އިސްލާމިކް ފައިނޭންސްގެ ރާއްޖޭގެ އެންމެ ކުޑަ ލީސިންގް ރޭޓްގައި ގެދޮރު ގަތުމަށް ފައިނޭންސިންގ ސްކީމް ބީއެމްއެލް އިސްލާމިކް އިން މިއަދު ތަޢާރަފްކޮށްފިއެވެ.
ބީއެމްއެލް އިސްލާމިކް އާ ބައިވެރިވެގެން ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށަކުންވެސް އާ އެޕާޓްމެންޓެއް ނުވަތަ ގެޔެއް ގަންނަން ބެނުންވާ އަމިއްލަ ފަރާތްތަކަށާއި އާއިލާތަކަށް ބީއެމްއެލް އިސްލާމިކް ހޯމް ޕާރޗޭސް ފައިނޭންސިންގައި ބައިވެރިވެވޭނެއެވެ. މި ޕްރޮޑަކްޓް ތަޢާރަފްކޮށްފައިވަނީ މާލޭގައި ހުންނަ ބީއެމްއެލް އިސްލާމިކްގެ ހެޑް ކުއާޓަރޒްގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
ބީއެމްއެލްއިން ހާމަކުރާގޮތުގައި މިއީ އިސްލާމީ ޝަރީއާ ހަމަތަކަށް ފެތޭ ގޮތަށް ބޭންކުން ތަޢާރަފްކުރުމަށް ހަމެޖެހިފައިވާ ހައުސިން ފައިނޭންސިންގ ޕްރޮޑަކްޓްތަކުގެ ތެރެއިން އެންމެ ފަހުގެ ޕްރޮޑަކްޓްއެވެ. މިއަހަރުގެ ކުރީކޮޅު ބޭންކުން ވަނީ ރާއްޖޭގައި މިވަގުތު ދޫކުރާ އެންމެ ކުޑަ ލީސިންގ ރޭޓާ އެކު ހޯމް ކޮންސްޓްރަކްޝަން އަދި ރިއަލް އެސްޓޭޓް ފައިނޭންސިންގ ފެސިލިޓީސް ތަޢާރަފްކޮށްފައެވެ. ގެދޮރު އިމާރާތްކުރުމަށް ފަންޑް ބޭނުންވެފައި ތިބި ގިނަ އަަދަދެއްގެ ބަޔެއްގެ ތަރުހީބު މި ޕްރޮޑަކްޓްތަކަށް ދަނީ ލިބެމުންނެވެ.
މިއަދު ތައާރަފްކުރި ޕްރޮޑަކްޓާއި ބެހޭ ގޮތުން ބީއެމްއެލް އިސްލާމިކްގެ ޑިރެކްޓަރ ޒުލްޤަރްނައިން ތަމަން ވިދާޅުވީ "އަމިއްލަ ގެދޮރުވެރި ބަޔަކަށް ވުމަށް މަސައްކަތްކުރަމުންދާ އާއިލާތަކާއި އަމިއްލަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ޕްރޮޑަކްޓެއް އާންމުންނަށް ތައާރަފްކުރެވުމަކީ އަޅުގަނޑުމެންނަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭކަމެއް. ގިނަ އަދަދެއްގެ އަޕާޓްމަންޓް އަދި ރޯހައުސްތައް މިދުވަސްވަރު ރާއްޖޭގައި ދަނީ އަޅަމުން، އަދި މިއަދު މިއިއުލާން ކުރެވުނު ޕްރޮޑަކްޓް ވެގެންދާނީ ޝަރީއާ ހަމަތަކަށް ފެތޭ އަދި މާކެޓްގައި މިވަގުތު އެންމެ ކުޑަ ރޭޓްގައި ގެދޮރު ގަތުމަށް ބޭނުންވެފައި ތިބި ކަސްޓަމަރުންނަށް ލިބޭ އުފާވެރި ޚަބަރަކަށް."
ބީއެމްއެލް އިސްލާމިކް ފަރުމާކުރެވިފައިވަނީ އިސްލާމީކް ބޭންކިންގ އާ ގުޅޭ ބައިނަލްއަޤްވާމީ އެންމެ ރަނގަޅު އުސޫލުތަކަށް ބިނާކޮށް، ޝަރުޢީ ހަމަތަކަށް ފުރިހަމައަށް ފެތޭ ގޮތުގެ މަތީންނެވެ. ކަސްޓަމަރުން ޑިޕޮސިޓް ކުރާ ފައިސާ ބަލަހައްޓަނީވެސް މުޅިން ވަކި ފަންޑެއްގެ ގޮތުގައެވެ. އަދި އެ ފައިސާ ބޭނުންކުރަނީ އިސްލާމީ ޝަރުޢީ ހަމަތަކަށް ފެތޭ ކަންކަމަށެވެ. ބީއެމްއެލް އިސްލާމިކް ހިންގަމުންދަނީ އިސްލާމިކް ފައިނޭންސްގެ ބައިނަލްއަޤްވާމީ ތަޖުރިބާކާރުންނާއެކު އެކުލަވާލާފައިވާ ބޭންކުގެ ޝަރީޢާ އެޑްވައިޒަރީ ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.
މާލޭ ކަސްޓަމްސް ސަރަހައްދުގައި ހުންނަ ބީއެމްއެލް އިސްލާމިކްގެ މާލޭ ބްރާންޗުން މިއަދުން ފެށިގެން ހޯމް ޕާރޗޭސް ފައިނޭންސްއަށް އެދޭ ފޯމު ބަލައިގަންނަމުންދާނެއެވެ. އަދި މާލޭން ބޭރުގައި ހުރި ބީއެމްލްގެ ހުރިހާ ބްރާންޗަކުންވެސް މި ފޯމް ބަލައިގަންނަމުންދާނެ ކަމުގައި ބީއެމްއެލްއިން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް