުފަތުރު ކުރެވޭނެ ގޮތް މަގުފަހިވެގެން ދިޔަ ކަމަށެވެ. މީގެ އިތުރުން މާލެ ތެރޭގައި ވަރަށް ފަސޭހައިން އެއް ތަނުން އަނެއް ތަނަށް ގޮސް، ބައްދަލުކޮށް އުޅުމުގެ ފުރުސަތު ލިބިގެންދިޔުމުން ބަލި ފެތުރުމުގެ ފުރުސަތު އިތުރަށް ފަހިވީ ކަަމަށް ވިދާޅުވި އެވެ.

ދުނިޔޭގެ ހުރިހާ ގައުމެއްގެ ސަރުކާރުތަކަށް ވެސް ގޯސް ހެދޭކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ ސަރުކާރުން ބަލަނީ ހެދޭ ގޯސްތަކުން އިބުރަތް ލިބި ގަނެ ކަންކަން ރަނގަޅު ކުރަން ކަމަށެވެ. އަދި މިހާރު އަޅާފައިވާ ފިޔަވަޅުތަކުން ފެއިލްނުވެ ބަލި ކޮންޓްރޯލް ކުރެވޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ މި ވޭތުވެދިޔަ ގާތްގަނޑަކަށް ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ވަރުބަލިކަމެއް ނެތި ސިއްހީ ހިދުމަތްތެރިން ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްދެއްވައިފި ކަމަށެވެ. އެބޭފުޅުންގެ އެ މަސައްކަތްތައް އެގޮތަށް ކުރިއަށްދިޔަ ނަމަވެސް، މި ވޭތުވެދިޔަ ދެ މަހު ބައްޔަށް ޕޮޒިޓިވްވާ މީހުން ވަރަށް ބޮޑުތަން އިތުރުވުމުގެ ސަބަބުން މިއަދު މިވަނީ ޕޮޒިޓިވްވާ ފަރާތްތަކަށް އެކަށީގެންވާ ރަނގަޅު ހިދުމަތެއް ދިނުމަށް ދަތިތަކާ ކުރިމަތިލާން ޖެހިފައި ކަމަށެވެ.

އެހެންނަމަވެސް އަދިވެސް ސިއްހީ ހިދުމަތްތެރީން ތިއްބެވީ ދުލެއް ނުދީ މިކަމުގައި ކުރިއަށް ވަޑައިގަންނަވަން ކަމަށް ވެސް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް