މިހާރު ސަރުކާރު މި ހިންގަނީ މުއިއްޒުއާ ޝުޖާއުތަ !؟

ކައުންސިލަށް އަލަށް އިންތިހާބުވި ކައުންސިލަރުން މަގާމުގެ ހުވާ ކުރައްވާފައި ވަނީ މި މަހުގެ17 ވަނަ ދުވަހުއެވެ. އޭގެފަހުން މިއަދާ ހަމައަށް މަސްދުވަސްވެސް ނުވާއިރު، މާލެސިޓީ ކައުންސިލްގެ މޭޔަރުގެ މަގާމާ ހ...

25 May 2021 | 17:17

ކައުންސިލަށް އަލަށް އިންތިހާބުވި ކައުންސިލަރުން މަގާމުގެ ހުވާ ކުރައްވާފައި ވަނީ މި މަހުގެ17 ވަނަ ދުވަހުއެވެ. އޭގެފަހުން މިއަދާ ހަމައަށް މަސްދުވަސްވެސް ނުވާއިރު، މާލެސިޓީ ކައުންސިލްގެ މޭޔަރުގެ މަގާމާ ހަވާލުވެ، ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އާއި މާލެ ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއި މިވަނީ ގިނަ މަސައްކަތްތަކެއް ފަށައި ގިނަ ކަންތައްތަކެއް ކޮށްފައެވެ.

އެމްޑީޕީގެ ސަރުކާރެއްގައި މާލެ އަދި ހުޅުމާލޭގެ ކަންކަންކުރަން ހަލުވި ސްޕީޑެއްގައި ދެބޭފުޅުންވެސް ކުރައްވާތަން ފެނެއެވެ. ރާއްޖެއަށް ދިމާވެފައިވާ ކޮވިޑްގެ ނުރައްކާތެރި ދަނޑިވަޅުގައި، ސަރުކާރުގެ މަތީ މަގާމުތަކުގައި ތިއްބެވި، ރައްޔިތުންނަށް ނުހަނު ބޭނުންތެރި އެތައް ފަރާތެއް 'ނުފެނިގެން' ރައްޔިތުން އުޅޭއިރު، މުއިއްޒު އާއި ޝުޖާއު ފެންނަނީ އަބަދުވެސް ވަރަށް ހަރަކާތްތެރިކޮށެވެ. އަދި ރައްޔިތުންގެ އަޑުއަހައި، އެޝަކުވާތަކާ އެއްގޮތަށް ކަންކަން ހައްލުކޮށްދެއްވަމުން ދާތަން ފެނެއެވެ.

ޝުޖާއު ވިދާޅުވެފައި ވަނީ، ހުޅުމާލޭ ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތަކާއި ގުޅޭގޮތުން ހިޔާލު ބަދަލުކޮށް މައުލޫމާތު އޮޅުން ފިލުވަމުން ގެންދަވާ ކަމަށެވެ. އެގޮތުން ހިޔާލު ބަދަލުކުރުމުގެ ތެރެއިން އެކަނިވެރި މައިންނާއި ނުކުޅެދުންތެރިކަން ހުންނަކުދިންގެ އާއިލާތަކުގެ އިތުރުން ހުޅުމާލޭގެ ގިނަ ރައްޔިތުން އެދުނީ ގޭސްފުޅި ފުލެޓް ތަކާއި އާންމުންގެ އިމާރާތް ތަކުގެ މަތީ ފަންގިފިލާ އާއި ހަމަޔާށް ޑެލިވަރީ ކުރެވޭނެ ގޮތް ވުމަށް މަސައްކަތްކުރުމަކީ ޝުޖާއު ކުރެއްވި މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތެވެ.

މިއަދު ބޭއްވުނު މާލެ ސިޓީ ކައުންސިލްގެ ހުޅުމާލެ ސަރވިސަރސް ކޮމިޓީގެ 2 ވަނަ ބައްދަލުވުމުން ހުޅުމާލެ ސެންޓްރަލް ޕާކާއި ނޭބަރހޫޑް ޕާރކް ތަކުގައި ވާ އައުޓްޑޯ ޖިމްތަކުގެ ބައެއް އިކުއިޕްމަންޓްތައް ބޭނުން ނުކުރެވޭކަމުގެ ޝަކުވާ ރައްޔިތުންގެ ފަރާތުން ލިބިފައިވާތީ، މިދެންނެވި އިކުއިޕްމަންޓް ތައް ބޭނުންކުރެވޭހާލަތައް ގެނައުމަށް ވަނީ ނިންމިފައެވެ. މިކަން ވީ އެންމެ އަވަހަށް ހައްލު ކޮށްދެއްވުމަށް އެޗްޑީސީގައި މިއަދު ވާނީ ކައުންސިލްގެ ފަރާތުން ރަސްމީކޮށް އެދިފައި ކަމަށް ޝުޖާއު ވިދާޅުވިއެވެ.

މީގެ އިތުރުން މިއަދުވެސް ހުޅުމާލޭގެ އެކި ސަރަހައްދު ތަކުގައި ހުރި ބޮޑެތި ކުނި ފުނިތައް ނެގުމުގެ މަސައްކަތް ކުރިއަށް ގޮސްފައިވާކަމަށް ޝުޖާއު ވިދާޅުވިއިރު، އިއްޔެ ކުރިއަށްދިޔަ ހުޅުމާލެ ސާފު ކުރުމުގެ މަސައްކަތް ޝުޖާއު ވަނީ ވަރަށް ގާތުން ބައްލަވާފައެވެ.

މި ނޫނަސް އެކިއެކި މަސައްކަތްތަކުގައި އަމަލީގޮތުން ބައިވެރިވެ، ޝުޖާއު ދަނީ ރައްޔިތުންނާ ވަރަށް ގާތުން މަސައްކަތް ކުރައްވަމުންނެވެ.

މާލެ ސިޓީގެ މޭޔަރު މުއިއްޒު އަކީވެސް މަސައްކަތްތައް ވަރަށް ކައިރިން ބައްލަވާ އަދި ރައްޔިތުންނަށް ބޭނުންތެރި މަސައްކަތްތަކެއް މި ވީ މަދު ދުވަސްކޮޅުގެ ތެރޭގައި ކުރައްވާފައިވާ ބޭފުޅެއްކަން ފާހަގަކުރެވެއެވެ.

ކޮވިޑް 19 ގެ ނުރައްކާތެރި މި ޙާލަތުގައި، މާލެ ސިޓީގައި ގިނަ ވަގުތު ކަރފިޔު އިޢުލާންކޮށްފައި އޮންނާތީ، ގިނަ ބައެއްގެ ޢާމްދަނީއަށް އަސަރުކޮށްފައި ވުމާއެކު، މާލެ ސިޓީގައި ދިރިއުޅޭ ރައްޔިތުންގެ ފެނާއި ކަރަންޓު ބިލަށް ލުޔެއް ދެއްވުން އެދި މުއިއްޒުވަނީ ގޮވާލާފައެވެ.

މީގެ އިތުރުން، މާލޭގެ މަގުތައް ބަންދު ކުރުމުގެ ގަވާއިދެއް ހެދުމަށް ނިންމަވާފައިވާކަން ހިއްސާކުރައްވަމުން މުއިއްޒު ވިދާޅުވީ، މިގަވާއިދު ހެދުމުގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހިމަނާނެ ކަމަށެވެ.

މި މަހުގެ19 ވަނަ ދުވަހު މާލެ ވިޔަފާރިވެރިންގެ މިސްކިތުގެ އުތުރުން އޮތް ބިން ސާފު ކުރުމުގެ މަސައްކަތް ބައްލަވާލަން ވަޑައިގެން، މިސްކިތްތަކުގެ ހާލަތު ހުރިގޮތް ބެލުމުގެ މަސައްކަތް ފަށާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.

އަދިހަމައެޔާއެކު، ޓެކްސީ ޑްރައިވަރުންގެ އަތުން ޕާކިން ފީ ގޮތުގައި ނަގަމުންދާ 3000 ރުފިޔާ 750 ރުފިޔާއަށް ކުޑަކުރުމަށް ނިންމާފައިވާކަމަށާއި މިހާރު ޓެކްސީ ޑްރައިވަރުންގެ އަތުން ޕާކިން ފީ ނަގަމުންދަނީ އެންމެ އިންސާފުވެރި އަގުތަކެއްގައި ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް މުއިއްޒު ވިދާޅުވެފައިވެއެވެ.

މީގެ އިތުރުންވެސް މާލެ އާއި ވިލިމާލެގެ ހުސްބިންތައް ބޭނުން ކުރުމުގެ ޕްލޭނެއް ރައްޔިތުންގެ މަޝްވަރާއާއި ހިޔާލާ އެކީ އެއް މަސް ތެރޭ ނިންމާނެ ކަމަށާއި ޕާރކުތަކާއި މައިޒާން ތަކުގެ އާބަތުރަފިލުވާ މަރާމަތު ކުރުމަށްޓަކައި މިހާރު އެތަންތަން ހުރި ހާލަތު ބަލައި ރިޕޯޓެއް ތައްޔާރު ކުރުމަށް ފެށިފައި ވާކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

މިހާތަނަށް ކުރައްވާފައިވާ މަސައްކަތްތަކުގެ އަދާހަމަ ހިއްސާކުރައްވަމުން މުއިއްޒު ވިދާޅުވީ ގުދަން، ގަރާޖު އަދި ވޯކްޝޮޕްތައް ސިނާއި އަވަށަށް ބަދަލުކުރުމަށް ނިންމާފައިވާ ކަމަށާއި މިކަމާ ގުޅޭގޮތުން ކަމާބެހޭ ވުޒާރާތަކާ މަޝްވަރާކޮށް އޭގެ ޕްލޭން ހެދުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށެވެ.

މި ނޫނަސް މާލެ އަދި ހުޅުމާލެއާ ގުޅުންހުރި އެތައް ކަމެއް މުއިއްޒުއާއި ޝުޖާއު ކުރައްވަމުން އެބަ ގެންދަވައެވެ.

ޕީޕީއެމްގެ ޓިކެޓްގައި މާލެ އަދި ހުޅުމާލޭގެ 'ވެރިންނަށް' ތިބި މުއިއްޒު އާއި ޝުޖާއު ފެންނަނީ އެމްޑީޕީގެ މަތީ މަގާމުތަކުގައި ތިއްބެވި ގިނަ ވެރިންނަށްވުރެ މަސައްކަތްތައް ހަލުވިކޮށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް