ކޯވިޑް-19 އާއި ގުޅިގެން ފްރަންޓްލައިނުގައި ނުވަތަ އިސް ސަފުގައި މަސައްކަތްކުރާ 11،625 ފަރާތަކަށް މިހާތަނަށް އެލަވެންސް ދީފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި އިއްޔެގެ ނިޔަލަށް 11،625 ފަރާތަކަށް ޖުމްލަ 148.27 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ.
މީގެކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ މި އެލަވެންސް ދިނުމަށް ނިންމާފައިވަނީ ތިން ގިންތިއަކަށް ބަހާލައިގެން ކަމަށާއި، ފުރަތަމަ ގިންތިއަކީ ފްރަންޓްލައިނުގައި މަސައްކަތް ކުރާ ހައި ރިސްކު ފަރާތްތައް ކަމަށެވެ.
އެގޮތުން އެ ފަރާތްތަކަކީ ކޮވިޑަށް ޕޮޒިޓިވްވާ ނުވަތަ ބަލި ހުރެދާނެ ހައި ރިސްކު ފަރާތްތަކާއި ގާތުން ދިމާވެދާނެ ފަރާތްތައް ކަމަށާއި އޭގެތެރޭގައި މެޑިކަލް ޑޮކްޓަރުންނާއި، ނަރުހުންނާއި، ޓެސްޓް ސާމްޕަލް ނަގާ ފަރާތްތަކާއި، ލެބް ޓެކްނީޝަނުންނާއި، ބައްޔަށް ޕޮޒިޓިވްވާ މީހުން އެއް ތަނުން އަނެއް ތަނަށް ގެންދިޔުމުގައި އުޅަނދުތަކުގައި ތިބޭ ފަރާތްތަކުންނާއި، ބައްޔަށް ޕޮޒިޓިވް ވެފައިވާ މީހުންގެ ވޯޑަށް ވަންނަ ފަރާތްތަކާއި، ޓްރެވެލް ކްލިނިކުތަކުގައި މަސައްކަތްކުރާ މީހުން ހިމެނޭނެ ކަމަށް އަމީރު ވިދާޅުވިއެވެ.
އެ ފަރާތްތަކަށް އެލަވެންްސެއްގެ ގޮތުގައި މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކު 500 ރުފިޔާ ދިނުމަށް ނިންމާފައިވާ ކަމަށް އަމީރު ވިދާޅުވިއެވެ.
ދެވަނަ ގިންތިއަކީ ފްރަންޓްލައިނުގައި މަސައްކަތްކުރާ މީޑިއަމް ރިސްކު ފަރާތްތައް ކަމަށާއި މީގެތެރޭގައި ހިމެނެނީ ބައްޔަށް ޕޮޒިޓިވްވާ މީހުންނަށް ސީދާ ގޮތުން ހިދުމަތް ދޭންނުޖެހުނު ނަމަވެސް ހައި ރިސްކު ފަރާތްތަކާއި އެކު މަސައްކަތް ކުރާ ފަރާތްތައް ކަމަށް އަމީރު ވިދާޅުވިއެވެ. އެފަދަ ފަރާތްތަކަށް މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކު 250 ރުފިޔާގެ އެލަވެންސެއް ދިނުމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި ތިންވަނަ ގިންތީގެ ތެރޭގައި ހިމެނެނީ ފްރަންޓްލައިނުގައި މަސައްކަތްކުރާ ލޯ ރިސްކު ފަރާތްތައް ކަމަށާއި އެއީ ފުރަތަމަ ދެ ކެޓެގަރީ އަށް ނުފެތޭ ނަމަވެސް އެންއީއޯސީގައި ދުވާލެއްގެ މައްޗަށް ހަ ގަޑިއިރު ހޭދަކުރާ ފަރާތްތައް ކަމަށް އަމީރު ވިދާޅުވިއެވެ.
އެގޮތުން އެ ފަރާތްތަކަށް އެލަވެންްސެއްގެ ގޮތުގައި މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކު 200 ރުފިޔާ ދިނުމަށް ނިންމާފައިވާ ކަމަށް އަމީރު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް