ނިޕާ ވައިރަސް – މި ކަންކަމަށް ސަމާލުކަން ދެއްވާ

މިދުވަސްވަރު އިންޑިޔާގެ ކެރެލާ ސްޓޭޓްގެ ބައެއް ހިސާބުތަކުގައި ނިޕާ ވައިރަސް ފެތުރެމުންދާ ކަމުގެ މައުލޫމާތު ކިޔުންތެރީންނަށްވެސް  މިހާރު ވާނީ ލިބިފައި އެވެ. މިކަން އެޗް ޕީ އޭ އިން ދުނިޔޭގެ ސިއްހަތު ޖަމ...

25 May 2018 | 04:52

މިދުވަސްވަރު އިންޑިޔާގެ ކެރެލާ ސްޓޭޓްގެ ބައެއް ހިސާބުތަކުގައި ނިޕާ ވައިރަސް ފެތުރެމުންދާ ކަމުގެ މައުލޫމާތު ކިޔުންތެރީންނަށްވެސް  މިހާރު ވާނީ ލިބިފައި އެވެ. މިކަން އެޗް ޕީ އޭ އިން ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ލަފަޔާއެކު ގާތުން ބަލަމުންދާ ކަމަށް އިއްޔެ ވަނީ ބުނެފައި އެވެ.

ނިޕާ ވައިރަސް ފެތުރެނީ ކިހިނެއްކަން ކިޔުންތެރީންނަށް އެނގިލައްވާތޯ އެވެ. ؟

ނިޕާ ވައިރަހަކީ ތެރޯޕަސް އާއިލާގެ ވާލުން (fruit bats) އަދި އޫރުން އިންސާނުންނަށް ޖެހޭ ބައްޔެކެވެ. މިބާވަތުގެ ވާ ކައިފައިވާ މޭވާ ނުވަތަ ވާލުގެ ކުޅު ނުވަތަ ކުޑަކަމުދާ އެއްޗެހި ޖެހިފައިވާ ކާނާ ބޭނުންކުރުމުން އިންސާނުންނަށް ބަލި ޖެހުމުގެ ފުރުސަތު އޮވެއެވެ.

ބަލީގެ އަލާމަތްތަކާއި ފަރުވާ ތަކަކީ ކޮބާ ؟

މިބަލި ޖެހުމުން ބައެއް މީހުންނަށް އެއްވެސް އަލާމާތެއް ނުފެނި ހިނގައިދާނެއެވެ. ބަލި ޖެހޭ ގިން މީހުންނަށް އާންމުކޮށް ފެންނަ އަލާމާތްތަކުގެ ތެރޭގައި ހުންއައުމާއި، ބޮލުގައި ރިއްސުމާއި، ގައިގައި ރިއްސުމާއި، ކަރު ތެރެ ސަކަރާތްވުން ހިމެނެއެވެ. ބަލި ޖެހޭ ބައެއް މީހުންގެ ސިކުނޑިއަށް ބަލީގެ އަސަރުކޮށް ބޯއެނބުރުމާއި، ހެޔަށް ގޮތްވުން އަދި ފިޓް ޖެހުން ފަދަ އަލާމަތްތައް ވެސް ފެނެއެވެ. މި ބައްޔަށް ވަކި ހާއްސަ ފަރުވާއެއް ނުވެއެވެ. އެހެންނަމަވެސް ޑެންގީ، ޒިކާ ފަދަ ބަލިތަކަށްދޭ ފަރުވާ ފަދައިން، މިބައްޔަށް ވެސް ފަރުވާ ދެވެނީ ބަލީގެ އަލާމާތްތަކަށެވެ.

ނިޕާއިން ރައްކާތެރިވުމަށް ކުރެވޭނީ ކީއް ؟

ނިޕާއިން ރައްކާތެރިވުމަށް އަންނަނިވި ކަންކަމަށް ސަމާލުކަން ދިނުން މުހިއްމެވެ.

  • ގަސްގަހުގައިވާ މޭވާ ވާލުން ރައްކާތެރިކުރުން
  • ރުކުރާ ނެގުމުގައި ވާލުން ރައްކާތެރިކުރުން
  • މޭވާ ބޭނުންކުރުމާއި އަދި ވިންކުމުގައި އާންމު ސަމާލުކަންދިނުން – މޭވާ މަށައިގެން އަދި ރަނގަޅަށް ދޮވެގެން ބޭނުން ކުރުން އަދި އެއްވެސް ތަންކޮޅެއް ހަލާކު ވެފައި ވާނަމަ މޭވާ ބޭނުން ނުކުރުން.

މީގެ އިތުރުން، އިންޑިޔާގެ ކެރެލާ ސްޓޭޓްގެ ސަރުކާރުން ދަތުރުވެރިންނަށް ކެރެލާގެ އުތުރުގެ ހަތަރު ޑިސްޓްރިކްޓް ކަމުގައިވާ ކޮޒިކޯޑު، މަލައްޕުރަމް، ވަޔަޑާން، އަދި ކަންނޫރުއަށް ދަތުރުކުރާނަމަ ސަމާލުވުމަށްވަނީ ލަފާދެއްވާފައެވެ.

މިހާތަނަށް ރާއްޖެއިން މިބަލި ފެނިފައި ނުވި ނަމަވެސް އަވަށްޓެރި ޤައުމުތަކުގައި ނިޕާ ފެތުރުމާއި، ރާއްޖޭގައި މިބަލި ފަތުރާ ބާވަތުގެ ވާ އުޅުމުގެ ސަބަބުން، މިބަލި ރާއްޖެއަށް އައުމުގެ ފުރުސަތު ބޮޑު ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީން ވަނީ މައުލޫމާތު ދީފައެވެ. އެހެން ކަމުން، މިނިސްޓްރީ އޮފް ފިޝަރީސް އެންޑް އެގްރިކަލްޗަރ ގެ ލަފައާއިއެކު އެޗް ޕީ އޭ އިން ދަނީ މިހާލަތު ބަލާ މޮނިޓަރ ކުރަމުންނެވެ. އަދި ދިވެހި ރާއްޖެ މިބަލިން ރައްކާތެރިކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށް ވެސް ވަނީ އެ އޭޖެންސީއިން ވަނީ މައުލޫމާތު ދީފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް