ސިއްހީ ދާއިރާގައި ކިޔެވުމަށް ވިލާ ފައުންޑޭޝަނުން ސްކޮލާޝިޕް ދޫކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ފައިސާ، އަނބުރާ ނުދެއްކޭ ފަރާތްތަކަށް ވިލާ ގްރޫޕުގެ ޗެއާމަން އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް މައާފުކޮށްދެއްވައިފި އެވެ.
މިކަން ހާމަ ކުރެއްވީ ސިއްހީ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކުން ކުރަމުންދާ ބުރަ މަސައްކަތުގެ އަގު ވަޒަންކޮށް ގާސިމް މިއަދު ނެރުއްވި ބަޔާނެއްގައި އެވެ. އެ ބަޔާނުގައި ގާސިމް ވިދާޅުވީ ވިލާ ފައުންޑޭޝަންގެ 'ސްކޮލަޝިޕް ސްކީމް' ގެ ދަށުންނާއި ޤާސިމް އިބްރާހީމްގެ ލޯނުއެހީގެ ދަށުން އަދި މިނޫންވެސް ގޮތަކުން އޭނާގެ ފަރާތުން އެކި މިންވަރުގެ އެހީތެރިކަން ލިބިގެން ސިއްހީދާއިރާއިން ކިޔަވާފައިވާ ފަރާތްތަކުން އަނބުރާ ދައްކަން ޖެހޭ ފައިސާ މަޢާފްކޮށްދީފައިވާ ކަމަށެވެ.
ގާސިމް މައާފު ދެއްވި ފަރާތްތަކުގެ ތެރޭގައި މެޑިސިން، ނާސިންގް އަދި މެޑިކަލް ސައިންސްގެ ދާއިރާއިން މަތީތައުލީމު ހާސިލްކޮށްފައި ތިއްބެވި ޑޮކްޓަރުންނާއި ނަރުހުން، ފާމަސިސްޓުންނާއި ލެބޯޓްރީ ޓެކްނީޝަނުން އަދި މެޑިކަލްސައިންސްގެ ރޮނގުން ކިޔަވާވިދާޅުވެ، ރާއްޖޭގައި މަސައްކަތް ކުރައްވާ ބޭފުޅުން ހިމެނެ އެވެ. އަދި މި ދާއިރާތަކުން ރާއްޖެއިން ބޭރުގައި ނަމަވެސް އިންސާނިއްޔަތަށް މަސައްކަތް ކުރައްވާ ބޭފުޅުންގެ ތެރެއިން، ވިލާ ފައުންޑޭޝަނުން ނުވަތަ ޤާސިމް އިބްރާހީމްގެ ހަރަދުގައި ކިޔަވާފައިވާ ހުރިހާ ފަރާތެއް އެ މަޢާފުގައި ހިމެނޭ ކަމަށް ބުނެފައިވެ އެވެ.
ބަޔާނުގައި ބުނީ އެ ފަރާތްތަކަށް މައާފު ދޭން ނިންމާފައިވަނީ މިއަދުން ފެށިގެން ދެން ބާކީ ދައްކަން ހުރި ފައިސާ ކަމަށެވެ.
ކޯވިޑްގެ ބަލިމަޑުކަމުގެ ސަބަބުން ވިލާފައުންޑޭޝަން އަށާއި ވިލާ ކުންފުންޏަށް ފޫ ނުބެއްދޭވަރުގެ ގެއްލުމެއް ލިބުނު ނަމަވެސް، ކޯވިޑްގެ މި އުނދަގޫ ދުވަސްވަރު އެ ބޭފުޅުން އެ ކުރައްވާ މަތިވެރި ޚިދުމަތަށްޓަކައި، އެގޮތަށް އެ ނިންމުން ނިންމީކަމުގައި ޤާސިމް ވިދާޅުވެފައިވެ އެވެ.
ގާސިމްގެ ބަޔާނުގައި ވިދާޅުވީ ސިއްހީ ދާއިރާގެ މަސައްކަތްތެރިން ކުރައްވާ އަގުހުރި މަސައްކަތްތައް ބަލައިގަންނަ ކަމަށެވެ. އަދި ކުރިއަށްވުރެ ބޮޑަށް މިކަމުގައި ސާބިތުވެ ތިއްބަވާނެކަން ޤަބޫލުކުރައްވާކަމުގައި ޤާސިމް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް