މާދަމައިން ފެށިގެން މާލެ ސަރަހައްދުގައި ކާފިއު ވަގުތު އިތުރުކޮށް، ކާފިއު ނޫން ވަގުތުތަކުގައިވެސް ފާސް އޮވެގެން ނޫނީ ނުނިކުމެވޭގޮތް ހަދާފައިވާއިރު މާލެ ސަރަހައްދުގައި ހިންގާ ވިޔަފާރިތަކާއި ކެއުން ބުއިމުގެ ހިދުމަތްދޭ ތަންތަނުން އަމަލުކުރަންވީގޮތް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ހާމަކޮށްފިއެވެ.
އެ މިނިސްޓްރީން ބުނެފައިވަނީ މި މުއްދަތުގެ ތެރޭގައި ވިޔަފާރިތަކުން ހުއްދައަށް އެދެންޖެހޭނީ، ހަމައެކަނި އެ ވިޔަފާރިއެއްގެ މުވައްޒަފުންނަށް ކަމަށެވެ.
މުދާ ވިއްކާ ތަންތަން
- މުދާ ވިއްކާ ތަންތަނުން ޑެލިވަރީ ޚިދުމަތް ދެވޭނީ، އެ ތަނެއްގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހުއްދަ ހޯދުމަށްފަހު، ހެނދުނު 6.00 އިން މެންދަމު 12.00 އަށެވެ.
- މުދާ ވިއްކާ ތަންތަން ޢާންމުންނަށް ހުޅުވާލައިގެން ޚިދުމަތް ދެވޭނީ، އެ ތަނެއްގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހުއްދަ ހޯދުމަށްފަހު، ހެނދުނު 8.00 އިން ހަވީރު 4.00 އަށެވެ.
- މުދާ ވިއްކާ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ޑެލިވަރީ މުވައްޒަފުންނަށް ހުއްދަ ހޯދުމަށް އެދޭނީ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޕޯޓަލް /https://www.police.gov.mv/permit މެދުވެރިކޮށެވެ.
- މުދާ ވިއްކުމުގެ ވިޔަފާރިކުރާ ކޮންމެ ތަނަކަށް، 2 ސަޕޯޓް ސްޓާފް އަދި 2 ޑެލިވަރީ ސްޓާފުންނަށް ހުއްދަ ދޫކުރެވޭނެއެވެ. އިތުރު މުވައްޒަފުންނަށް ހުއްދަ ބޭނުންވާނަމަ، [email protected] އަށް މި އިޢުލާނާއިއެކު ޝާއިޢުކޮށްފައިވާ އެކްސެލް ޝީޓް ފުރިހަމަކުރުމަށްފަހު ފޮނުވުމުން، އިތުރަށް ދިރާސާކުރުމަށްފަހު، ހުއްދަ ދޫކުރެވޭނެއެވެ.
- އިތުރު ހުއްދައަށް އެދޭ ކޮންމެ ފަރާތަކުންވެސް، ޖުމްލަ މުވައްޒަފުންގެ ޢަދަދު 10 އަށްވުރެ އިތުރުވާނަމަ، 2 ދަންފަޅިއަކަށް ބަހާލައިގެން ޑިއުޓީ ގަޑި ކަނޑައަޅައި، އެކްސެލް ޝީޓުގައި ބަޔާންކުރަންވާނެއެވެ.
ކެއިން ބުއިމުގެ ޚިދުމަތް ދޭ ތަންތަން
- ކެއިން ބުއިމުގެ ޚިދުމަތް ދޭ ތަންތަނުން ޑެލިވަރީ ޚިދުމަތް ދެވޭނީ، އެ ތަނެއްގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހުއްދަ ހޯދުމަށްފަހު، ހެނދުނު 6.00 އިން މެންދަމު 12.00 އަށެވެ.
- ކެއިން ބުއިމުގެ ޚިދުމަތް ދޭ ތަންތަނުން ޓޭކްއަވޭގެ ޚިދުމަތް ދެވޭނީ، އެ ތަނެއްގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހުއްދަ ހޯދުމަށްފަހު، ހެނދުނު 8.00 އިން ހަވީރު 4.00 އަށެވެ.
- ކެއިން ބުއިމުގެ ޚިދުމަތް ދޭ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ޑެލިވަރީ މުވައްޒަފުންނަށް ހުއްދަ ހޯދުމަށް އެދޭނީ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޕޯޓަލް https://www.police.gov.mv/permit/ މެދުވެރިކޮށެވެ.
- ކެއިން ބުއިމުގެ ޚިދުމަތް ދޭ ކޮންމެ ތަނަކަށްވެސް، 4 ސަޕޯޓް ސްޓާފް އަދި 2 ޑެލިވަރީ ސްޓާފުންނަށް ހުއްދަ ދޫކުރެވޭނެއެވެ. އިތުރު މުވައްޒަފުންނަށް ހުއްދަ ބޭނުންވާނަމަ، [email protected] އަށް މި އިޢުލާނާއިއެކު ޝާއިޢުކޮށްފައިވާ އެކްސެލް ޝީޓް ފުރިހަމަކުރުމަށްފަހު ފޮނުވުމުން، އިތުރަށް ދިރާސާކުރުމަށްފަހު، ހުއްދަ ދޫކުރެވޭނެއެވެ.
- އިތުރު ހުއްދައަށް އެދޭ ކޮންމެ ފަރާތަކުންވެސް، ޖުމްލަ މުވައްޒަފުންގެ ޢަދަދު 10 އަށްވުރެ އިތުރުވާނަމަ، 2 ދަންފަޅިއަކަށް ބަހާލައިގެން ޑިއުޓީ ގަޑި ކަނޑައަޅައި، އެކްސެލް ޝީޓުގައި ބަޔާންކުރަންވާނެއެވެ.
ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކުން އޮފީހުގައި މަސައްކަތްކުރުމަށް ހުއްދައަށް އެދުން
- ކޮންމެހެން އޮފީހުގައި ކުރަންޖެހޭ މަސައްކަތްތަކަށް މުވައްޒަފުން އޮފީހަށް ދިޔުމަށް ބޭނުންވާ ވިޔަފާރިތަކުން، ކޮންމެ މުވައްޒަކުގެ ޑިއުޓީ ގަޑި އަދި ކުރަންޖެހޭ މަސައްކަތުގެ ތަފްޞީލު [email protected]އަށް މި އިޢުލާނާއިއެކު ޝާއިޢުކޮށްފައިވާ އެކްސެލް ޝީޓް ފުރިހަމަކުރުމަށްފަހު ފޮނުވުމުން ހުއްދަ ދޫކުރެވޭނެއެވެ.
- މީގެ ތެރޭގައި، އެއަރޕޯޓުގައި މަސައްކަތްކުރަންޖެހޭ މުވައްޒަފުން، އެއަރލައިންތަކުގެ މުވައްޒަފުން އަދި ސްޓޫޑިއޯއަށް ނުވަތަ މަސައްކަތްކުރާ ތަނަށް ގޮސްގެން މަސައްކަތްކުރަންޖެހޭ މުވައްޒަފުންނަށް އެ ވިޔަފާރިއަކުން، މަސައްކަތްކުރާ ތަނުގެ ތަފްޞީލާއިއެކު ހުއްދަ ހޯދުމަށް އެދި ހުށަހެޅިދާނެއެވެ.
- އިތުރު ހުއްދައަށް އެދޭ ކޮންމެ ފަރާތަކުންވެސް، ޖުމްލަ މުވައްޒަފުންގެ ޢަދަދު 10 އަށްވުރެ އިތުރުވާނަމަ، 2 ދަންފަޅިއަކަށް ބަހާލައިގެން ޑިއުޓީ ގަޑި ކަނޑައަޅައި، އެކްސެލް ޝީޓުގައި ބަޔާންކުރަންވާނެއެވެ.
ވިޔަފާރީގައި ބޭނުންކުރާ ވެހިކަލް އަދި މުވައްޒަފުންގެ ވެހިކަލްތަކާބެހޭ
- މި މުއްދަތުގެ ތެރޭގައި، ވިޔަފާރިތަކުން މުދާ ފޯރުކޮށްދިނުމަށް އަދި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ދޫކޮށްފައިވާ ހުއްދަ އޮތް މުވައްޒަފުން މަސައްކަތަށް ދިޔުމަށް ބޭނުންކުރާ ވެހިކަލަށް މޯލްޑިވްސް ޕޮލިސް ސަރވިސް ނުވަތަ މި މިނިސްޓްރީން ހުއްދައެއް ނަގާކަށެއް ނުޖެހޭނެއެވެ.
- މީގެ ކުރިން ވިޔަފާރީގައި ބޭނުންކުރާ ވެހިކަލަކަށް ހުއްދަ ދީފައިވާނަމަ، އެ ވެހިކަލެއް ދުއްވާ މުވައްޒަފަކަށް ހުއްދަ ނަގަންޖެހޭނެއެވެ. އަދި، މިގޮތުން ހުއްދައަށް އެދޭނީ، [email protected] އަށް މުވައްޒަފުންގެ ތަފްޞީލު ފޮނުވައިގެންނެވެ.
މީގެ ކުރިން މޯލްޑިވްސް ޕޮލިސް ސަރވިސް މެދުވެރިކޮށް ދޫކޮށްފައިވާ ހުއްދަތައް
- 13 ފެބްރުއަރީ 2021 އިން ފެށިގެން މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވިޔަފާރިތަކަށް ދޫކޮށްފައިވާ ހުއްދަތައް މި މުއްދަތުގެ ތެރޭގައި ބޭނުންކުރެވޭނެއެވެ.
ތިލަފުށީގައި ހިންގާ ސިނާޢީ މަސައްކަތްތައް
- މި އިޢުލާނާއި ގުޅިގެން، ގުދަން، ބޯޓުޔާޑު ފަދަ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންނާއި، މާލެ-ތިލަފުށި ގައި ދާއިމީކޮށް ދިރިއުޅޭ ފަރާތްތައް މަސައްކަތައް ދިޔުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން އިތުރު ހުއްދައެއް ނަގާކަށް ނުޖެހޭނެއެވެ.
- މިފަދަ ފަރާތްތަކުގެ ވިޔަފާރިތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ދޫކޮށްފައިވާ ހުއްދަ ބޭނުންކޮށްގެން، މަސައްކަތްކުރުމަށް މާލެ އާއި ތިލަފުއްޓާ ދެމެދު ދަތުރުކުރެވޭނެއެވެ.
ކޮންސްޓްރަކްޝަން ސައިޓްތައް
- މި މުއްދަތުގެ ތެރޭގައި، ކޮންސްޓްރަކްޝަން ސައިޓްތަކުގައި މަސައްކަތްކުރުމަށް ހުއްދަ ދޫކުރެވޭނީ، އެ ސައިޓަކަށް ގެއްލުމެއް ލިބޭނެފަދަ ޙާލަތުތަކުގައި، އެ ކަމެއްގެ ތަފްޞީލު ފޮނުވުމުން އިތުރަށް ދިރާސާކުރުމަށްފަހުގައެވެ.
މިނިސްޓްރީން އިތުރަށް ބުނެފައިވަނީ މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާނަމަ، [email protected] އަށް އީމެއިލް ކުރެއްވުމަށް އެދޭކަމަށެވެ.
މި ލިންކުގައި އެކްސެލް ޝީޓް ހިމަނާފައިވޭ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް