ރާއްޖެ ޓީވީގެ ޕްރޮގްރާމް ހެޑް އާމިރު ސަލީމް އާއި ނޫސްވެރިޔާ މުހައްމަދު ވިސާމްގެ މައްޗަށް ފުލުހުން ކުރާ ތުހުމަތާއި ގުޅޭ ހެއްކެއް ނުލިބުމުން މައްސަލަ ފައިލް ކޮށްފި އެވެ.
އެ ދެމީހުންގެ މައްޗަށް ފުލުހުން ކުރަނީ ފުލުހުންގެ އެސްއޯ ޔުނިފޯމްގައި ތިބި ބަޔަކު ސަރުކާރަށް އިންޒާރު ދޭ ވީޑިއޯއެއް ހެދި ކަމުގެ ތުހުމަތެވެ. މި މައްސަލައި މި ދެމީހުން މާޗް މަހުގެ 16 ވަނަ ދުވަހުގެ ރޭ ހައްޔަރު ކުރި އެވެ.
ދެވަނަ ފަހަރަށް މުއްދަތު ޖެހުމަށް އެމަހުގެ 28 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ވަނީ ފުލުހުންނަށް އިތުރު ހެކި ހޯދިފައި ނުވާކަމަށް ކަނޑައަޅައި އާމިރު އާއި ވިސާމް ދޫކޮށްލާފައި އެވެ. އެކަމަކު އެމީހުންގެ ފޯނު ފުލުހުން އޮތީ ހިފަހައްޓާފައި އެވެ. އެކަމަކު މިދިޔަ މަހު ފޯނުވެސް ވަނީ ދީފަ އެވެ.
ފުލުހުންގެ އިދާރާއިން އެ މައްސަލަ ފައިލް ކުރުމަށް ފަހު ވިޝާމް އާއި އާމިރުއަށް އިއްޔެގެ ވަގުތެއްގައި ވަކިވަކިން ދިން، "މައްސަލަ ނިންމި ގޮތުގައި ލިޔުމު"ގައި ބުނެފައި ވަނީ އިންޓަނެޓްގެ ޒަރިއްޔާއިން ބިރުދެއްކި ކަމަށް އެދެމީހުންގެ މައްޗަށް ތުހުމަތު ކުރެވުނު މައްސަލަ ތަހުގީގު ކުރިއިރު، އެކަށީގެންވާ ހެކި ނެތުމުން މައްސަލަ ފައިލް ކޮށްފައިވާ ކަމަށެވެ. އަދި އިތުރު މައުލޫމާތު ލިބިއްޖެ ނަމަ މައްސަލަ އިތުރަށް ކުރިއަށް ގެންދާނެ ކަމަށެވެ.
އެ ދެ މީހުންނާއި ހަވާލާދީ ރާއްޖެ ޓީވީން އޭރު ބުނެފައިވަނީ އެފަދަ އަމަލެއް އެމީހުން ނުކުރާ ކަމަށެވެ. އެ ދެ ނޫސްވެރިން ހައްޔަރުކުރީ އެ ސްޓޭޝަން ބަންދު ކުރުމުގެ ނިޔަތުގަ ކަމަށާއި ގާނޫނާ ހިލާފް އެއްވެސް ކަމެއް ކުރަން އެ ސްޓޭޝަނުން ހިތްވަރު ނުދޭ ކަމަށް ވެސް ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް