އިތުރު ދެ މަރާއި އެކު ކޯވިޑްގައި އިއްޔެ ރެކޯޑު އަދަދަކަށް މީހުން މަރުވެއްޖެ

ކޯވިޑް-19 އަށް ފަރުވާ ދެމުން ދިޔަ އިތުރު ދެ މީހުން މަރުވެއްޖެ އެވެ. އެޗްޕީއޭއިން ބުނީ ރޭ މަރުވެފައިވަނީ އުމުރުން 80 އަަހަރުގެ ދިވެހި އަންހެނަކާއި 58 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭގެ ތެރެއިން 80 އަހަ...

24 May 2021 | 19:40

ކޯވިޑް-19 އަށް ފަރުވާ ދެމުން ދިޔަ އިތުރު ދެ މީހުން މަރުވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ ރޭ މަރުވެފައިވަނީ އުމުރުން 80 އަަހަރުގެ ދިވެހި އަންހެނަކާއި 58 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭގެ ތެރެއިން 80 އަހަރުގެ މިހާ ރޭ 11:27 ގައި މަރުވި އިރު 58 އަހަރުގެ މީހާ މަރުވެފައިވަނީ އޭގެ ތިން މިނެޓު ފަހުން 11:30 ގައި އެވެ.

މި ދެމީހުންނަށް ވެސް މަރުވި އިރު ފަރުވާ ދެމުން ދިޔައީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އެވެ.

މިއީ ރާއްޖެއިން ކޯވިޑް ޖެހިގެން މަރުވި 141 ވަނަ މީހާ އާއި 142 ވަނަ މީހާ އެވެ.

އިއްޔެ އަކީ ރާއްޖޭގައި ކޯވިޑް ޖެހިގެން ރެކޯޑު އަދަދަކަށް މީހުން މަރުވި ދުވަހެކެވެ. އިއްޔެ ޖުމްލަ 13 މީހުން ކޯވިޑްގައި މަރުވެފައިވެ އެވެ.

މަރުވި މީހުންގެ ތެރެއިން 11 މީހުންނަށް ފަރުވާ ދެމުން ދިޔައީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އެވެ. ދެން މަރުވެފައިވަނީ ކޯވިޑް ޖެހިގެން ޅ. ހިންނަވަރު ސިއްހީ މަރުކަޒުގައި ފަރުވާ ދެމުން ދިޔަ މީހަކާއި އައްޑޫ ސިޓީ ހިތަދޫ ކޯވިޑް މެނޭޖްމެންޓް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ މީހެކެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑަށް 57،341 މީހުން ޕޮސިޓިވްވެފައިވެ އެވެ. އޭގެ ތެރެއިން 33،136 މީހުން ވަނީ ބަލިން ރަނގަޅުވެފައި އެވެ.

މިވަގުތު ކޯވިޑް ޖެހިގެން 24،057 މީހުންނަށް ފަރުވާ ދެމުން އެބަދެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް