ހޯރަފުށި އެއާޕޯޓް އޮޕަރޭޝަނަށް ގެނެސް އަލުން ވައިގެ ދަތުރުތައް ފަށަނީ

ޖޫން މަހުގެ ފުރަތަމަ ހަފްތާގައި ހޯރަފުށީ އެއަރޕޯޓަށް އަލުން ދަތުރުތައް ފެށުމުގެ ތައްޔާރީތައް ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ (އާރްއޭސީ)ން ވާން ފަށައިފިއެވެ. އަރަބިކަނޑުގައި އުފެދުނު ތޫފާނުގެ އަސަރު ރާއް...

25 May 2021 | 05:29

ޖޫން މަހުގެ ފުރަތަމަ ހަފްތާގައި ހޯރަފުށީ އެއަރޕޯޓަށް އަލުން ދަތުރުތައް ފެށުމުގެ ތައްޔާރީތައް ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ (އާރްއޭސީ)ން ވާން ފަށައިފިއެވެ.

އަރަބިކަނޑުގައި އުފެދުނު ތޫފާނުގެ އަސަރު ރާއްޖެއަށް ކޮށް މިދިޔަ ހަފްތާގައި މޫސުން ގޯސްވެ ކުރި ވިއްސާރައިގަ އުދައެރުމުގެ ސަބަބުން ގެއްލުންވެ، ހޯރަފުށީ އެއާޕޯޓްގެ ޚިދުމަތް ވަނީ ވަގުތީ ގޮތުން މެދުކެނޑިފައެވެ.

މިކަމާއި ގުޅިގެން ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ރިޒްވީ ވިދާޅުވީ، މޫސުން ގޯސްވެ ހޯރަފުށީ އެއަރޕޯޓް ޓަރމިނަލަށް ލިބުނު ގެއްލުންތައް ރަނގަޅުކުރުމުގެ މަސައްކަތް އެމްޓީސީސީއާއެކު ފަށައިގެން ކުރިއަށްދާކަމަށެވެ. އެމްޓީސީސީއާއި ރަށުގެ ރައްޔިތުން ގުޅިގެންވަނީ އެއަރޕޯޓް ސާފުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ.

އެގޮތުން އުދައެރުމުގެ ސަބަބުން ރަންވޭއަށް އަރާފައިވާ ވެލިތައް ސާފުކުރުމުގެ މަސައްކަތްވެސްވަނީ ކުރިއަށް ގެންގޮސްފައެވެ.

ރިޒްވީ ވިދާޅުވީ ރަންވޭ މަތީގައި ބޯކޮށް ވެލިއަރާފައިވާ ސަރަޙައްދުތައް ހުރުމާއެކު، ރަންވޭ ސާފުކޮށް އެއަރޕޯޓަށް ކުރިމަތިވި އިތުރު މައްސަލަތައް ޙައްލުކުރުމަށް ބޭނުންވާ އުޅަނދުތައްވެސް މިހާރު އެރަށަށް ގެންގޮސްފައިވާކަމަށެވެ. ރިޒްވީ ވިދާޅުވީ ދެ ދުވަހެއްގެ ތެރޭގައި ރަންވޭ ސާފުކުރުމުގެ މަސައްކަތް މުޅިން ނިންމާލެވޭނެކަމަށެވެ. އަދި އެއަށްފަހު ރައްކާތެރިކަމުގެ ގޮތުން ކަށަވަރުކުރަންޖެހޭ ކަންކަމުގެ އެސެސްމަންޓްތައް ކުރިއަށްގެންދާނެކަމަށެވެ.

ރީޖަނަލް އެއަރޕޯޓްސްއިން މައުލޫމާތު ދެއްވާ ގޮތުގައި މަސައްކަތްކުރަމުންދަނީ އަންނަ ޖޫންމަހުގެ ފުރަތަމަ ހަފްތާއަށް މަސައްކަތްތައް ނިންމައި، އަލުން އެއަރޕޯޓް އޮޕަރޭޝަނަށް ގެނައުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް