ތ. ގުރައިދޫއަށް 24 ގަޑިއިރު ކަރަންޓު ދިނުމުގައި ދިމާވެފައިވާ ދަތިތައް ހައްލު ކުރުމަށް އިތުރު ޖަނަރޭޓާރެއް އެރަށަކަށް ގެންގޮސްފި އެވެ.
ފެނަކަ ކޯޕަރޭޝަނުން ހިންގާ އެ ރަށު އިންޖީނުގެއަށް އަލަށް ގެންގޮސްފައިވަނީ 600 ކިލޯ ވޯޓުގެ ޖަނަރޭޓަރެކެވެ. އެރަށަށް 24 ގަޑިއިރު ކަރަންޓު ނުލިބޭތާ ހައެއްކަ މަސްވެފައިވާ ކަމަށް އެ ރަށު ކައުންސިލުން މީގެ ކުރިން ދުވަހަށް މައުލޫމާތު ދީފައިވެ އެވެ.
ގުރައިދޫ ކައުންސިލްގެ ރައީސް އަލީ ރަޝީދު ވިދާޅުވެފައިވަނީ އެ ރަށު ރައްޔިތުން ފެނަކަ ފަރާތުން ރޯދަ ހަދިޔާގެ ގޮތުގައި ބޭނުންވަނީ 24 ގަޑިއިރު ކަރަންޓު ޔަގީން ކޮށްދެވޭނެ ވަރުގެ ޖަނަރޭޓަރެއް ކަމަށެވެ. ރޯދަ މަސް ފެށެންވީއިރު ކަރަންޓު ޔަގީން ކޮށް ނުދެވުން ނަމަވެސް ރައީސް އަބްދުﷲ ޔާމީންގެ ހެޔޮ އެދުންތަކާއި އެކު އިއްޔެ އެރަށަށް ވަނީ ބޭނުންވި ރޯަ ހަދިޔާ ގެންގޮސްފަ އެވެ.
ފެނަކަ ކޯޕަރޭޝަނުން ބުނީ ޖަނަރޭޓަރު އެ ރަށަށް ގެންގޮސް އިންސްޓޯލް ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި މަސައްކަތް ނިމުނުހާ އަވަހަށް އެ ޖަނަރޭޓަރުން ރަށަށް ކަރަންޓު ދޭން ފަށާނެ ކަމަށާއި އޭރުން މިހާރު ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށެވެ.
ގުރައިދޫއަށް ޖަނަރޭޓަރެއް ގެންގޮސްފައި މިވަނީ މިމަހުގެ 14 ވަނަ ދުވަހު ފެނަކަ އޮފީސް ކައިރީ މުޒާހަރާ ކުރިފަހުންނެވެ. އެދުވަހު 200 އެއްހާ މީހުން ފެނަކަ އާއި ދެކޮޅަށް އަޑު އުފުލި އިރު ކަރަންޓު ޔަގީންކޮށްދޭނެ ކަމަށް ބުނެ ސަރުކާރުން އެ ރަށު ރައްޔިތުންނަށް ވޭތުވެ ދިޔަ ހަމަހެއްހާ ދުވަހު ދިޔައީ އޮޅުވާލަމުން ކަމަށް ބުނެ އަޑު އުފުލާފައިވެ އެވެ.
އެރަށަށް ކަރަންޓު ދިނުމަށް 400 ކިލޯ ވޯޓާއި، 270 އަދި 250 ކިލޯ ވޯޓުގެ ޖަނެރޭޓަރު ބޭނުން ކުރެއެވެ. އެކަމަކު އޭގެ ތެރެއިން 400 ކޮލޯ ވޯޓުގެ ޖަނެރޭޓަރު ހަލާކުވެފައި ހުންނަތާ އެތައް މަހެއް ވެއްޖެ އެވެ. ކަރަންޓުގެ މައްސަލަ ދިމާވާން ފެށީ އޭގެ ފަހުންނެވެ.
ތ. ގުރައިދޫ އަކީ 2100 އަށްވުރެ ގިނަ މީހުން އާބާދީއެއް އޮންނަ ރަށެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް