ސިލްސިލާ ވާހަކަ: ޒާރާ - ސަތޭކަ ވަނަބައި - ފަހުބައި

''ޒާރާ......... މީ ވިސްނަންވީ ވަގުތެއް ނޫން........... ދެން އެވަރަށް ނުވިސްނާ........... ނިދާލެވޭތޯބަލާ............. އިރާދަކުރެއްވިއްޔާ މާދަމާ ގެއަށް ދެވޭވަރު ވާނެ..............'' ޒާރާގެ ލޮލުން ފާއްދާ...

25 May 2021 | 12:53

''ޒާރާ......... މީ ވިސްނަންވީ ވަގުތެއް ނޫން........... ދެން އެވަރަށް ނުވިސްނާ........... ނިދާލެވޭތޯބަލާ............. އިރާދަކުރެއްވިއްޔާ މާދަމާ ގެއަށް ދެވޭވަރު ވާނެ..............'' ޒާރާގެ ލޮލުން ފާއްދާލި ކަރުނަތިކި އިމްރާނު ފޮހެލާދިނީ ނުހަނު ލޯތްބާ އެކުގައެވެ.

އެވަގުތު އެމީހުންތިބި ޕްރައިވެޓް ރޫމުގެ ދޮރުގައި މީހަކު ޓަކިދޭއަޑު އިވުނެވެ. ދެމީހުންނަށްވެސް އެކަކު އަނެކެއްގެ މޫނަށް ބަލާލެވުނީ ސުވާލުގެ ނަޒަރަކުންނެވެ.

''ވަދޭ...........'' އިމްރާނުގެ ޖަވާބު ލިބުމާއެކު ދޮރު ހުޅުވިއްޖެއެވެ. އަދި ޔުނިފޯމުގައި ތިބި ދެ ފުލުހުން އެތެރެއަށް ވަނެވެ. ހިނގާދިޔަ ހުރިހާކަމެއް ޒާރާއަށް އެނގެން ޖެހޭވަގުތު ޖެހުނީއެވެ.

އެމީހުން ފެނުމުން އިމްރާން އިށީނދެގެން އިން ގޮނޑިން ތެދުވިއެވެ. އަދި އަވަސް އަވަހާ އެމީހުންނާ ދިމާއަށް ހިގައިގަތެވެ. އެނދާ ތަންކޮޅެއް ދުރަށް ޖެހިލުމަށްފަހު ޒާރާގެ ހާލު ހުރިގޮތާ، ހިނގާދިޔަ ބޮޑެތި ކަންތައްތައް އަދި ޒާރާއަށް ނޭނގޭކަން ފުލުހުންނަށް އިމްރާން އޮޅުންފިލުވައިދިނެވެ. ފުލުހުން އެނބުރި ދިޔައީ ޑޮކްޓަރާ މަޝްވަރާ ކުރުމަށްފަހު، ޒާރާ ހޮސްޕިޓަލުން ދޫކޮއްލާ އިރެއް ބެލުމަށްފަހު ގުޅާނެކަމަށް ބުނަމުންނެވެ.

އިމްރާނު ވިސްނާލިއެވެ. ފުލުހުންގެ ފަރާތުން ހުރިހާކަމެއް ޒާރާއަށް އެނގުމަށްވުރެ، އިމްރާނު އެވާހަކަތައް ޒާރާއަށް ކިޔައިދިނުން މާ ރަނގަޅުވާނެކަމަށް އޭނާއަށް ގަބޫލު ކުރެވުނެވެ. އެހެންނަމަވެސް އިމްރާނު ބޭނުންވީ ގެއަށް ދެވުމުން އެވާހަކަތައް އޮޅުން ފިލުވައިދޭށެވެ. ހުރިހާ ގޮތަކުންވެސް ރަނގަޅުވާނީ އެގޮތް ކަމަށް އޭނާއަށް އޭނާއަށް ގަބޫލު ކުރެވޭތީއެވެ.

''ފުލުހުން އައީ ކީއްކުރަން............... އިމްރާން ރިޕޯޓް ކުރީތަ؟..........ދެން ކިހިނެތް ވާނީ......... އަހަރެން ބިރުގަނޭ................. '' އެނދުކައިރީގައި ހުރި ގޮނޑީގައި އިމްރާން އިށީނުމާއެކު ޒާރާ ސުވާލު ކޮއްލިއެވެ.

''އެއީ އެހެން ކަމެއްގަ.............. ދެން މިވަގުތު ނިދާލެވޭތޯ ބަލާ ޒާރާ........... އޭރުން އަވަހަށް ރަނގަޅުވެގެން ގެޔަށް ދެވޭނީ.............'' ޒާރާގެ ކޯތާފަތުގައި އަތްތިލައިގެ ނުފުށުން ފިރުމާލަމުން އިމްރާނު ޒާރާގެ މޫނަށް ބަލާލިއެވެ. ނުހަނު ލޯބިންނެވެ.

ގެއަށް ދާ ވާހަކަ ބުނުމުން ޒާރާއަށް ތެޅިގަނެވުނެވެ. އޭނާގެ މޫނުމައްޗަށް ހާސްކަމާ ނުތަނަވަސްކަން ވެރިވެގެން ދިޔައެވެ. އިމްރާނުގެ އަތުގައި ޒާރާއަށް ހިފަހައްޓާލެވުނީ ބޭއިޚްތިޔާރުގައެވެ. އެތައް ވަރަކަށް ވިސްނައިދީ ހެދުމުންވެސް ޒާރާ ހަމައަކަށް އެޅުނީ އިރުކޮޅެއް ފަހުންނެވެ.

*************

ޖެހިގެން އައި ދުވަހުގެ މެންދުރު ޒާރާ ހޮސްޕިޓަލުން ދޫކޮއްލިއެވެ. ގެއަށް ދިއުމަށްޓަކައި ކާރުގައި ދަރުތު ކުރަމުން ދިޔައިރު ޒާރާގެ ހިތަށް ވަނީ ނޭނގޭ ބިރުވެރިކަމެއް ވެރިވެފައެވެ. ކުރީ ސީޓުގައި، އިމްރާނު ގާތުގައި އިން އިރުވެސް ޒާރާ އަށް އެއްވެސް ހަމަޖެހުމެއް އިހްސާސެއް ނުކުރެވެއެވެ. ސިކުޑީގައި އެނބުރެމުން ދިޔައީ ފަހުދު އޭނާއާ ދޭތެރޭ ކަންތައްކުރި އިހާނެތި ގޮތެވެ. ސިފަވަމުން ދިޔައީ އެ ހިތްދަތި މަންޒަރު ތަކެވެ.

ޒާރާގެ މިޒާޖަށް އައިސްފައިވާ ބަދަލު އިމްރާނަށް ފާހަގަ ކުރެވުނު ނަމަވެސް އެކަމާ ބެހޭގޮތުން އޭނާ އެއްވެސް ސުވާލެއް ނުކުރެއެވެ. ހުރިހާ ކަމެއް އިމްރާނަށް އެނގޭތީއެވެ. އެހެން ވާނެކަން ވިސްނޭތީއެވެ. ޒާރާގެ އިހްސާސްތަކަށް ޤަދަރު ކުރާތީއެވެ. ލޯތްބަކީ އެއީއެވެ. އެކަކު އަނެކެއްގެ އިހްސާސްތައް ދެނެގަތުމެވެ. އެ އިހްސާސްތަކަށް ޤަދަރާ އިހްތިރާމް ކުރުމެވެ. ދުލުން ނުބުނެވޭ އެތައް ވާހަކައެއް ،އެކުގައި އުޅޭ ބައިވެރިޔާގެ އުޅުމުންނާ ޝުއޫރުތަކުން އަދި މިޒާޖަށް އަންނަ ބަދަލުން ފާހަގަ ކުރެވެއެވެ. އެކަމަކު އެއީ އެވަރަށް ތިމާގެ ބައިވެރިޔާއަށް ސަމާލުކަން ދެވޭނަމައެވެ. އިމްރާނަކީ އެފަދަ ނަމޫނާ ފިރިއެކެވެ.

މަންމަގެ އެޕާޓްމަންޓަށް ދިއުމުގެ ބަދަލުގައި ޒާރާ ގޮވައިގެން އިމްރާނު ދިޔައީ އޭނާގެ އެޕާޓްމަންޓަށެވެ. އެމީހުންގެ އިންތިޒާރުގައި މަންމަމެން އެބައިގައި ތިބޭނެވާހަކަ ބުނެފައި އޮތީމައެވެ. ގެޔަށް ވަދެވުމާއެކު ޒާރާގެ މޫނަށް އުފާވެރިކަން ވެރިވެގެން ދިޔައެވެ. މައިދައިތަގެ އުނގުތެރޭގައި އިން ދަރިފުޅު ފެނުމާއެކު، ޒާރާގެ ހިތުތެރޭގައިވާ ހުރިހާ ހާސްކަމާ ނުތަނަވަސްކަން ފިލައިގެން ދިޔަކަހަލައެވެ. އަވަސް އަވަހާ ދަރިފުޅު ނަގާ މޭގައި ޖައްސާލިއެވެ. މައިވަންތަ ކަމުގެ ކުލުނުން ފުރިފައިވާ ހިތަކާއެކު ދަރިފުޅުގެ ތުއްތު ކޮލުގައި ބޮސްދިނެވެ. ހިތް ފުރެންދެން އެ މޫނަށް ބަލާލިއެވެ. އެ ތުއްތު ދެލޮލުން ޒާރާއާ ދިމާއަށް ބަލާލާގޮތުން ހިތް ފުރިގެން ބަންޑުންވާހާ ވެއެވެ.

އެންމެން އެކުގައި ވާހަކަ ދައްކާލަން އިރުކޮޅަކު މަޑުކޮއްލުމަށްފަހު، އަލިބެ ގޮވައިގެން ސަރީފާ އެމީހުންގެ ބަޔަށް ދިޔައީ އަސުރު ނަމާދުވަގުތު ކައިރިވާތީއެވެ.

ޒާރާގެ ގާތުގައި އޮވެ ޒިލީވެސް ނުހަނު ހަމަޖެހިގެން ނިދައިފިއެވެ. ކުޑަ އެނދުގައި ޒިލީ ބާއްވާލުމަށްފަހު އިމްރާނު އައިސް ޒާރާގެ ގާތުގައި އެނދުގައި އިށީނެވެ. އަދި ނުހަނު ލޯތްބާއެކު ޒާރާގެ އުގުމަތީގައި އޮތް އަތް އިމްރާނުގެ އަތުތެރެއަށްލާ އަނެއް އަތުން ފިރުމާލިއެވެ. އޭރުވެސް ޒާރާ އިނީ ފިކުރެއްގެ ތެރެއަށް ގެނބިފައެވެ.

''އިމްރާން.........އިއްޔެ ހަވީރު............ އެފަހަރު..........އެވަގުތު އަހަރެން ގުޅީމަ ގެއަށް އައިނަމަ........... އެކަން އެގޮތަކަށް ނުވީސް.............އޭރުވެސް އަހަރެން ހުރީ ބިރުން............. މަށަށް އެނގޭ އިމްރާން ގޭގަ ނޫޅޭކަން ................. އެނގިއްޖެއްޔާ އެ ނުލަފާ އިންސާނާ........... އެއީ އިންސާނިއްޔަތުކަމެއް ނެތް މީހެއް......... އަހަރެންގެ އަނގަމަތީ އަތް ........... އަޅާފަ........ ގަދަ.............ގަދަކަމުން.............'' ޒާރާއަށް ރޮވުނެވެ. ކަންތައް ހިނގާ ދިޔަގޮތް އިމްރާނަން ކިޔައިދޭން ޒާރާ ބޭނުންވިޔަސް ވާހަކަ ކުރިއަށް ނުގެންދެވި ނޭވާ ކުރުވާގޮތްވިއެވެ.

އިމްރާނަން ވިސްނާލެވުނެވެ. ޒާރާ އެބުނީ ތެދެކެވެ. އެވަގުތު ގެއަށް އާދެވުނު ނަމަ ޒާރާގެ ހަށިގަނޑު ފަހުދުގެ ޝިކާރައަކަށް ނުވީހެވެ.

ޒާރާއަށް އެނގެނީ ކަންތައް ހިނގާދިޔަ ގޮތުގެ ކުޑަ މިންވަރެއްކަން އިމްރާނަށް އެނގެއެވެ. އެވަގުތު އިމްރާނަށް ގެއަށް ނާދެވުނުނަމަ ވާނެގޮތް ހިތަށް ގެންނަޔަސް އިމްރާނުގެ ހިތް ކުދިކުދިވާހާވެއެވެ. އެ ހުރިހާ ކަމެއް ކޮންމެވެސް އިރަކުން ޒާރާއަށް ކިޔައިދޭން ޖެހޭނެއެވެ. އެއީ ކުރަން ކިތަންމެ އުނދަގޫ ކަމަކަސް ވެހެވެ. އެކަންތައްތައް ސިއްރެއްގެ ގޮތުގައި މުޅި އުމުރަށް ބާއްވަން އިމްރާނު ބޭނުމެވެ. އެހެންނަމަވެސް ޒާރާއަށް ލިބުނު އަނިޔާ ތަކަށް އިންސާފު ލިބެން ޖެހޭނެއެވެ. އެކަން ކުރެވެން އޮތީ ޒާރާއަށް ހުރިހާ ކަމެއް އޮޅުންފިލުވައި ދީގެންނެވެ.

''ޒާރާ ގުޅިއިރު އަހަރެން އިނީ ވަކީލުންނާއެކު ކޮފީއެއްގަ................ އެއީ ހަމަ ފަހުދު ކަންތަކާ ހަދާނެގޮތެއް ފައިނަލް ކޮއްލުމަށްޓަކައި ބޭއްވުނު ބައްދަލުވުމެއް...........ޒާރާއަށް ނޭނގުނަސް ........... ޒާރާ ފަހުދުގެ ވާހަކަ އަހަރެން ގާތު ބުނި ވަގުތުން ފެށިގެން އަހަރެން އެކަމަށް މަސައްކަތް ފަށައިފިން......... އެއްބަނޑު އެއްބަފާ ބޭބެއެއްފަދަ މީހަކަށްވާތީ، އެކަން އަހަރެން ކުރިއަށް ގެންދަން ބޭނުންވީ އަހަރެންގެ ވަކީލުންނާ މަޝްވަރާކޮއްފަ........... ފަހުދަށްވެސް އެކަމުން ނުރަނގަޅު އަސަރެއް ނުކުރާގޮތަކަށް، ކުރިއަށް ދެވެން އޮތީ ކިހިނެތްތޯބަލަން، އަހަރެން އެމީހުނާ އެކިފަހަރުމަތިން މަޝްވަރާކުރިން........... '' އިމްރާނު އޮޅުން ފިލުވައިދެމުން ދިޔައީ ނުހަނު މަޑުމައިތިރި ކަމާއެކުގައެވެ. އިމްރާނު ދައްކަމުންދިޔަ ވާހަކަތައް އަޑުއަހަން އިންއިރު، ޒާރާއެކޭ ހަރަކާތެއް ނެތް ބުދެއް ފަދައެވެ.

''އެހެންނަމަވެސް ފަހުދުގެ ކޯލު އިއްޔެ އެވަގުތު އަހަންނަށް ލިބުމާއެކު، އަހަރެންގެ ހިތުގައި ޝައްކުތަކެއް އުފެދިގެން ދިޔަ...............ފަހުދު އަހަންނަށް ގުޅާފަ، ގެއަށް އަންނަ ވަގުތަކާ ގުޅޭގޮތުން ކުރި ސުވާލާއެކު އަހަންނަށް ފުންމައިގެން ތެދުވެވުނު.......... އޭރު އަހަރެންގެ ސިކުނޑި ދިން އިންޒާރުގެ މެސެޖެއްގެ ސަބަބުން........... '' އިމްރާނު ފުން ނޭވައެއް ބޭރުކޮއްލިއެވެ. ޒާރާގެ ފިނިވެފައިވާ އަތްތިލައިން ދޫކޮއްލާ، ފުރަގަހުން އަތް ގެންގޮސް ޒާރާގެ ކޮނޑުގައި ހިފާ އިމްރާނުގެ ގާތަށް ޒާރާ ދަމާލިއެވެ.

''އަހަރެން އޭރު އިނީ އަމްޖަދާ އަދި އަހަރެންގެ ވަރަށް ގާތް އެކުވެރިއަކާއެކު............. އަހަރެން ހާސްވެފައި ހުރިވަރުން އެމީހުންވެސް ބޭނުންވި އަހަންނާއެކު ގެޔަށް އަންނަން........... '' އިމްރާނުގެ އަޑުގައި މަޑު ތުރުތުރެއް އެކުލެވެމުން ދިޔައެވެ.

''އޭރުވެސް ބޯކޮށް ވާރޭ ވެހެމުންދޭ.............. އަހަރެން ގެއަށް ވަދެ ކޮޓަރިއަށް ވަތް އިރު ޒިލީ އޮތީ ނިދާފަ............ ޒާރާ ފެންނަން ނެތުމުން ފޯނަށް ގުޅާލި އިރު ފޯނު އޮތީ ނިވިފައި............. ދެން އަހަރެން އަވަސް އަވަހަށް ސިޓިންރޫމާ ޓެރެސް ދިއްލާލިން............. އެވަގުތު އަހަރެންގެ ލޮލުގައި އަޅައިގަތީ ބޭރުގައި، ބިންމަތީ ވާރެޔާ ތެމި ބޮޑިވެފައި ހުރި އަންނައުނުތައް......... އެތަނުގައި ޒާރާގެ ފޯނުވެސް އޮތް............'' އިމްރާން ގަސްދުގައި ވާހަކަ މެދުކަނޑާލިއެވެ. އޭނާގެ އަޑަށް ބަދަލުއައިސް އޭނާ ދެރަވެފައި ހުރިވަރު ޒާރާއަށް އަންގަން ބޭނުން ނުވާތީ އަމިއްލަ ނަފުސު ހަމައަކަށް އަޅުވާލުމަށްޓަކައި ދެތިން ފަހަރަކު ކަރުކެހިލިއެވެ.

''އަހަރެން ޓެރަސް އަށް ނިކުތްއިރު ފަހުދު................... ޒާރާ......... ފަހުދު ޒާރާގެ................'' އިމްރާނުގެ ދެލޯ ފެންކަޅިވިއެވެ. އަރު ބެދުނެވެ. ޒާރާ ދެލޯ ބޮޑުކޮއްލުމަށްފަހު އިމްރާނުގެ މޫނަށް ބަލާލިއެވެ. ސުވާލުގެ ބެލުމަކުންނެވެ. އެ އިވުނު ވާހަކަތަކަކީ ހަމަ ތެދެއް ހެއްޔެވެ؟.........ޒާރާގެލޯ ފުރިގެން ފައިބައިގަތް ކަރުތައް ކޯތާފަތް މަތިން ތިރިއަށް އޮހިގަންނަން ނެގީ މަދު ސިކުންތުކޮޅެކެވެ.

''އާނ....... ޒާރާ...........! ފަހުދު  ޒާރާގެ ހަށިގަނޑުން އުފާ ހޯދުމުގައި އަވަދިނެތި ވެފައިވަނިކޮށް ފެނުނު ވަގުތު އަހަރެން ކިރިޔާ މޮޔަނުވީ....... ހިތް ފަޅައިގެން ދިޔަ........... ވީދެރަޔާ އާދެވުނު ރުޅީގައި ފަހުދު ދުރަށް ކޮއްޕާލީން......... އޭރު އަހަންނާއެކު އައި ދެމީހުންވެސް އެތަނަށް ނިކުމެއްޖެ............ އެމީހުން ފުލުހުންނަށް އެންގީ........'' އިމްރާން ލޯ ފޮހެލަމުން ހިންދިރުވާލިއެވެ.

ޒާރާގެ ހަށިގަނޑުން ވަރު ދޫވާގޮތް ވުމުން އިމްރާނުގެ މޭގައި މޫނު ޖައްސާލިއެވެ. އޭރު ޒާރާގެ ލޮލުން ހިފެހެއްތުމެއްނެތި ކަރުނަ ފައިބަމުން ދިޔައެވެ. އެހެންނަމަވެސް ޒާރާއަށް އެވަގުތު އިހްސާސްކުރެވެމުން ދިޔައީ ހިތްހަމަޖެހުމެކެވެ. ކުރެވެމުން ދިޔައީ ފަހުދުގެ ވަކިތަކުން އަބަދުގެ އަބަދަށް މިނިވަންވި ކަމުގެ އުފާވެރި އިހްސާސްތަކެވެ.

''މަންމަ ކީކޭ ހީކުރާނީ.......... އަހަރެން މީ އެއްވެސް އަގެއް ނެތް...............'' ޒާރާގެ ވާހަކަ ފުރިހަމަ ކުރުމަކަށް އިމްރާން ފުރުސަތެއް ނުދިނެވެ. ޒާރާގެ ތުންފަތުގައި އިނގިލި ޖައްސާލަމުން ލޮލުން ފައިބަމުން ދިޔަ ކަރުނަތައް އިމްރާން ފޮހެލާދިނެވެ.

''މަންމަ އަށް އަހަރެން ހުރިހާ ވާހަކައެއް ކިޔާދިނިން.......... އެކަމަކު ބައްޕައަކަށް އަދި އެ ހުރިހާ ކަމެއް ނާންގަން......... މީޑިއާ އަކަށް ވެސް ނޭނގޭނެ ............. އެއީ އަހަރެން އެކަން ކުރަން ބޭނުންވި ގޮތް.........'' ޒާރާގެ ފަން އިސްތަށިގަނޑުގައި ފިރުމާލަމުން އިމްރާނު އޮޅުން ފިލުވައިދިނެވެ.

''އަހަރެންގެ މަންމަ އަކީ އެއަށްވުރެ މާ 'އަންޑަސްޓޭންޑިން' މަންމަ އެއް............. އަހަރެންގެ ދިރިއުޅުމުގަ މިހާތަނަށް ދިމާވި ކޮންމެ ކަމެއްގަ މަންމަ އަހަންނަށް ލަފާދިން.......... އަދި މަންމަގެ ލަފާގެ މަތިން އަހަރެންނަށް މިއަދާ ހަމައަށް އައި އިރު ވަރަށް ބޮޑެތި އަޑިގުޑަން ތަކަކުން ވަނީ އަރައިގަނެވިފަ.............. '' އިމްރާނު އަސަރާއެކު ވާހަކަ ދައްކަމުން ދިޔައެވެ.

''އާދިލް ދަންނަންތަ...........'' ކުއްލިއަކަށް އިމްރާން ކުރި ސުވާލުގެ ސަބަބުން ޒާރާއަށް ފުންމައިގެން ތެދުވެވުނެވެ. ދެލޯ ބޮޑުކޮއްގެން އިމްރާނާ ދިމާއަށް ބަލަން ހުރި އިރު އެ މޫނުމަތިން ފެންނަމުންދަނީ ނުހަނު ތަފާތު އަސަރުތަކެކެވެ.

''ޒާރާ............ އެއީ ޒާރާގެ މާޒީ......... އެކަމާ ބެހޭ އެއްވެސް ސުވާލެއް އަހަރެން ނުކުރާނަން........... މިވީހާ ދުވަހުވެސް ނާހަމެއްނު ޒާރާގެ މާޒީއާ ބެހޭ އެއްވެސް ވާހަކައެއް.............. އާދޭ ............ އިށީނދޭ..........'' އިމްރާން ޒާރާގެ އަތުގައި ހިފާ ގާތަށް ދަމާލިއެވެ.

''އާދިލް އަކީ އަހަރެން ވަރަށް އިތުބާރު ކުރި މީހެއް......... އިންސާނިއްޔަތަށްޓަކާ އޭނާއަށް އަހަރެން ބޮޑެތި އަދަދަދުތަކުން އެހީތެރިކަން ފޯރުކޮއްދިނިން އެކި ފަހަރުމަތިން............. އެންމެފަހުން އޭނާ އަހަރެން ބެންކޮކްގަ ހުއްޓާ ގުޅާފަ މާފަށް އެދުނު............. ހުރިހާ ވާހަކައެއް ތެދުބަހުން ކިޔާދިނުމުން، ﷲ އަށްޓަކާ އަހަރެން އޭނާއަށް މާފު ކުރިން ...............މިހާރު އޭނާވީ ޑުބާއީގަ...... ބޮލުގެ އެންމެ ފަހު އޮޕްރޭޝަން މީގެ ދެދުވަސްކުރިން އޭނާ ކޮއްފި..........އަލްޙަމްދުލިﷲ...........އޭނާގެ އޮޕަރޭޝަން ކާމިޔާބު................ އެކަމަށްވެސް އަހަރެން ފައިސާ ދިނިން................ '' ހިނދުކޮޅަކަށް އިމްރާނުގެ ވާހަކަ މެދުކަނޑާލިއެވެ.

''އެކަމަކު ދެން ޒާރާގެ ކުރިމައްޗަކަށް އޭނާއެއް ނާންނާނެ............... އެއީ އޭނާގެ ވަޢުދެއް........މިކަމުގައިވެސް އަހަރެންނަށް ލަފަޔާ އިރުޝާދު ދިން މީހަކީ މަންމަ........ އެކަމަކު އެކަން މަންމަ އަށް އެނގޭކަން ޒާރާއަކަށްވެސް ނާންގައެންނު............... މަންމަ އަހަރެން ދެކެ ވާ ލޯބި ހަމަ ޒާރާ ދެކެވެސް ވޭ.................... '' އިމްރާން ޔަގީން ކަމާއެކު ބުނެލިއެވެ.

ޒާރާ އިނީ ބަސްހުއްޓިފައެވެ. އޭނާގެ ހަރަކާތް ހުއްޓި ގަނޑުވެފައި ވާކަހަލައެވެ. އެސްފިޔަވެސް ޖަހާނުލައެވެ. ދެލޯ ބޮޑުކޮއްގެން އިންއިރު ލޮލުން ފައިބަމުންދާ ކަރުނައިން އޭނާގެ އުނގު މަތިން ބައެއް ތެންމަމުން ދިޔައެވެ.

އިވެމުންދާ ވާހަކަތަކާމެދު ޒާރާއަށް ވިސްނާލެވުނެވެ.  އިމްރާނަކީ އިންސާނެއް ބާވައެވެ. އެވަރުގެ ތަނަވަސް ހިތެއް އެއްވެސް އިންސާނެއްގެ އޮންނާނެ ބާވައެވެ. އެކަންތައް އެނގުނުފަހުން، މިވީ ހުރިހާ ދުވަސް ވީއިރު އެކަންވެސް ހިތުގައި އޮވެމެ، އެދެމައިން ޒާރާއަށް ލޯތްބާ އޯގާތެރިކަން ދެމުން ދިޔައީ އޭގެ ކުރިއެކޭ އެއްވެސް ތަފާތެއް ނުކޮށެވެ. އާދިލްގެ ނަންވެސް ކިޔާނުލާ، ޒާރާ ގާތު ' ހޭ ' ވެސް އަހާނުލައެވެ. ކޮންފަދަ މާތް ދެމައިން ހެއްޔެވެ. ކެތްތެރިކަމުގެ އިންތިހާއެވެ. ދީލަތިކަން އެފަދައެވެ.

''އިމްރާން........... އަހަންނަށް މާފުކުރޭ..................'' ކުއްލިއަކަށް އިމްރާނު ގައިގައި ޒާރާ އޮޅުލައިގަނެތެވެ. ގިސްލަމުން އޭނާ އިމްރާނު ކިބައިން މާފަށް އެދުނެވެ. ކުށެއް ނެތް އިރުވެސް މެއެވެ. ޒާރާ ދެކެ އިމްރާނުގެ ދެމައިން ވާ ލޯބި މިއަދު އޭނާއަށް ރަނގަޅަށް ވަޒަން ކުރެވިއްޖެއެވެ.

'' ޒާރާ ތީ ކުއްވެރިއެއް ކަމަކަށް އަހަރެން ގަބޫލެއް ނުކުރަން.............. ދިރިއުޅުމުގައި ދިމާވާނެ ބައިވަރު ކަންކަން........... އެއިން ކޮންމެ ކަމަކުން އެތައް އިބުރަތެއް، އެތައް ފިލާވަޅެއް ލިބޭނެ.......... ޒާރާ ދެކެ އަހަރެން ވަރަށް ލޯބިވޭ............. ދުވަހަކުވެސް މިހިތުން އެހެން އެއްވެސް އަންހެނަކު ދެކެ ލޯތްބެއް ނުވަން........... އެންމެ މީހަކު ފިޔަވާ............'' އިމްރާނު ހިނިތުންވެލިއެވެ.

އިމްރާނު ގެ އެންމެ ފަހު ޖުމްލަ އަޑުއިވުމާއެކު ޒާރާއަށް ތެޅިގަނެވުނެވެ. އޭނާގެ ބޯ، އިމްރާނުގެ މޭމަތިން ހިއްލާލުމަށް ފަހު އިމްރާނާ ދުރަށް ޖެހިލެވުނީ ބޭއިޚްތިޔާރުގައެވެ.

''ކީކޭ.........'' ކުރެހިފައިވާ އަޑަކުން ޒާރާއަށް އަހާލެވުނެވެ.

''މިބުނީ ޒާރާ ފިޔަވާ އެންމެ އަންހެނަކު ދެކެއޭ މަގޭ މިހިތުން ލޯބި ވެވުނީ.......'' ހިތާދިމާއިން މޭގައި އަތް ޖައްސާލަމުން އިމްރާނު ހިނިތުންވެލިއެވެ. ޒާރާގެ ހިތަށް ތޫނު ތަދެއް އިހްސާސް ކުރެވުނެވެ. ބޮޑު ދެލޮލުން އިމްރާނު ލޮލަށް ބަލަން ހުރީ ސުވާލާ ޝަކުވާ އެކުލެވިފައިވާ ބެލުމަކުންނެވެ.

''އެމީހަކީ ކާކުކަން އެނގެން ބޭނުންތަ........... ބުނަންވީތަ......... ސިއްރެއް ނުކުރާނަން އެއްވެސް ކަމެއް............'' އިމްރާންގެ ލޮލުގައިވަނީ ޔަގީންކަމެވެ. އަޑުގައިވަނީ ހަރުދަނާ ކަމެވެ. ޒާރާގެ ހިތުގެ ވިންދު އަވަސްވިއެވެ. ނިތްކުރިމަތިން ދެތިން ރޫ އަރުވާލަމުން ބޯޖަހާލިއެވެ.

''އެ މީހަކީ އަހަރެންގެ މަންމަ.................. '' ޒާރާ ގެނެސް އިމްރާނުގެ މޭގައި ޖައްސާ ގަޔާލާ އެ ތުނި ހަށިގަނޑު ބޮނޑިކޮއްލިއެވެ.

ޒާރާގެ ލޮލުން އެވަގު އޮހެމުންދިޔަ ކަރުނަ އަކީ އުފާވެރިކަމުގެ ކަރުނައެވެ. ދެލޯ މަރާލީ އެ އުފާ އޭގެ އެންމެ ފުންމިނުން އިހްސާސް ކޮއްލުމަށެވެ.

**********

ދެދުވަސް ފަހެވެ. ހެނދުނު ހެނދުނާ އިމްރާން އޮފީހަށް ދިއުމުން ޒިލީ ފެންވަރުވާ ރީތިކޮއްލުމަށްފަހު ޒާރާވެސް ފެންވަރާ ތާޒާވެލިއެވެ.  އެއަށްފަހު މައިދައިތަގެ ބަޔަށް ޒާރާ ދިޔައީ، އިމްރާން މެންދުރު ކާން އަންނަންވާއިރަށް ރަނގަޅު ކާއެއްޗެއް ހަދާލަން ބުނެފަ އޮތީމައެވެ.

ބަދިގެ ތެރޭގައި ޒާރާ އަވަދިނެތި އުޅެމުން ދިޔައިރު ޖީނާވެސް އަތްގާތް ކޮއްދިނުމުގައި އުޅެއެވެ. ސަރީފާ އިނީ ސޯފާގައެވެ. ދުއްވާ ކޮށީގައި ޒިލީ ބައިންދައިގެން ފޫހިކަމެއްނެތި ޒިލީއާ ސަމާސަ ކުރަމުން ދިޔައިރު ޒިލީ އިނީ ނުހަނު ހަމަޖެހިފައެވެ.

އެވަގުތު ބެލް ޖަހާލި އަޑުއިވުނެވެ. ޖީނާ އަވަސްވެގަތީ ދޮރު ހުޅުވާށެވެ. އެއީ އޭނާގެ އާދައެވެ. އެހެން މީހަކު ބުނާކަށް ނުޖެހެއެވެ.

އެވަގުތު ގެއަށް އައީ ކާކުތޯ ބަލާލަން ބޭނުންވެފައިވާތީ އެންމެންގެ ލޯވެސް އަމާޒުވެފައި ވަނީ ދޮރާ ދިމާއަށެވެ.

''މެޑަމް ......... ބައްޕާ.......... މަންމާ......... ބޭބޭ........ މި އަންނަނީ .......... އަވަސް ވަދޭ ވަދޭ.............'' ޖީނާ ހުޅުވާލި ދޮރުން އެތެރެއަށް ވަދެގެން އައީ ޒާރާގެ ބައްޕަ ހާމިދެވެ. ހާމިދުގެ ފަހަތުން ހެވި ދިލިފައިހުރެ ނާޒިމާ އެތެރެއަށް ވަނެވެ. އޭގެފަހުން އެތެރެއަށް ވަނީ ޒައިދެވެ. ދަބަހަކާ ފޮއްޓެއް ހިފައިގެން ހުރި އިމްރާން އެތެރެއަށް ވަނީ އެންމެފަހުންނެވެ.

''ބައްޕާ........... އަންގާވެސްނުލާ............. އިއްޔެ ގުޅީމަވެސް ނުވެސް ބުނޭ ޒައިދުވެސް...........'' ޒާރާ އޭނާގެ ބައްޕަ ގާތަށް އައިސް އަތުގާ ހިފާލަމުން ޒާރާ ނުހަނު ލޯބިން ޝަކުވާކޮއްލިއެވެ.

''އަވަހަށް އާދޭ އިށީންނަން......... ދަރިފުޅާ އިމްރާން........... ފޮށި ގެންދޭ އެބަޔަށް.......... ޖީނާ........... ދޭ އެބައިގެ ކޮޓަރިތައް ތައްޔާރުކޮއްލަން..............'' ސަރީފާ ސޯފާއިން ތެދުވަމުން އެންމެނަށް މަރުހަބާ ކީ ނުހަނު ހިތްހެޔޮ ކަމާއެކުގައެވެ.

''ބައްޕަ ހީކުރީ ދަރިފުޅަށް އެނގޭނެކަމަށް ............. ހައްޖައްދާން ފައިސާ ދައްކާ ހުރިހާކަމެއް ހަމަޖެހުނުވާހަކަ އިމްރާނު ބުނީ އިއްޔެ......... ދެން ޓިކެޓް ފޮނުވާފަ އޮތީމަ ބައްޕަ ހީކުރީ ދަރިފުޅަށްވެސް އެނގޭނެކަމަށް............'' ހާމިދު އޮޅުންފިލުވައިދިނެވެ.

ޒާރާ އަށް ބުނާނެ އެއްޗެއްވެސް ނޭނގުނެވެ. ޒާރާއަށް އެނގިފައި އޮތީ  އިމްރާން އޭނާގެ މަންމަ ހައްޖައްދާން ފައިސާ ދެއްކި ކަމެވެ. ޒާރާގެ މައިންބަފައިންނާ ދޭތެރޭ އެހާ އިހްސާންތެރި ކަމެއް އަދާކުރިކަން އެނގުމުން، ޒާރާގެ ހިތުން އިމްރާނަށް ދެވިފައިވާ ލޯތްބާ ޤަދަރު އެތައް ގުނައަކަށް އުފުލުނެވެ. އަމިއްލަ ފިރިމީހާގެ ދީލަތިކަމާ އޯގާތެރިކަން އިހްސާސް ކުރެވި ދެލޯ ފެންކަޅިވީ، ކުރެވުނު ފޮނި އިހްސާސް ތަކެއްގެ ސަބަބުންނެވެ. އިމްރާނާ ދިމާއަށް ޒާރާ ބަލާލީ ޝުކުރުވެރި ޝުކުރުވެރި ނަޒަރަކުންނެވެ. އެ މޫނަށް ބަލާލަމުން ހިނިތުންވެވުނީ ހިތާހިތުން އިމްރާނަށް ހެޔޮ ދުޢާކުރަމުންނެވެ. އޭރު ދެހިތުގައިވެސް އުތުރި އަރަމުންދިޔައީ ހަމަ އެއް ޝުއޫރުތަކެކެވެ. ދެ ހިތުގައިވެސް ކުޅެވެމުން ދިޔައީ އެއް ރާގެކެވެ.

ނިމުނީ...


އެޑިޓަރުގެ ނޯޓް: މިއީ ދުވަސް ނޫހުން ކާމިޔާބު ކަމާއެކު 100 އެޕިސޯޑާއެކު ގެނެސްދެވުނު ފުރަތަމަ ދިގު ވާހަކައެވެ. މި ވާހަކައަށް އަބަދުވެސް ކިޔުންތެރިންގެ ފަރާތުން ތަރުހީބު ލިބެމުންދިޔަކަން ފާހަގަ ކުރަމެވެ. މެދުކެނޑުމެއްނެތި އަހަރަކަށްވުރެ ގިނަ ދުވަސް ވަންދެން، ހަފްތާއަކު ދެ އެޕިސޯޑް ގެނެސް މުޅިވާހަކަ ގެނެސްދިނީތީ ލިޔުންތެރިޔާއަށްވެސް ވަރަށް ހާއްސަ ޝުކުރެއް ރައްދު ކުރަމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް