ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާ ތަހުގީގު ކުރަމުންދާ ފުލުހުންގެ އިވެސްޓިގޭޝަން ޓީމުގެ ވެރިޔާ އެސިސްޓެންޓް ކޮމިޝަނަ އޮފް މުހައްމަދު ރިޔާޒާއި ގިނަ ފުލުހުންތަކެއް ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.
މިކަމާއި ގުޅިގެން އާންމުން ވަނީ ނަޝީދު މައްސަލައިގެ ތަހުގީގު ހުއްޓުމަކަށް އައިސްފައިވާ ކަމަށް ބުނަން ފަށާފަ އެވެ.
އެ ޓީމްގައި ހިމެނޭ ފުލުހުން ކޯވިޑަށް ޕޮސިޓިވްވެފައިވާ ކަން ފުލުހުން ވަނީ މީޑިއާގައި ކަށަވަރުކޮށްދީފަ އެވެ. ފުލުހުން ބުނީ ހައްޔަރުކުރި ބައެއް މީހުންނާއި ތަހުގީގު ޓީމުން ބަޔަކު ކޯވިޑަށް ޕޮޒިޓިވް ވިޔަސް ތަހުގީގަށް ހުއްޓުމެއް ނައިސް ކުރިއަށްދާ ކަމަށެވެ.
ފުލުހުން ކުރިން ބުނެފައިވާގޮތުގައި ނަޝީދު މައްސަލަ ތަހުގީގު ކުރާ ޓީމުގައި 450 ފުލުހުން ހަރަކާތްތެރިވެ އެވެ. އޭގެ ތެރެއިން ގިނަ ފުލުހުންތަކެއް ކޯވިޑަށް ޕޮސިޓިވްވެފައިވާތީ އޭގެ ބަދަލުގައި އެހެން ފުލުހުން ދަނީ އެ ޓީމުގައި ބައިވެރި ކުރަމުންނެވެ.
މި މައްސަލައިގަ މިހާތަނަށް ހަތަރު މީހަކު ހައްޔަރުކޮށްފައިވެ އެވެ.
ނަޝީދަށް އަމާޒުކޮށް ބޮން ގޮއްވާލީ މިމަހުގެ ހަ ވަނަ ދުވަހުގެ ރޭ އެމަނިކުފާނުގެ ގެކޮޅު ގ. ކެނެރީގެއިން ނިކުމެވަޑައިގެން ނީލޯފަރު ހިނގުމުން ހިންގަވާފައި ގޮސް މަޖީދީމަގުގައި އޮތް ކާރުކޮޅަށް އަރާވަޑައިގެންނަވަނިކޮށެވެ. މި ހަމަލާގައި އެމަނިކުފާނަށް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިވަޑައިގެންފަ އެވެ.
އެ ޒަހަމްތަކަށް ހަ ދުވަހު އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދެވުމަށް ފަހު މިމަހުގެ 13 ވަނަ ދުވަހު އިތުރު ފަރުވާއަށް ވަޑައިގެންނެވީ ޖަރުމަނުވިލާތަށެވެ. ޖަރުމަނުގެ އަސްކަރީ ހޮސްޕިޓަލެއްގައި ފަރުވާ ކުރެއްވުމަށް ފަހު މިމަހުގެ 21 ވަނަ ދުވަހު ނަޝީދު ވަނީ ހޮސްޕިޓަލުން ދޫކޮށްލާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް