މާލީގެ ވަގުތީ ސަރުކާރުގެ ރައީސާއި ބޮޑުވަޒީރު، އެ ޤައުމުގެ އަސްކަރިއްޔާއިން ހައްޔަރު ކޮށްފިއެވެ.
މި ދެ ބޭފުޅުންވެސް ހައްޔަރު ކޮށްފައިވަނީ ހޯމަ ދުވަހުކަމަށް އދ އާއި އެފްރިކަން ޔޫނިއަނުން ރިޕޯޓު ކޮށްފައި ވެއެވެ.
މާލީގެ ރައީސާއި ބޮޑު ވަޒީރު ހައްޔަރު ކުރުމާއި ގުޅިގެން، އެ ޤައުމުގެ ސިޔާސީ މަސްރަޙު އިތުރަށް ހީނަރު ވެގެން ދިއުމުގެ ބިރު އޮތް ކަމަށް ބުނެ، އަދއާއި އެފްރިކަން ޔޫނިނުން ވަނީ ކަންބޮޑުވުން ފާޅު ކޮށްފައެވެ.މީގެ 9 މަސް ކުރިން އެ ޤައުމުގެ އަސްކަރިއްޔާއިން ކުރި ބަޣާވާތުގައި، މާލީގެ ކުރީގެ ރައީސް މަޤާމުން ވަކި ކުރުމަށް ފަހު، އެ ޤައުމުގެ ސިޔާސީ މަސްރަޙު ވަނީ ހަލަބޮލި ވެފައެވެ.
މާލީގެ ރައީސް، ބާއު އެންޑާއޯ އަދި ޕްރައިމް މިނިސްޓަރު މޮކްތާރު ވާން ހައްޔަރު ކޮށްފައި ވަނީ، 2020 ވަަނަ އަަހަރުގެ އޯގަސްޓު މަހު ކުރި ބަޣާވާތުގައި އިސް ސަފުގައި މަސައްކަތްކުރި އަސްކަރީ 2 ލީޑަރުންނަށް ސަރުކާރުގެ މަޤާމެއް ދީފައި ނުވުމުގެ ސަބަބުން، އަނެއްކާވެސް އެ ޤައުމުގައި ބަޣާވާތެއް ހިންގަފާނެ ކަމުގެ ބިރު ހީވެފައި ވަނި ކޮށެވެ.
އދ އާއި އެފްރިކަން ޔޫނިއަން އިން ގުޅިގެން ވަނީ، އެއްވެސް ޝަރުތަކާއި ނުލައި ވަގުތުން ވަގުތަށް މި ދެބޭފުޅުން ދޫކޮށްލަން ގޮވާލާ ބަޔާނެއް ނެރެފައެވެ.އަދި ބައިނަލްއަޤްވާމީ މުޖުތަމައުން، މަޖުބޫރު ކުރުވައިގެން އިސްތިއުފާ ދޭން ޖެހުންފަދަ ،އެއްވެސް ގޮތަކުން މަޖުބޫރު ކޮށްގެން ކުރުވާ ކަމެއް ބަލައި ނުގަންނާނެ ކަމަށްވެސް މި ބަޔާނުގައި ވެއެވެ. އެމެރިކާއާއި، އިނގިރޭސިވިލާތާއި،ޖަރުމަނުވިލާތުގެ އިތުރުން އެފްރިކާގެ އެކޯވާސް ވެސް ވަނީ މި ބަޔާނުގައި އެ ފަރާތްތަކުގެ ސޮއި ހިމަނާފައެވެ. އަދި އެކޯވާސްގެ ވަފުދެއް މާލީގެ ވެރިރަށް، ބަމަކޯއަށް އަންގާރަ ދުވަހު ދިއުމަށް ހަމަޖެހިފައިވާ ކަމަށްވެސް މި ބަޔާނުގައި ވެއެވެ.
މާލީގެ ރައީސާއި ބޮޑުވަޒީރުގެ އިތުރުން، ޑިފެންސް މިިނިސްޓަރު ސުލޭމޭން ޑޯކޯ ހައްޔަރުގައި ބައިތިއްބާފައި ވަނީ ބޮމަކޯގެ ބޭރުގައި ހުންނަ ކާޓީ ނަމަކަށް ކިޔާ އަސްކަރީ ބޭސްއެއްގައި ކަމަށް، މާލީގެ ސަރުކާރުގެ އޮފިޝަލުންނާއި އެހެނިހެން މުއުތަަބަރު ފަރާތްތަކުން ރޮއީޓަރސްއަށް ވަނީ މައުލޫމާތު ދީފައެވެ.
މިކަމާއި ގުޅިގެން އދ ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުއްތަރޭޒްވެސް ވަނީ ކަންބޮޑުވުން ފާޅު ކުރައްވާ ޓްވީޓެއް ކޮށްފައެވެ.އަދި ޔޫރަޕިއަން ޔޫނިއަންގެ ޤައުމުތަކުގެ ވެރިންވެސް، މާލީގައި އިންތިޚާބު ކޮށްފައިވާ ލީޑަރުގެ 'ކިޑްނެޕންގ'ވަނީ ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފައެވެ.
އަލްޖަޒީރާއިން ރިޕޯޓު ކުރާ ގޮތުގައި، މި ދެ ބޭފުުޅުން ހައްޔަރު ކުރުމުގެ ކުރިންވެސް އެ ޤަައުމުގެ ދާޚިލީ މަސްރަހުވަނީ ގޯސްވާން ފަށާފައެވެ.ޚާއްސަކޮށް، ފާއިތުވި ރަމަޟާން މަހު، މާލީގައި ގިނަ ހަމަނުޖެހުންތަކެއް ހިންގާފައިވާކަން އަލްޖަޒީރާއިން ފާހަގަ ކުރެއެވެ.އަދި ސިވިލް ސަރވަންޓުންނަށް މުސާރަ ދެމުން ނާންނަ މައްސަލައިގައި އެ ޤައުމުގެ އެންމެ ބޮޑު ޓްރޭޑް ޔޫނިއަނުން އިންތިޒާމްކޮށް ފާއިތުވެ ދިޔަ ހަފްތާތަކުގައި މުޒާހަރާ ކުރަމުންދާ ކަމަށާއި، ކޮވިޑު-19 ގެ ސަބަބުން އެ ޤައުމުގެ އިޤްތިޞާދަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބެމުން އަންނަ ކަމަށް އަލް ޖަޒީރާއިން މައުލޫމާތު ދެއެވެ. އެހެން ކަމުން، މިއީ މާލީއަށް ދަތި ވަގުތަކަށް ވެގެން ދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް