އެމްޑީޕީ ގައުމީ މަޖިލިސް އިންތިޚާބު ސެޕްޓެމްބަރަސް ފަސްކޮށްފި

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ގައުމީ މަޖިލިސް އިންތިޚާބު މި އަހަރުގެ 25 ސެޕްޓެމްބަރ 2021 ވާ ހޮނިހިރު ދުވަހަށް ފަސްކުރުމަށް ނިންމައިފިއެވެ. މި އިންތިހާބު ކުރިން ބާއްވަން ހަމަޖައްސާފައި އޮ...

25 May 2021 | 05:13

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ގައުމީ މަޖިލިސް އިންތިޚާބު މި އަހަރުގެ 25 ސެޕްޓެމްބަރ 2021 ވާ ހޮނިހިރު ދުވަހަށް ފަސްކުރުމަށް ނިންމައިފިއެވެ.

މި އިންތިހާބު ކުރިން ބާއްވަން ހަމަޖައްސާފައި އޮތީ މިމަހުގެ 29 ވަނަ ދުވަހު އެވެ.

އެމްޑީޕީން ބުނީ މި އިންތިޚާބުގައި ވާދަކުރެވޭނީ، އިންތިޚާބުގައި ވާދަކުރުމަށް ހުށަހަޅަންޖެހޭ އެންމެހައި ލިޔެކިޔުން 8 މެއި 2021 ވީ ހޮނިހިރު ދުވަހުގެ ރޭ މެންދަމު 12:00 ގެ ކުރިން ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން އެ ޕާޓީގެ ގައުމީ ހިންގާ ކޮމިޓީން ކަނޑައަޅާފައިވާ ޝަރުޠުތައް ހަމަވާ ފަރާތްތަކަށް އެކަނި ކަމަށެވެ. ޝަރުޠު ހަމަވާ ކެންޑިޑޭޓުން ދެނެގަތުމަށްފަހު ކެންޑިޑޭޓުންގެ ލިސްޓް އިޢުލާނު ކުރާނެ ކަމަށް ވެސް އެ ޕާޓީން ވަނީ ބުނެފައެވެ.

އެމްޑީޕީން މިނިންމުން ނިންމީ އެ ޕާޓީގެ ރައީސް، ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މާލޭގައި ދިން ނުރައްކާތެރި ނިރުބަވެރި ހަމަލައާ ގުޅިގެން، އެމަނިކުފާނުގެ ހާލުކޮޅު ސީރިއަސްވެ، އެމަނިކުފާނު ފަރުވާ ހޯއްދަވަމުން ގެންދަވާތީ ދާއިރާތަކުގެ އިންތިޚާބު 29 މެއި 2021 ގައި ބޭއްވުމަކީ ރަނގަޅު ކަމެއް ކަމުގައި ނުފެންނާތީއެވެ.

ރައީސް ނަޝީދު ދިރިއުޅުއްވާ ކެނެރީގެ ކައިރީގައި އައިއީޑީއެއް ގޮއްވާލުމުގެ ހާދިސާގައި އެމަނިކުފާނުގެ ހަށިކޮޅަށް 10 ރޭޒާ ފުއް ވަދެ ހަށިގަނޑުގެ މުހިއްމު ގުނަވަންތައް ފޫއަޅުވާލާފައިވެއެވެ. އެތަކެތި ނެގުމަށް އޭޑީކޭގައި 16 ގަޑިއިރުގެ އޮޕަރޭޝަންތަކެއް ކުރިއެވެ. އެކަމަކު މިހާރު އެމަނިކުފާނު ހުންނެވީ އިތުރު ފަރުވާއަށް ޖަރުމަނު ވިލާތުގައެވެ.

މި ހާދިސާއާ ގުޅިގެން މީހުން ހައްޔަރުކޮށްފައިވާއިރު މިނިވަން ތަހުގީގަކަށް ފަހު އިންސާފުގެ ކުރިމައްޗަށް އެމީހުން ގެނެވޭނެ ކަމަށް ރައީސް ސާލިހު ވަނީ ވިދާޅުވެފައެވެ. އަދި ހަމަލާގެ ފަހަތުގައި ތިބި އެހެން މީހުން ވެސް ހޯއްދަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް