މަޝްހޫރު ފިލްމީތަރި މުހައްމަދު މަނިކުއަށް އެއްޗެއް ގަނެދެވޭނެ ނަމަ ގަނެދޭން ބޭނުންވަނީ އަންނައުނުން ކެހެރި ފިލުވާ އެއްޗެއް ކަމަށް އޭނާގެ ދަރިފުޅު މާހީ ބުނެފި އެވެ.
ބައްޕަ އާއި ދަރިފުޅުގެ ދެމެދުގައި ދެކެވުނު ވާހަތަކުގައި މާހީ އެހެން ބުނުމަށް ފަހު ބުނެފައިވަނީ މަނިކު އަބަދު ގޭގައި އުޅޭއިރު ޝަކުވާކޮށް ރުޅި އަންނާނީ އަންނައުނުތަކުގައި މާގިނައިން ކެހެރި ހުންނަކަމަށް ބުނެ އެވެ. މާހީގެ އެ ވާހަކައަށް ތާއީދުކޮށް މަނިކުބުނެފައިވަނީ ލައިގެން ހުންނަ ހެދުމުން ގައިގަ ކެހެރި ޖެހޭނަމަ ވަރަށް ރުޅިއަންނަ ކަަމެވެ.
ބައްޕަ-ދަރިފުޅު ވާހަކައިގެ ތެރެއިން ދެބަފައިންގެ ދެމެދުގައި ގިނަ ވާހަކަތަކެއް ދެކެވުނު އިރު، ޖަނަވާރަކުން މަނިކުއަށް ނިސްބަތް ކުރާ ނަމަ އޭނާ އަކީ ސިންގާ 'ލަޔަން' ކަމަށް މާހީ ބުނެފައިވެ އެވެ. އެއީ މަނިކު ރުޅިގަދަވެފައި ހުންނަ ވަގުތު ސިންގާ އާއި އެއްގޮތްކަމެއް ހުންނަ ކަމަށް މާހީ ބުންޏެވެ.
މީގެ އިތުރުން، ޝީލާ މާހީ ވިހޭ ދުވަހުގެ ވާހަކަވެސް މަނިކު ވަނީ ކިޔައިދީފައެވެ. މަނިކު ބުނީ ޑޮކްޓަރު ފުރަތަމަވެސް ލަފާ ދިނީ ސިޒޭރިއަން ހެދުމަށް ކަމަށާއި އެކަމަށް ދެކޮޅު ހަދައި އެއްބަސް ނުވެ ހުރުމަށް ފަހު އެެންމެ ފަހުން ޖެހުނީ ގޮތް ދޫކޮށް ސިޒޭރިއަން ހަދަން އެއްބަސްވާން ކަމަށް މަނިކު މާހީ ކައިރީ ބުންޏެވެ.
ނަމަވެސް އޭގެ ހަމަ ކުޑައިރުކޮޅެއް ފަހުން ސިޒޭރިއަން އަކާ ނުލައި ޝީލާ ވިހާފައިވެއެވެ.
" ބޮލުގަ އިސްތަށިކޮޅެއް ނެތް. ކުޑަކުޑަ އިސްތަށިކޮޅެއް އިނީ" މާހީ އެންމެ ފުރަތަމަ ފެނުނު ވަގުތު ސިފަކޮށްދީ، ހެމުން ހެމުން މަނިކު ބުންޏެވެ.
މަނިކު ބުނާގޮތުން، މާހީ ލިބުނުފަހުން ވަރަށް ގިނަ އިތުރު ކަންކަން ދަސްވި ކަމަށެވެ.
މާހީގެ ހުރިހާ ކަމެއް ވައްތަރީ ބޮޑަށް ޝީލާއާކަން މަނިކު ފާހަގަކުރި އިރު، މާހީ ބުނެފައިވަނީ މާހީގެ ބައެއް ކަންތައްތައް މަނިކުއާވެސް ވައްތަރު ކަމަށެވެ.
މާހީ ލިބުމަށްފަހު، އިތުބާރު ކުރަންވީ މީހުންނާއި ނުކުރަންވީ މީހުން ފާހަގަވި ކަމަށް މަނިކު ބުނެއެވެ. މަނިކު ބުނީ އެފަދަ ވާހަކަތައް ކިޔައިދިން ނަމަވެސް މާހީ މެންނަށް ނުވިސްނޭނެ ކަމަށާއި، ނަމަވެސް މަނިކުމެންގެ ސިކުނޑީގައި އަބަދުވެސް އެ ވާހަކަަތައް ހުންނާނެ ކަމަށެވެ.
އެފަދަ ކަންކަމަށް ވިސްނައިގެން އުޅޭތީ، މިހާރު ކުރިއަށް ދާން ވަރަށް ފަސޭހަކަމަށް މަނިކް ބުނެއެވެ. ކުރިން 'ބްލައިންޑް ފޯލްޑް' ވެފައި ތިބި ނަމަވެސް މާހީ ލިބުނު ހިސާބުން ވަރަށް ގިނަ ކަންކަން ދަސްވިކަމަށް މަނިކު ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް