ދަރިފުޅު (ލޫތު) ގެ މަންމަ އަދި ކުރީގެ އަނބުކަނބަލުން އަސްރާ ނަސީމަށް އެއްވެސް މީހަކު ކުޑައިމީސް ބަހެއް ނުބުނުމަށް އެދިވަޑައިގެންނަވާ ކަމަށް ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު ޢީސަ ވިދާޅުވެއްޖެ އެވެ.
އީސަ މިހެން ވިދާޅުވީ އޭނާއަށް ގެވެށިއަނިޔާގެ ތުހުމަތު ކުރައްވާ އަސްރާ ފުލުހުންގެ އިދާރާއަށް މައްސަލަ ހުށަހެޅުމަށް ފަހު މައްސަލަ އަނބުރާ ނެގިކަމަށް ބުނާ މައްސަލައިގަ އަސްރާއަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ.
އީސަގެ ފޭސްބުކް ޕޭޖުގައި ވިދާޅުވެފައިވަނީ އަސްރާއަށް އެއްވެސް މީހަކު ކުޑައިމީސް ބަހެއް ނުބުނުމަށް އެދިވަޑައިގެންނަވާ ކަމަށެވެ. އަދި މި މައްސަލައިގަ އޭނައަށް އިތުބާރުކޮށް ހިއްވަރުދިން އެއްމެހައި ފަރާތްތަކަށް އީސަ ޝުކުރު އަދާކުރައްވާފައިވެ އެވެ.
މިއީ މި މައްސަލައިގަ އީސަ ސޯޝަލް މީޑިއާއި އެއްޗެއް ހާމަ ކުރެއްވި ފުރަތަމަ ފަހަރެވެ. އީސަ ކުރައްވާފައިވާ އެ ޕޯސްޓާއި އެކު ދަރިފުޅު ލޫތް އާއި އެކު ކުޅެން އިންނަވާ ފޮޓޯއެއް އާންމު ކުރައްވާފައިވެ އެވެ.
އީސަ އާއި ދެކޮޅަށް އަސްރާ ގެވެށި އަނިޔާގެ މައްސަލަ ހުށަހެޅުއްވީ މި މަހުގެ 18 ވަނަ ދުވަހުގެ ރޭ އެވެ. އަސްރާއަށް އީސަ އަނިޔާކުރި މައްސަލަ ފުލުހުންނަށް އެރޭ އެންމެ ފުރަތަމަ ހުށަހެޅީ އަސްރާގެ އަވައްޓެރިއަކު ދަންވަރު 1:30 ހާއިރު ކަމަށްވެ އެވެ.
އީސަގެ ފަރާތުން އަސްރާއަށް ބޮޑެތި އަނިޔާތަކެއް ލިބިވަޑައިގެންނެވި އިރު އެކަމަނާ ހޮސްޕިޓަލަށް ވަޑައިގެންނެވީ ފުލުހުންގެ އެހީއާއި އެކު ކަމަށްވެ އެވެ. މި މައްސަލައިގަ އަސްރާ ވަނީ ފުލުހުންނަށް ބަޔާންވެސް ދެއްވާފަ އެވެ. ނަމަވެސް، އެ މައްސަލަ އިތުރަށް ކުރިއަށްގެންދަން ބޭނުން ނުވާކަމަށް ފަހުން އަސްރާ ބުނެފައިވެއެވެ.
މި މައްސަލައިގެ ތަހުގީގު ފުލުހުން ކުރަމުން ދަނިކޮށް އީސަ ވަނީ އިޖްތިމާއީ ކޮމިޓީގެ މުގައްރިރު ކަމުން އިސްތިއުފާ ދެއްވާފައެވެ. އީސަ ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވަނީ އިސްތިއުފާދެއްވީ އޭނާ އާއި ދެކޮޅަށް ހުށަހަޅާފައިވާ ގެވެށި އަނިޔާގެ މައްސަލައިގެ ތަހުގީގަށް އެއްބާރުލުން ދިނުމުގެ ގޮތުން ކަމަށެވެ. އަދި އެއްވެސް ގާނޫނަކާއި ގަވާއިދަކާއި ޚިޔާފު ކަމެއް ކޮށްފައިނުވާނެ ކަމަށެވެ.
އީސަ ވިދާޅުވީ އެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުން ކުރައްވާ މަސައްކަތަށް ފުރިހަމައަށް އިތުބާރު ކުރައްވާ ކަމަށެވެ. އަދި ދައުލަތުގެ މުއައްސަސާތަކަށް އަބަދުވެސް އެއްބާރުލުން ދޭނެ ކަމަށް ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް