ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އަލްއަމީރު މުހައްމަދު ނޫރައްދީނަކީ އެންމެ ރަނގަޅު އިރުޝާދާއި ލަފާދެއްވި ބޭފުޅެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިިދާޅުވީ ސަރުކާރަށް 53 އަހަރަށްވުރެ ދިގު މުއްދަތެއްގައި ވަރަށް އިޚްލާސްތެރި ޚިދުމަތްތަކެއް ކުރައްވައިފައިވާ މުހައްމަދު ނޫރައްދީން އަވަހާރަވުމާއި ގުޅިގެން މަޖިލީހުގެ ފަރާތުން އެ އާއިލާއަށް ތައުޒިޔާ ވިދާޅުވަމުންނެވެ.
ރައީސް ނަޝީދު ވިދާޅުވީ އަލްއަމީރު މުހައްމަދު ނޫރައްދީނަކީ މީސްތަކުންގެ ލޯތްބާއި އިހުތިރާމް ލިބިވަޑައިގަތް ބޭފުޅެއް ކަމަށެވެ. އަދި ދުވަހަކުވެސް ކޮރަޕްޝަންގެ އިލްޒާމެއް ނުވަތަ އަނިޔާވެރިވެވަޑައިގަތް ކަމުގެ އިލްޒާމެއް އިސްތަށިފުޅުގައި ނޭޅޭ ކަމަށެވެ. މީގެ އިތުރުން އެއީ ކުޅިވަރަށް ލޯބި ކުރެއްވި ބޭފުޅެއް ކަމަށް ވެސް ވިދާޅުވިއެވެ. އަދި އެއީ ދިވެހި ދައުލަތަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބެފުޅެއްކަން ފާހަގަ ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ ހަނދާންވާ ގޮތުގައި ބޮޑުވަޒީރުގެ ނައިބު ކަމާއި އަދި ގިނަ ވުޒާރާތަކެއް ހިންގެވުމާއި ވުޒާރާތަކުގެ ނައިބުކަން ވެސް ކުރައްވާފައިވާ ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ ބެހެއްޓެވި ދީލަތިކަމާއި ދެއްވި ނަސޭހަތް ހަދާނުން ފިލައިގެން ނުދާނެ ކަމަށެވެ. އަދި މަރްހޫމަށް ސުވަރުގޭގެ މަތިވެރިކަން ލައްވައި އާއިލާއަށް ކެތްތެރިކަމާއި ހިތްވަރު ދެއްވުމަށް ދުޢާ ކުރައްވާ ކަމަށެވެ.
އަލްއަމީރު މުހައްމަދު ނޫރައްދީނަކީ ދޮންބަންޑާރައިންގެ ބުރަކަށިފުޅުން ވާރުތަވެގެން ސީދާ ވަޑައިގަތް ރަސްރަސްކަލުންކުރެ، އެންމެފަހު ރަދުންކަމުގައިވާ އަލްސުލްތާން ހަސަން ނޫރައްދީން (ދެވަނައި) ގެ މަނިއްޕުޅެކެވެ. އަލްމަރްހޫމް އަލްއަމީރު މުހައްމަދު ނޫރައްދީންގެ ބައްޕާފުޅަކީ ހުރާ ދަރިކޮޅު ދެކަފިވެގެން ދިޔައިރު، މާންދޫގެ އެއްގަމުގެ ފަޅިން، ރަސްކަމަށް ވާރުތަވެވަޑައިގަތް އެންމެ ފަހު ރަދުންނެވެ.
ދެވަނަ ބޮޑު ހަނގުރާމަ ފެށުނުއިރު ރާއްޖޭގެ ތަޚުތުގައި އިންނެވި ރަދުންނެވެ. އަދި 20 ވަނަ ގަރުނުގައި ރާއްޖޭގެ އެންމެ މަތީ ވެރިންކުރެ ހަމައެކަނި އިސްތިއުފާ ދެއްވި ވެރިޔާއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް